بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ لَّلهِ رَبِّ الْعاَلَمِينْ، وَالصَّلاَةُ وَالسَّلاَمُ عَلَى سَيِّدنَا مُحَمَّدٍ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
މިއީ 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރި އުފާވެރި ވަގުތެވެ. ކީރިތި ޤުރްއާނުން އެނގޭގޮތުގައި، މާތް ﷲ ރޯދަ ފަރުޟުކުރެއްވީ ތަޤުވާވެރިވުމަށްޓަކައެވެ. ކުށްފާފަތަކަށް އަރައިގަތުމަށް ބިރުވެތިވެ، އެކަންކަމުން ދުރުހެލިވުމަށްޓަކައެވެ. ތެދުމަގުގައި ސާބިތުވެ، ހެޔޮ ކަންކަންމަތީ ދެމިތިބުމަށްޓަކައެވެ. އެހެންކަމުން، ރަމަޟާން މަހަކީ ހެޔޮކަމުގެ މޫސުމެކެވެ. ބާއްޖަވެރިކަމުގެ މައްސަރެކެވެ. މި ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށާއި، މުޅި އިސްލާމީ އުންމަތަށް ނުހަނު އިޚްލާޞްތެރިކަމާއެކު ފޮނުވަމެވެ.
އިޖުތިމާޢީ ވަރަށްގިނަ ޢިލްމުވެރީން ދެކެވަޑައިގަންނަވާ ގޮތުގައި، އިޞްލާޙުގެ ފެށުމަކީ ތިމާއެވެ. އާއިލާއަކަށް، މުޖުތަމަޢަކަށް ނުވަތަ ޤައުމަކަށް އިޞްލާޙެއް، ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ، އެންމެ ފުރަތަމަ އެ ބަދަލެއްގެ ޢަމަލީ ނަމޫނާއަކަށްވުން، އެ މީހަކާ ހިސާބުން ފަށަންޖެހެއެވެ. އޭރުން ތިމާގެ ކިބައިން ފެށުނު ފެށުން އާއިލާއަށް، މުޖުތަމަޢަށް އަދި މުޅި ޤައުމަށް ފޯރައެވެ.
މި ބަރަކާތްތެރި ހެޔޮކަމުގެ މޫސުން އަޅުގަނޑުމެންނާ ބައްދަލުކުރިއިރު، އަޅުގަނޑުމެން މުޖުތަމަޢުން ދެކެން ބޭނުންވާ، ވަރަށް ގިނަ ހެޔޮ ކަންކަން އެބަހުއްޓެވެ. ދީނީކަންކަމާއި، އާދަކާދައިގެ ކަންކަމެވެ. އުސޫލާއި ޤާނޫނާއި ގަވާއިދަށް ބޯލެނބުމެވެ.
ފަސްވަގުތު ނަމާދުކުރާ މުޖުތަމަޢެއް އަޅުގަނޑުމެން ބޭނުމެވެ. ކުޑަކުދީންގެ ކަރާމާތް ރައްކާތެރިކުރާ، ބޮޑެތި މީހުންނަށް އިޙްތިރާމުކުރާ މުޖުތަމަޢެއް އަޅުގަނޑުމެން ބޭނުންވެއެވެ. މަސްތުވާތަކެތިން ސަލާމަތްވެފައިވާ، ޞިއްޙީގޮތުން ނުރަނގަޅު އާދަތަކަށް ނޫނެކޭ ބުނާ މުޖުތަމަޢެއް އަޅުގަނޑުމެން ބޭނުންވެއެވެ. ހުރިހާ ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ އަސްލުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށްހިތާ، ދިވެހީންގެ ހަރުދަނާ އިސްލާމީ ސަގާފަތާއި، ދިވެހިވަންތަ ރީތި ތަހުޒީބު އަމިއްލަ ގޮތްތައް ނަގަހައްޓާ މުޖުތަމަޢެއް އަޅުގަނޑުމެން ދެކެން ބޭނުންވެއެވެ.
ދިވެހިރާއްޖޭގެ އަމާންކަމަށްޓަކައެވެ. ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތަށްޓަކައެވެ. ހެޔޮލަފާ، ޚުލްޤު ހެޔޮ އަދި ޒަމާނާއެކު ކުރިއަރާފައިވާ ބަޔަކަށް ދިވެހީން ވުމަށްޓަކައެވެ. ދުނިޔޭގެ އެހެން މީހުންގެ ކިބައިންވެސް ދިވެހީންނަށް ހެޔޮބަސްތައް ލިބި، ދިވެހީންގެ ޤަދަރު މަތިވެރިވުމަށްޓަކައެވެ.
ދިވެހި މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނައުމުގައި މަދަދު ހޯދާން ރަމަޟާން މަހަކީ ރަނގަޅު މުރުޝިދެކެވެ. ރަމަޟާން މަސް އަޅުގަނޑުމެންނަށް އަޚްލާޤުގެ އެންމެ މަތިވެރި ހުރިހާ ފިލާވަޅެއް އުނގަންނައިދެއެވެ. އަޅުކަންތައްތަކުން ވަގުތުތައް ރާވައިލުމާއި، ވަގުތަށް ކަމޭހިތާން ދަސްކޮށްދެއެވެ. ޛިކުރުތަކުން ތަޤުވާވެރިވުމާއި، ހިތާއި ރޫޙާއި ހަށިގަނޑު ހެޔޮ ކަންކަމުގައި ހޭދަކުރާން ދަސްކޮށްދެއެވެ. އެ މައްސަރުގައި ވެވިފައިވި ހަނގުރާމަތަކުން އިސްލާމީ އުންމަތަށް ހެޔޮއެދުމާއި، ޙައްޤާއި ބާޠިލާ ދެމެދު ތިމާ ސާބިތުވާންވީ ގޮތް ދައްކައިދެއެވެ. ހިތްވަރާއި ކެރުމާއި، ޢަޒުމާއި ޤުރުބާނީގެ މާނަތައް ހިތުގައި ބިންވަޅުނަގައިދެއެވެ. ރޯދަވީއްލުމާއި، ހާރުދަން ފަދަ އިޖުތިމާޢީ އާއިލީ ބައްދަލުވުންތަކަކީ ޖަމާޢަތުގެ ގުޅުންތައް ހަރުދަނާކުރުމާއި، ދޭދޭ ކުލުނާއި ލޯބި އަށަގަންނުވައިދިނުމުގެ މަދަރުސާތަކެކެވެ.
ވީމާ، މިކަންކަން އަޅުގަނޑުމެން ކޮންމެ މީހަކު އަމިއްލަ ނަފުސާ ހަމައިން ފަށަމާތޯއެވެ! މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަކީ ޤައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، އަމިއްލަ ނަފްސު އެ ބަދަލާ އެއްގޮތަށް، ދީނީ، ޤައުމީ އިންތަކުގެ މަތީގައި ތަރުބިއްޔަތުކުރާ މައްސަރަކަށް ހަދަމާތޯއެވެ!
އޯގާވަންތަ ﷲ، މިގޮތުގައި އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު ދެއްވާށިއެވެ! މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށިއެވެ! އާމީން.
1447 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި ތަހުނިޔާގެ ޚިޠާބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ