ސިއްހީ ޚިދުމަތްތެރިންގެ އަގު ވަޒަންކޮށް، އެކަށޭނަ އުޖޫރައެއް ދޭން ސިޔާމް ގޮވާލައްވައިފި
ސިއްހީ ޚިދުމަތްތެރިންގެ އަގު ވަޒަންކޮށް، އެ މީހުންނަށް މަސައްކަތު މާހައުލުގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، އެ މީހުން ކުރާ ބުރަ މަސައްކަތަށް އެކަށޭނަ އުޖޫރައެއް ދިނުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް، އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ގޮވާލައްވައިފިއެވެ. ބައިނަލްއަގުވާމީ ސިއްހަތުގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ އަރިސްކުރައްވައި ސިޔާމް ފޮނުއްވި ޚިތާބުގައިވަނީ، އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ ދިވެހީންނަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ގޮވާލައްވައިފައެވެ. ވަކިން ޚާއްސަކޮށް، އުމުރުން ދުވަސްވީ މީހުންނަށާއި މައިންބަފައިންނަށާއި ތުއްތު ކުދިންގެ ސިއްހަތަށް އިސްކަންދީ، ރާއްޖޭގެ ސިއްހީ ނިޒާމަކީ އެންމެންގެ ބައިވެރިވުން ހިމެނޭ، ވަށާޖެހޭ އިންސާފުވެރި ނިޒާމަކަށް ހެދުމަށް، އެމަނިކުފާނު ގޮވާލެއްވިއެވެ. އެއާއެކު، ސިޔާމް ވަނީ، ކޮންމެ ދިވެހި ރައްޔިތަކީ ސާފު ބޯފެނާއި ހަރުދަނާ ނަރުދަމާ ނިޒާމެއްގެ ޚިދުމަތް ލިބިފައިވާ، އަދި ރައްކާތެރި ކާނާއާއި ބޭސްފަރުވާގެ ފުރުސަތުތައް ފަހިވެފައިވާ ރައްޔިތުންނަށް ހެދުމަށް ގަދައަޅައި މަސައްކަތްކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަން ހަނދާންކޮށްދެއްވައިފައެވެ. "ސިއްހީ ޚިދުމަތްތެރިންނަކީ އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ މަތިވެރި ނަމޫނާއެއް ދައްކަމުންދާ ބަޔަކަށްވީހިނދު، އެ ފަރާތްތަކުގެ އަގުވަޒަންކޮށް މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި، އެ ބޭފުޅުން ކުރައްވާ ބުރަ މަސައްކަތާ އެކަށޭނަ އުޖޫރައާއި އިނާޔަތްތައް ފޯރުކޮށްދިނުމަށް ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އަޅުގަނޑު ގޮވާލަމެވެ." ސިޔާމް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އުންމީދަކީ ދިވެހި ސިއްހީ ޚިދުމަތްތެރިންނަށް ކުރިއެރުމުގެ އިތުރު ފުރުސަތުތައް ފަހިވެ، ބާއްޖަވެރި މުސްތަގުބަލެއް ލިބުން ކަމަށާއި، އަދި ރާއްޖެއަކީ އެންމެހާ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ މާހައުލަކަށް ވެގެން ދިއުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ