ވިހަފަރުގައި އެއާޕޯޓް އެޅުމަށް ބިން ހިއްކަން ފަށައިފި

ނ. ވިހަފަރުގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކަން މިއަދު ފަށައިފި އެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.ވިހަފަރުގައި އެއާޕޯޓެއް ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅުއްވައި، އިއުލާންކުރެއްވީ 2024 ވަނަ އަހަރުގެ މާޗް މަހު އެވެ. އަދި 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނ. އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވަނީ މި އަހަރުގެ ކުރީކޮޅު، ވިހަފަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަންދެއްވާފަ އެވެ.ރައީސް އޮފީހުން ބުނީ މާފަރުގައި ވައިގެ ބަނދަރެއް އޮތް ކަމުގައި ވިޔަސް ނ. އަތޮޅު ހޮޅުދޫ، ވެލިދޫ އަދި ފޮއްދޫ ހިމެނޭ ސަރަޙައްދުގައި އިތުރު ވައިގެ ބަނދަރެއް އޮތުން މުހިއްމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ކަމަށެވެ. ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ގޮތުން ކުރިއަރާފައިވާ، އަދި ކުރިއަރަމުންދާ އަތޮޅެއްގެ ގޮތުންނާއި، އިގްތިސާދު ސިންދަފާތުކުރުމުގެ ބޮޑެތި މަޝްރޫއުތައް ހިނގާނޭ އަތޮޅެއްގެ ގޮތުން، ވިހަފަރު ވައިގެ ބަނދަރު އޮތުމުން ދުރު ރާސްތާގައި ލުއިފަސޭހައާއި ފައިދާ ލިބޭނޭ ކަމުގައި ރައީސް ގަބޫލުފުޅުކުރައްވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. ވިހަފަރުގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ބިންހިއްކުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށާފައިވާއިރު، މި މަޝްރޫޢުގެ ދަށުން، 40 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް، 1.6 މީޓަރުގެ އުސްމިނުގައި ހިއްކޭނެއެވެ.ބޮޑު ހަރަދެއް ކޮށްގެން ވިހަފަރުގައި އެއާޕޯޓެއް އަޅަން ފެށިއިރު، ގައުމީ އެއާލައިން މޯލްޑިވިއަނުން މި ފަހުން ވަނީ ވެލިދުއަށް ސީޕްލޭންގެ ދަތުރުތައް ފަށައިފަ އެވެ.މިދިޔަ އަހަރުގެ ޖުލައި މަހު ނ. އަތޮޅަށް ކުރެއްވި ދަތުރުފުގައި ރައީސް މުއިއްޒު ވިދާޅުވީ ވެލިދޫ ކައިރީގައި އޮންނަ ވިހަފަރު ފިނޮޅުގައި އެއާޕޯޓެއް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ނިންމުމަށް ކަނޑައަޅާފައި ވިޔަސް، ވެލިދު އަށް ހާއްސަ ކޮށްގެން ސީޕްލޭންގެ ހިދުމަތް ފަށަން ނިންމާފައިވާ ކަމަށެވެ.އޭގެ އިތުރުން ވިހަފަރު އެއާޕޯޓަކީ އެ އަތޮޅާއި ޓޫރިޒަމް ތަރައްގީކުރަން އިންވެސްޓުކުރާ ފަރާތްތަކަށް ވަރަށް ފައިދާވާނެ ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ