އެމްއެމްއޭގެ އެޑްވައިޒަރުން ވަކިކޮށް، އެ މަގާމު އުވާލައިފި

މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރުގެ އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން މިއަދު މަގާމުން ވަކިކޮށް، އެ މަގާމު އުވާލައިފި އެވެ.
ތަފްސީލް - އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރުގެ އެޑްވައިޒަރުންގެ މަގާމުން ވަކިކޮށްފައިވަނީ:
މަރިޔަމް ހުސެން ދީދީ؛ އެމްއެމްއޭގައި 25 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވޭ
އިދުހާމް ހުސެން 
މަރިޔަމް ޝިފާ
މިކަމާ ގުޅޭ ގޮތުން އެމްއެމްއޭން ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.
 ނަމަވެސް، އެ ބޭންކުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެޑްވައިޒަރުންގެ ބޯޑު އުވާލަން ނިންމީ ގަވަރުނަރަށް ދޭންޖެހޭ ލަފާ އެ ބޭފުޅުންނަށް އެންމެ އެދެވޭ ގޮތެއްގައި ނުދެވޭތީ އެވެ. އަދި އެއީ މި ވަގުތަށް އެ ތަނަށް މުހިންމު މަގާމުތަކެއް ކަމަށް ނުފެންނާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މަގާމުތަކަށް އަހަރަކު 2.4 މިލިއަން ރުފިޔާ ހަރަދުވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އެނގިފައިވާ ގޮތުގައި، އެމްއެމްއޭގެ ބޯޑުން މި ނިންމުން ނިންމުމަށް ފަހު، އެ ތިން ބޭފުޅުންނަށް ވަނީ ދެ އިހްތިޔާރެއް ދީފަ އެވެ. އެއީ:
ތިން މަސްދުވަހު ވަޒީފާގައި މަޑުކުރުމަށް ފަހު އިތުރު ތިން މަހުގެ މުސާރައާ އެކު ވަކިވުން 
ނުވަތަ ވަގުތުން ވަޒީފާ އިން ވަކިވެ، ހަ މަސްދުވަހުގެ މުސާރަ އާއި އިނާޔަތްތައް އެއްފަހަރާ ނެގުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ