އެމެރިކާއަށް އެތެރެކުރާ އިންޑިއާގެ އުފެއްދުންތަކުން ނަގަމުންދިޔަ ބޮޑު ޓެރިފް 18 ޕަސެންޓަށް ކުޑަކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.
މި ނިންމެވުން އިއުލާން ކުރެއްވީ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު އިއްޔެ ފޯނުން ކުރެއްވި މަޝްވަރާތަކަށް ފަހުގައެވެ.
މި އެއްބަސްވުމުގެ ދަށުން، އިންޑިއާގެ މުދަލުން ނަގަމުންދިޔަ ޖުމްލަ 50 ޕަސެންޓުގެ ޓެރިފް 18 ޕަސެންޓަށް ތިރިވާނެއެވެ. މީގެ ތެރޭގައި އެމެރިކާގެ "ރެސިޕްރޯކަލް ޓެރިފް" ގެ ގޮތުގައި ކުރިން އޮތް 25 ޕަސެންޓު އާއި، ރަޝިއާގެ ތެޔޮ ގަންނާތީ އަދަބެއްގެ ގޮތުން އިތުރުކުރި 25 ޕަސެންޓު ހިމެނެއެވެ.
މި ބަދަލާ އެކު އިންޑިއާގެ ފޭރާމާއި، ބޫޓާއި، އިންޖިނިއަރިން ސާމާނު ފަދަ ތަކެތި އެމެރިކާގެ ބާޒާރުގައި އަގުހެޔޮވެގެންދާނެއެވެ.
އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުން ހުއްޓާލުމަށް ވަނީ އެއްބަސްވެފައެވެ. އޭގެ ބަދަލުގައި އެމެރިކާ އާއި ވެނެޒުއޭލާއިން ތެޔޮ ގަތުމަށް ވަނީ ނިންމާފައެވެ. ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި މިއީ ރަޝިއާ-ޔޫކްރޭން ހަނގުރާމަ ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
އިންޑިއާއިން އެމެރިކާގެ ހަކަތަ، ޓެކްނޮލޮޖީ، ދަނޑުވެރިކަން އަދި ބޯޓުދެލީގެ ދާއިރާއިން 500 ބިލިއަން ޑޮލަރަށްވުރެ ގިނަ ތަކެތި ގަތުމަށް ވަނީ ވައުދުވެފައެވެ.
އިންޑިއާއިން ވެސް އެމެރިކާގެ މުދަލަށް ނަގާ ޓެރިފްތަކާއި ވިޔަފާރީގެ ހުރަސްތައް ސުމަކަށް ކުޑަކުރުމަށް ވަނީ އެއްބަސްވެފައެވެ.
ބޮޑުވަޒީރު މޯދީ ވަނީ މި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ. މޯދީ ވިދާޅުވީ "މޭޑް އިން އިންޑިއާ" އުފެއްދުންތަކަށް މި ލިބުނު ލުޔަކީ އިންޑިއާގެ 1.4 ބިލިއަން ރައްޔިތުންނަށް ލިބުނު އުފާވެރި ހަބަރެއް ކަމަށެވެ. ނަމަވެސް، ރަޝިއާގެ ތެޔޮ ގަތުން ހުއްޓާލުމާ ގުޅޭ ގޮތުން އިންޑިއާ ސަރުކާރުން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.
މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 65 ޑޮލަރުން 61 ޑޮލަރަށް ތިރިވެފައެވެ. އަދި އިންޑިއާގެ ހިއްސާގެ ބާޒާރުގައި ހިމެނޭ ބޮޑެތި ކުންފުނިތަކުގެ ހިއްސާގެ އަގު ވަނީ އުފުލެން ފަށާފައެވެ.
ރަޝިއާ ތެޔޮ ގަތުން ހުއްޓާލުމުން އިންޑިއާ މުދަލުން ނަގާ ޓެރިފް 18 ޕަސެންޓަށް ކުޑަކުރަން އެމެރިކާ އެއްބަސްވެއްޖެ ރަޝިއާ ތެޔޮ ގަތުން ހުއްޓާލުމުން އިންޑިއާ މުދަލުން ނަގާ ޓެރިފް 18 ޕަސެންޓަށް ކުޑަކުރަން އެމެރިކާ އެއްބަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ