އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ޤައުމުތަކުގެ ސަރަޙައްދީ ބާރުގެ ތަރުތީބު މި ވަނީ ފުށުންޖެހިފައެވެ. އަނެއްކާވެސް މެދުއިރުމަތީގެ ގަދަހިފުމެއްގެ ތެރޭގައި އެމެރިކާއިން ތާށިވެފައިވާއިރު، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ސިޔާސީ ގޮތުން ގެއްލުންކުޑަ ގޮތަކަށް މިކަމުން ސަލާމަތްވެވޭނެ މަގެއް ހޯދުމުގެ މުޙިއްމުކަން އިތުރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެއާ އެކު ހުރްމުޒް ކަނޑުއޮޅި ވަށައިގެން ތިބި ޤައުމުތަކަށް އެމެރިކާގެ ރައީސްއަށް މި ކަމުން ނުކުމުވޭނެ މަގެއް ދެއްކުމުގެ މަދުން ނޫނީ ނުލިބޭނެ ފުރުޞަތު މިހާރު ވަނީ ލިބިފައެވެ. އެއީ ހުރްމުޒް ކަނޑުއޮޅިއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަމިއްލައަށް ޙައްލެއް ހޯދައިދީގެން ސަރަޙައްދީ ގޮތުންނާއި ދުނިޔޭގެ އިޤްތިޞާދުގައި ގަލްފުގެ ޤައުމުތަކުގެ މުޙިއްމުކަން މަތިކުރުމުގެ ފުރުޞަތެވެ.
އެ ފުރުޞަތުގެ ބޭނުން ނުހިފިއްޖެނަމަ، މި ހަނގުރާމަ ދިގުލައި، ހުރްމުޒް ކަނޑުއޮޅިއަށް އީރާނުން އެކަނި އަތްގަދަކޮށް، އައު ސަރަޙައްދީ ނިޒާމެއް އެހެން ޤައުމުތަކުގެ ލާޒިމުކުރުމުެގެ ފުރުޞަތު ބޮޑެވެ.
ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ޤައުމުތައް ވަނީ ހެޔޮ އެއްގޮތެއް ވެސް ނެތް ދެ ނިންމުމެއްގެ ތެރޭގައި ޒާތަކަށް ތާށިވެފައެވެ. ޚާއްޞަކޮށް ހަނގުރާމައެއްގެ ތެރޭގައި ޓްރަމްޕް ފަދަ އެކި ފަހަރު އެކި ގޮތަށް ވާހަކަފުޅު ދައްކަވާ ބާރުގަދަ ލީޑަރަކާ ކުރިމަތިލުމަކީ އޭގެ ނޭދެވޭ އަސަރުތައް ޔަޤީނުންވެސް ކުރާނެކަމަށެވެ.
ހަމައެއާއެކު، އީރާނާ ދެކޮޅަށް ކުރިއަށް ގެންދާ ޢުދުވާނުގައި، ނުސީދާ ގޮތުން ނަމަވެސް މަދަދުވެރިންގެ ގޮތުގައި އީރާނުން ޤަބޫލުކުރެވުމަކީ ވެސް އީރާނުގެ އަސްކަރީ އިތުރު ޙަމަލާތަކުގެ ޝިކާަރައަކަށްވެ، މުސްތަޤުބަލުގައި މިފަދަ ހަނގުރާމަތައް ހިނގިނުދޭން ކުރާ މަސައްކަތަށް އެޅޭނެ ހުރަހެކެވެ.
ނަމަވެސް، މި ހަނގުރާމައިގެ ތެރެއިން، އެމެރިކާގެ އަސްކަރީ ހިމާޔަތުގެ ހައްދުތައް ވެސް ގަލްފުގެ ޤައުމުތަކަށް ވަނީ ސާފުކޮށް ފެނިގެންގޮސްފައެވެ. ޚާއްޞަކޮށް ޔަހޫދީންގެ މަސްލަޙަތު އެމެރިކާގެ މަސްލަޙަތަށް ވުރެ ތަފާތުކަން ފެންނަމުންދާއިރު، އެމެރިކާގެ ހިމާޔަތުގެ ދަށުގައި ގަލްފު ޤައުމުތަކުން އަބަދު ތިބުމަކީ އޮތް ފުރުޞަތެއް ނޫން ކަން ވަނީ ދޭހަވެގެން ގޮސްފައެވެ.
އަދި ސަރަޙައްދީ ބާރުގެ އައު ތަރުތީބެއް ޤާއިމުނުކުރެވި، އަސްކަރީ ކުރިމަތިލުންތައް ގޯސްވަމުންދާނަމަ ހުރިހާ ގަލްފުގެ ހުރިހާ ޤައުމުތަކެއް ޙާލަތު އިތުރަށް ގޯސްވާނެކަމީ ވެސް ފެންނަން އޮތް ޙަޤީޤަތެވެ. މިގޮތުން، މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި 12 ދުވަހުގެ ހަނގުރާމައިގެ ތެރެއިން، ހަމައެކަނި އީރާނު ޙަމަލާތަކުގެ ޝިކާރައަކަށްވި މާޒީ ވަނީ ރަނގަޅަށް ބަދަލުވެފައެވެ.
އީރާނުގެ ކޮންމެ ސަރަޙައްދަކުން ޑްރޯން ޙަމަލާތައް ފޮނުވައިލުމުގެ ޤާބިލުކަމާއެކު، ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރު ހުއްޓުމަކަށް ގެނެވޭނެކަން ހާމަވުމަކީ، ސަރަޙައްދީ ބާރުގެ ތަރުތީބު ކަނޑައެޅުމުގައި އީރާނުގެ އަތްމަތީގައި އޮތް ބާރު އިތުރަށް ދަލީލުކޮށްދޭ ކަމެކެވެ. އެއާ އެކު، ހުރްމުޒްގެ މައްޗަށް އައު ބާރެއް ޤާއިމުކުރުމުގައި، އީރާނުގެ އަސްކަރީ ޤާބިލުކަން ފުރިހަމައަށް ބޭނުންކުރާނެކަމުގެ އިންޒާރު އީރާނުގެ އޮފިޝަލުން ދަނީ ދެމުންނެވެ.
1979 ވަނަ އަހަރު އިސްލާމީ އިންޤިލާބުގެ ފަހުން އީރާނާއި ޖީސީސީގެ ޤައުމުތަކުގެ ގުޅުން ރަނގަޅުވާން ފަށާފައިވަނިކޮށް،
ޖީސީސީގެ ޤައުމުތަކުގެ އަސްކަރީ އަދި އިޤްތިޞާދީ ވަޞީލަތްތަކުން އީރާނުން ދިން ޙަމަލާތަކާއި، ދާދި ފަހުން ޖީސީސީގެ ބައެއް ވެރިރަށްތަކުން އީރާނުގެ ޑިޕްލޮމެޓުން އަނބުރާ ގެނައުމަކީ، އީރާނާ އެކު އޮތް ގުޅުން ހީނަރުވެ، ފަހަތަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރައްވައެވެ.
ނަމަވެސް މި އުނދަގޫ ޙާލަތުގައި ވެސް، ސާފުވެގެން ގޮސްފައިވާ އެއް ކަމަކީ، ސަރަޙައްދީ ރައްކާތެރިކަން ކަށަވަރުކުރެވޭނީ ޤައުމުތައް ގުޅިގެން ކުރެވޭ މަސައްކަތުން ކަމެވެ. އެންމެ ޤައުމެއްގެ ސަލާމަތީ ރައްކާތެރިކަން ގެއްލިއްޖެނަމަ، އެ ސަރަޙައްދުގެ ހުރިހާ ދައުލަތްތަކެއްގެ އަމާންކަން ގެއްލޭނެކަމެވެ. އަވަށްޓެރިއެއްގެ ގެއްލުމުގެ މައްޗަށް ބިނާކޮށްފައިވާ ސަލާމަތާއި ރައްކާތެރިކަމުގެ ނިޒާމަކީ މިހާރު ބަރޯސާވެވޭނެ ނިޒާމެއް ނޫންކަން ސާފެވެ. ކުރީގެ ސަރަޙައްދީ ބާރުތައް ރޫޅާލަން އީރާނުން މިހާރު ފަށާފައިވީ ނަމަވެސް އައު ނިޒާމު ފަރުމާކުރުމުގައި ހަމައެކަނި އީރާނުގެ ދައުރު އޮތުން ލާޒިމެއް ނޫނެވެ.
ސަރަޙައްދީ ނިޒާމެއް ޙާޞިލުކުރުމުގައި ޔޫރަޕްގެ ކާމިޔާބު ތާރީޚީ ތަޖުރިބާތަކުން މިސާލު ނަގަންޖެހެއެވެ. ނޭޕޮލިއަންގެ ޢުދުވާނީ ހަނގުރާމަތަކަށްފަހު ޔޫރަޕް ހަމައަކަށް އެޅުވި ކޮންގްރެސް އޮފް ވިއެނާއިން ފެށިގެން ދެވަނަ ބޮޑު ހަނގުރާމައަށްފަހު މަޑުމަޑުން އިޤްތިޞާދީ، ސިޔާސީ، އަދި ސަލާމަތީ ގޮތުން އެކުލަވައިލި ނިޒާމާ ހަމައަށް، މި ލަނޑުދަނޑިތަކަކީ މެދުއިރުމަތީގެ ޤައުމުތަކުން ފިލާވަޅު ލިބިގަންނަންޖެހޭ މަސްދަރުތަކަކަށް ވާންޖެހެއެވެ.
“ކޮންގްރެސް ފޯ ހުރްމުޒް” އެއް ބާއްވައިގެން ސަރަޙައްދީ ޤައުމުތަކުން އެކުގައި ސަލާމަތީ އޮނިގަނޑެއް ފަރުމާކޮށް، މި ޤާނޫނީ ހުސްކަން ފުރިހަމަކޮށް، މެދުއިރުމަތީގެ ދުނިޔޭގެ އިޤްތިޞާދުގެ ހަމަޖެހުން ކަށަވަރުކޮށްދޭންޖެހޭ ވަގުތު ވަނީ ޖެހިފައެވެ.
ހޮރްމުޒް ކަނޑުއޮޅިއަށް ރައްކާތެރިކަމުގެ އައު އޮނިގަނޑެއް ފަރުމާކުރަންޖެހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ