މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހުށަހަޅާފައިވާ ސުލްޙައިގެ ހުށަހެޅުންތަކަށް އީރާނާއި އެމެރިކާއިން އިންކާރުކުރުމާ ގުޅިގެން، ހުޅަނގު އޭޝިއާ ސަރަޙައްދުގެ މަސްރަޙު ނުރައްކާތެރި ދަރަޖައަކަށް ހޫނުވެއްޖެއެވެ. ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ޣައިރުޤާނޫނީ ހަނގުރާމައެއް ފަށާފައި ވަނީ ފެބުރުވަރީ 28 ވަނަ ދުވަހުއެވެ.
އީރާނުން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޝަރުޠުތަކަށް ފުރަގަސްދީފައެވެ. އޭނާ ހުށަހަޅުއްވާފައި ވަނީ ވަގުތީ ގޮތުން ހަނގުރާމަ މެދުކަނޑައިލުމަށެވެ. ޓްރަމްޕް ވެސް ވަނީ އީރާނުން ހުށަހަޅާފައިވާ 10 މާއްދާއަށް އިންކާރު ކުރައްވާފައެވެ. އަދި، ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމަށް އީރާނަށް ދީފައިވާ މުހުލަތު އޭޕްރިލް 7 ވަނަ ދުވަހު ހަމަވާނެ ކަމުގައި ވިދާޅުވެ، އެއަށްފަހު އީރާނުގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ބިނާރާއި ވަސީލަތްތައް ސުންނާފަތިކޮށްލައްވާނެ ކަމުގެ އިންޒާރު ތަކުރާރު ކުރައްވާފައެވެ.
މިއާއެކު، ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރަމުންދާ ޙަމަލާތައް ވެސް ވަނީ އިތުރުވެގެން ގޮސްފައެވެ. ޞަހްޔޫނީ ދައުލަތުގެ ޔަހޫދީ ފައުޖާއި އެމެރިކާއިން ވަނީ އީރާންގެ މަދަނީ ބިނާރާއި ވަސީލަތްތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް އިތުރުކޮށްފައެވެ. މި ގޮތުން، ވެރިރަށް ތެހްރާންގެ ތިން ވައިގެ ބަނދަރަކާއި، އެންމެ ބޮޑު ގޭސް ވަޅު ކަމުގައިވާ ދެކުނު ޕާސްގެ ޕެޓްރޯކެމިކަލް ކޮމްޕްލެކްސް އަދި ކަރަންޓު އުފައްދާ ދެ އިންޖީނުގެއަށް ޙަމަލާދީ، ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
އެންމެ ފަހުގެ ޙަމަލާތަކުގައި އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރުގެ (އައިއާރްޖީސީ) ޖާސޫސީ ގޮފީގެ ވެރިޔާ މޭޖަރ ޖެނެރަލް މަޖީދު ޚާޝިމީ ޝަހީދުކޮށްލިއެެވެ. މީގެ އިތުރުން، އީރާންގެ ނިއުކްލިޔަރ ހަކަތަ އުފައްދާ ބޫޝަހްރް ޕްލާންޓު ކައިރިއަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމާއެކު، ނިއުކްލިޔަރ ކާރިސާއެއްގެ ބިރު ވަނީ ބޮޑުވެފައެވެ. އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާއިން (އައިއޭއީއޭ) ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރައްދުގައި އީރާނުން ވެސް ވަނީ، ގަލްފް ޢަރަބި ޤައުމުތަކުގައި އޮތް އެމެރިކާގެ އަސްކަރީ އަމާޒުތަކާއި ޞަހްޔޫނީ ދައުލަތުގެ ރަށްތަކަށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. މި ގޮތުން، ކުވަޔިތުގެ އަސްކަރީ ވައިގެ ބަނދަރަކަށް ދިން ޙަމަލާތަކެއްގައި އެމެރިކާ ސިފައިންގެ 15 މީހުން ވަނީ ޒަޚަމުކޮށްލާފައެވެ.
ސަޢޫދީ ޢަރަބިއްޔާއާއި އެކުވެރި ޢަރަބި ޢިމާރާތުގައި (ޔޫއޭއީ) އޮތް އެމެރިކާގެ މަޞްލަޙަތުތަކަށް ކަމަށް ބުނެ ވެސް އީރާނުން ވަނީ ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. ނަމަވެސް، ސަޢޫދީ ޢަރަބިއްޔާއާއި ޔޫއޭއީގެ އަސްކަރިއްޔާއިން ވަނީ އީރާންގެ 18 އަސްކަރީ ޑްރޯނާއި ހަތް ބެލިސްޓިކް މިސައިލް ދިފާޢުކޮށް، ވައްޓައިލާފައެވެ. އަދި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަޢޫދީ ޢަރަބިއްޔާއާއި ބަޙްރަޔިން ގުޅައިދޭ މައި ކޯޒްވޭ ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.
ޔަހޫދީ ފައުޖުން އެއްގަމު މަގުން ލުބްނާނަށް އަރައިގަނެފައިވާއިރު، އެ ޤައުމުގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ވެސް ވަނީ އިތުރުކޮށްފައެވެ. މި ގޮތުން، އެމެރިކާއިން ދީފައިވާ ނުރައްކާތެރި އަދި ފަނާކުރަނިވި ޖީބީޔޫ-39 މަރުކާގެ ދެ ބޮން ބޭނުންކޮށްގެން ވެރިރަށް ބައިރޫތަށް ޙަމަލާދީ، ތިން މީހުން ޝަހީދުކޮށްލާފައެވެ. އެކުވެރި ދައުލަތްތަކުން (އދ) ބުނީ، އެއްގަމު މަގުން ޔަހޫދީން ލުބްނާނަށް އަރައިގަތް ފަހުން ގެދޮރު ގެއްލި، ރެފިޔުޖީންނަށް ވެފައިވާ މީހުންގެ އަދަދު 1.1 މިލިޔަނަށް އުފުލިފައިވާ ކަމުގައެވެ.
ހުށަހެޅުންތަކަށް އިންކާރުކުރުމުން ހަނގުރާމައިގެ މަސްރަޙު ނުރައްކާތެރިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ