މާލެ ވިޔަފާރި ބަނދަރަށް މުދާ ބޭލުމުގައި ދިމާވާ ދަތިތައް ޙައްލުކުރަނީ

ރާއްޖެއަށް ކަނޑުމަގުން އެތެރެ ކުރާ މުދާ ބޭލުމަށް ދިމާވާ ދަތިތައް ޙައްލު ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ، ރާއްޖެއަށް މުދާ ބޭލުން ލަސްވަމުންދާ ކަމުގެ ކަންބޮޑުވުން ބައެއް ވިޔަފާރިވެރިން ފާޅުކުރަމުންދާކަން ފާހަގަކުރައްވާފައެވެ.
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ އިތުރަށް ފުޅާވެގެން ދާނެކަމުގެ އިންޒާރު ދީފައިވާއިރު، އެކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އޭގެ ސަބަބުން ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށެވެ. ވަޒީރު ވަނީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދިމާވެދާނެ ކަންކަން ބަލަމުންދާ ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވަޒީރު ވަނީ، ކާބޯ ތަކެއްޗާއި ތެލާ ބޭސްފަދަ ޒަރޫރީ ތަކެތި މެދުނުކެނޑި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ގިނަ ޤައުމުތަކާއެކު މިހާރުވެސް ރަސްމީ މުޢާމަލާތްތައް ކުރަމުންދާ ކަމަށެވެ. އެ މަޝްވަރާތަކަށް ރަނގަޅު ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ސަޕްލައި މެދުނުކެނޑި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ދަނީ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން. ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ބޭނުންވާ ތެލާއި އަސާސީ މުދާ ދަތިކަމެއްނެތި ރާއްޖޭގެ ބާޒާރުން ލިބެން އެބަހުރި." ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ދިމާވެދާނެ ގޮންޖެހުންތަކުގެ އިތުރުން އިމާރާތް ކުރުމުގެ ދާއިރާއަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ދިމާވެދާނެ ގޮންޖެހުންތަކަށް ޙައްލުތަކެއް ހޯދައިދިނުމުގެ މަސައްކަތްތައްވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން އެކުވެރި ޤައުމުތަކުގެ ކުންފުނިތަކާއި، ރާއްޖޭގެ ބައެއް ކުންފުނިތަކާ ގުޅައިދީފައިވާ ކަމަށެވެ.
މާލެ ވިޔަފާރި ބަނދަރަށް މުދާ ބޭލުމަށް ދިމާވާ ދަތިތަކަށް ޙައްލު ހޯދުމަށްޓަކައި އެމްޕީއެލްއާ ކަމާ ގުޅޭ އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ