ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި އޮންނަ ބަލޯޗިސްތާނު ޕްރޮވިންސްގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ބޮމުގެ އަދި ބަޑީގެ ހަމަލާތަކަކާ ގުޅިގެން، އެ ގައުމުގެ ސަލާމަތީ ބާރުތަކުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަދުވެގެން 145 ހަނގުރާމަވެރިން މަރާލައިފިކަން ސަރުކާރުން އިއުލާންކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބަލޯޗިސްތާނުގެ ކުއެޓާ، ގްވަދަރް، މަސްޓުންގް އަދި ނޯޝްކީ ޑިސްޓްރިކްޓްތަކަށް ދިން މި ހަމަލާތަކުގައި 31 އާންމުންނާއި ސަލާމަތީ ބާރުތަކުގެ 17 މީހުން ހިމެނޭހެން ޖުމްލަ 48 މީހަކު ވަނީ މަރުވެފައެވެ. ހަނގުރާމަވެރިން ވަނީ އާންމުންގެ ގޮތުގައި ހެދިގެން ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، ބޭންކުތަކަށް ވަދެ މީހުންނަށް އަމާޒުކޮށް ބަޑިޖަހާފައެވެ. އަދި އާންމުން އައްޑަނައެއްގެ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށްވެސް ސަރުކާރުން ބުނެއެވެ.
މި ހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ވަކިވެގަންނަން މަސައްކަތްކުރާ ބަލޯޗިސްތާނު ލިބަރޭޝަން އާމީ (ބީއެލްއޭ) އިންނެވެ.
ބަލޯޗިސްތާނުގެ ޗީފް މިނިސްޓަރު ސަރުފަރާޒް ބުގްތީ ވިދާޅުވި ގޮތުގައި، ސިފައިން މަރާލި 145 ހަނގުރާމަވެރިންގެ ތެރޭގައި އަފްޣާނިސްތާނުގެ ރައްޔިތުންވެސް ހިމެނެއެވެ. އޭނާ ވަނީ މިއީ އިންޑިއާގެ އެހީތެރިކަމާއެކު ދިން ހަމަލާތަކެއް ކަމަށް ތުހުމަތުކުރައްވާފައެވެ. ނަމަވެސް އިންޑިއާގެ ހާރިޖީ ވުޒާރާއިން ވަނީ މި ތުހުމަތުތައް ހަރުކަށި އިބާރާތުން ދޮގުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން މުޅި ޕްރޮވިންސްގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. މިހާރު، އާންމު އެއްވުންތަކާއި މުޒާހަރާކުރުން މަނާކުރުމާއި، ދަތުރުފަތުރު ކުރުން ކޮންޓްރޯލްކުރުން އަދި މަގުމަތީގައި މީހާ ކާކުކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެން އުޅުން ވަނީ މަނާކޮށްފަ އެވެ.
ބަލޯޗިސްތާނަކީ ޕާކިސްތާނުގެ އެންމެ ފަގީރު، ނަމަވެސް ގުދުރަތީ ވަސީލަތްތަކުން މުއްސަނދި ސަރަހައްދެވެ. އެ ސަރަހައްދުގެ ވަކިވެގަންނަން މަސައްކަތްކުރާ ގުރޫޕްތަކުން ގަބޫލުކުރާ ގޮތުގައި މަރުކަޒީ ސަރުކާރުން އެ ސަރަހައްދުގެ ވަސީލަތްތަކުން ނާޖާއިޒު ފައިދާ ނަގަނީއެވެ. އެމެރިކާއިން ވަނީ ބީއެލްއޭ އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
ބަލޯޗިސްތާނުގައި ދިން ވަރުގަދަ ހަމަލާތަކަކާ ގުޅިގެން ޕާކިސްތާނު ސިފައިން 145 ހަނގުރާމަވެރިން މަރާލައިފި ބަލޯޗިސްތާނުގައި ދިން ވަރުގަދަ ހަމަލާތަކަކާ ގުޅިގެން ޕާކިސްތާނު ސިފައިން 145 ހަނގުރާމަވެރިން މަރާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ