ޕެންޝަން އޮފީހަށް ރައްޔިތުން ކުރަމުން އައި އިތުބާރު ވެއްޔާ މޮޑެވިއްޖެ: ޝާހިދު

ރައްޔިތުންގެ މުސްތަގުބަލަށްޓަކައި ޖަމާކޮށްފައިވާ ޕެންޝަން ފައިސާ، މާލީ މުއާމަލާތްތަކެއްގެ ނަމުގައި ފައިސާ އިތުރުކުރުމުގެ ވަސީލަތަކަށް ހަދަން ނިންމުމަކީ ޕެންޝަން އޮފީހަށް އޮތް އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމުގައި ސަރުކާރު ނުކުޅެދުމުން، މިނިވަން މުއައްސަސާތަކުގެ މައްޗަށް ނުފޫޒު ފޯރުވައިގެން ހިންގާފައިވާ ބޭއިންސާފު އަމަލެއް ކަމަށެވެ. ޖަމީލު މިފަދަ ޕޯސްޓެއް ކުރައްވާފައި މި ވަނީ ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ޕެންޝަން އޮފީހުގެ ބޯޑުން ފާސްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.ޕެންޝަން އޮފީހުގެ ބޯޑުގެ އެ ނިންމުމާ ގުޅިގެން އެ އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވަނީ މިއަދުގެ ވަގުތެއްގައި އިސްތިއުފާ ދެއްވައިފަ އެވެ. ސުޖާތާއަކީ މި ބޮންޑު މުއާމަލާތުގެ މަސައްކަތް ފެށި ފަހުން ޕެންޝަން އޮފީހުގެ ބޯޑުން ނޫނީ އިސް މަގާމަކުން އިސްތިއުފާ ދިން ފަސް ވަނަ ބޭފުޅާ އެވެ.ސުޖާތާ އިސްތިއުފާދެއްވިއިރު ޕެންޝަން އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ވަނީ މި މުއާމަލާތުގެ މައުލޫމާތު ރަަސްމީކޮށް ފުރަތަމަ ފަހަރަށް އާންމުކޮށްފަ އެވެ.ޕެންޝަން އޮފީހުގެ ބަޔާނުގައި ބުނީ، ސަރުކާރުގެ ބޮންޑަށް އިންވެސްޓު ކުރަނީ މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލައިގެން ލިބޭ ފައިސާއިންނެވެ. އެ އޮފީހުގެ ބަޔާނުގައި މި ބޮންޑުތައް ގަންނަނީ އެމްއެމްއޭއިން ކަމެއް ބަޔާންކޮށްފައި ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ