ކެންސަރަށް ފަރުވާ ކުރުމަށް ކުރިމަގުގައި ކުރަން ހުރި މަސައްކަތްތަކަށް އެކަށީގެންވާ އީޖާބީ ނުފޫޒެއް ފޯރުވާނެ ކަމަށް ބެލެވޭ ހަޔަވީ ނިޒާމެއް (ބަޔޮލޮޖިކަލް މެކޭނިޒަމެއް)، އިއްތިފާގަކުން ދެނެގަނެވިއްޖެ ކަމަށް ސައެންސްވެރިން ބުނެފިއެވެ. ސްވިޑަންގެ އުމެއާ ޔުނިވަސިޓީގެ ސައެންސްވެރިން ބުނާ ގޮތުގައި ކޮލެރާ ފެތުރުމަށް މަގުފަހިކުރުވާ ބެކްޓީރިއާއަކުން އުފައްދާ މޮލޮކިއުލެއްގައި، ކެންސަރާ ދެކޮޅަށް މަސައްކަތް ކުރާ ތާސީރެއް އެކުލެވޭކަން މިހާރު ވަނީ ފާހަގަކުރެވިފައެވެ.
ސައެންސްވެރިން ބުނާ ގޮތުގައި މި ބެކްޓީރިއާގައި އެކުލެވޭ ވިހައަކީ ހަޖަމުކުރުމުގެ ނިޒާމުގައި އުފެދޭ ޓިއުމަރުތައް އާލާވުން ލަސްކޮށްދޭ އެއްޗެކެވެ. އަދި އެ ވިހައިން ޓިއުމަރު ސެލްތަކަށް ގެއްލުންދޭ އިރު، ޓިއުމަރުގެ ކައިރީގައި ހުންނަ ދުޅަހެޔޮ ސެލްތަކަށް ފާހަގަކުރެވޭ ވަރުގެ ގެއްލުމެއް ނުލިބޭކަމަށް ވެސް ސައެންސްވެރިން ބުނެއެވެ.
"މި ވިހަ މާއްދާ ކުރާ ހަމައެކަނި ކަމަކީ ސީދާ ކެންސަރު ސެލްތައް މަރައިލުމެއް ނޫން. އޭގެ އިތުރުން ޓިއަމަރުގެ މާހައުލު ވެސް މުޅިން ބަދަލުކޮށްލާ. އޭގެ ސަބަބުން ދުޅަހެޔޮ ސެލްތަކަށް އެއްވެސް ގެއްލުމެއް ނުދީ، ސީދާ ޓިއުމަރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދިފާއީ ނިޒާމަށް ވަރަށް ބޮޑު އެހީއަކަށްވޭ،" އުމެއާ ޔުނިވަސިޓީގެ ޕްރޮފެސަރު ސުން ނިޔުންޓް ވާއި ވިދާޅުވިއެވެ.
ބޮޑު ގޮހޮރާއި ފުރަގަސްފަރާތަށް ޖެހޭ ކެންސަރު (Colorectal cancer) އަކީ ކެންސަރުގެ ބާވަތްތަކުގެ ތެރެއިން ދެ ވަނަ އަށް އެންމެ ގިނަ މީހުން މަރުވާ ކެންސަރުގެ ބާވަތެވެ. މި ބާވަތުގެ ކެންސަރަށް ފަރުވާ ކުރުމުގައި ބޭނުންކުރާ އާންމު ވަސީލަތްތަކަކީ، އޮޕަރޭޝަން ކޮށްގެން ކެންސަރު ސެލްތައް ނެގުމާއި، ރޭޑިއޭޝަން އާއި ކީމޯތެރަޕީއެވެ.
މި ފަރުވާތަކަކީ ކެންސަރު ޖެހިފައިވާ މީހާގެ ފުރާނަ ސަލާމަތް ކުރެވޭ ފަރުވާތަކެއް ނަމަވެސް، މިއީ ވަރަށް ގިނަ ސައިޑް އިފެކްޓްތައް އެކުލެވޭ ފަރުވާތަކެވެ. އެހެންކަމުން، ހަށިގަނޑުގައި ހުންނަ ދުޅަހެޔޮ ސެލްތަކަށް ގެއްލުމެއް ނުލިބޭ ގޮތަށް، ކެންސަރު ސެލްތައް މަރައިލެވޭނެ، މިހާރަށް ވުރެ މުޖައްރިބު ފަރުވާއެއް ހޯދުމަށް ސައެންސްވެރިން މަސައްކަތް ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ.
ބެކްޓީރިއާގައި އުފައްދާ ވިހައިން ކެންސަރު ސެލްތައް މަރައިލާކަން ސައެންސްވެރިންނަށް ފާހަގަކުރެވުނީ، ކޮލެރާ ޖައްސާ ބެކްޓީރިއާ، ވައިބްރޯ ކޮލެރާ (Vibrio cholerae)އާ ބެހޭ ގޮތުން ލެބޯޓެރީގައި ކުރި ތަހުލީލުތަކަކުންނެވެ. މި ބާވަތުގެ ބެކްޓީރިއާއިން އުފައްދާ މާކްއޭ (MakA) ކިޔާ ވިހަ މާއްދާއާ ބެހޭ ގޮތުން މީދާ ބޭނުންކޮށްގެން ލެބޯޓެރީގައި ކުރި އަޖުމަބެލުމުގެ މަސައްކަތުން އެނގުނީ، މި ވިހައިގެ ސަބަބުން ޓިއުމަރު ސެލްތައް އާލާވުން ލަސްވާ ކަމެވެ.
މި ވިހަ މީދަލުގެ ހަށިގަނޑަށް ފޮނުވުމުން، ހަށިގަނޑު ދުޅަވުމުގެ ބަދަލުގައި މި ވިހަތައް ޖަމާވަމުން ދިޔައީ މީދަލުގެ ހަށިގަނޑުގައި އުފެދިފައި ހުރި ޓިއުމަރު ޓިޝޫތަކުގެ ވަށައިގެންނެވެ. އެކަމުގެ ސަބަބުން ކެންސަރު ސެލްތައް އިތުރަށް އާލާވެ ފެތުރުން ހުއްޓުވައި، ހަށިގަނޑުގެ ދިފާއީ ނިޒާމު އިތުރަށް ވަރުގަދަވެގެން ދިޔައެވެ.
މީގެ ކުރީގެ ދިރާސާތަކުން ފާހަގަކުރެވިފައިވަނީ ބެކްޓީރިއާތަކުން އުފައްދާ ވިހަ މޮލިކިއުލްތަކަކީ ކޮންމެވެސް ބައްޔެއް ފެތުރުމަށް އެހީވެދޭ އެއްޗެއްގެ ގޮތުގައެވެ. އެހެން ނަމަވެސް، ސައެންސްވެރިން މިހާރު ބުނާ ގޮތުގައި، ކެންސަރާ ދެކޮޅަށް ފަރުވާ ކުރުމަށް ކުރިމަގުގައި ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި މި ބާވަތުގެ ވިހަ ބޭނުންކުރެވިދާނެއެވެ.
މި ވިހަ މާއްދާތައް ޖަމާވަނީ، ކެންސަރު ޖެހިފައިވާ ހަށިގަނޑުގައި ހުންނަ ޓިއުމަރުގެ ޓިޝޫތަކަށެވެ. އެއަށް ފަހުގައި އެ ޓިޝޫތަކުގައި ހުންނަ ޓިއުމަރު ސެލްތައް ނުކުޅެދޭ ސެލްތަކަކަށް ހަދައިލައެވެ. މިހެންވުމުން، ޓިއުމަރު ސެލްތަކުގައިވާ އިތުރުވުމުގެ ނުވަތަ އާލާވުމުގެ ގާބިލުކަން ނެތިގެންދެއެވެ. ހަމަ އެއާއެކު، މި ވިހައިގެ ސަބަބުން ޓިއުމަރުގައިވާ ސެލްތަކުގެ މާހައުލަށް އަންނަ ބަދަލާ ގުޅިގެން، މެކްރޯފެގަސް އާއި ނިއުޓްރޯފިލްސް ފަދަ ދިފާއީ ސެލްތައް އިތުރުވެގެންދެއެވެ. ނަތީޖާއަކަށް ވަނީ، ޓިއުމަރު ހެދި ބޮޑުވުމަށް ހުރަސް އެޅެއެވެ.
ސެލްގެ ވިހައިން ގޮހޮރުގެ ކެންސަރު ފެތުރުން ހުއްޓުވައިދޭ ސެލްގެ ވިހައިން ގޮހޮރުގެ ކެންސަރު ފެތުރުން ހުއްޓުވައިދޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ