އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން، ޝަރުއީ ނިޒާމުގެ މައްސަލަތަކެއް ހައްލެއް ނުވާނެ: އެޗްއާރްސީއެމް

އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު ކަމުގައިވާ ޝަރުއީ ކޯޓްތަކުގައި މައްސަލަތަކެއް އެބަހުރި ކަމަށާއި އެ މައްސަލަތައް ހައްލު ކުރެވޭނީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކޮށްގެން ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން މިއަދު ބުނެފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް އެޗްއާރްސީއެމް މިއަދު ހާޒިރު ކުރުމުން އަބްދުﷲ ގާޒީގެ މައްސަލާގައި އެޗްއާރްސީއެމްގެ މެންބަރުން ވަނީ ކަންބޮޑުވުންތަކެއް ފާޅުކުރައްވާފަ އެވެ. ދިވެހި އަސްކަރިއްޔާ އިން އަބްދުﷲ ގާޒީ ކ. ގިރިފުއްޓަށް ގެންދިޔަ ހިސާބުން އޭނާގެ އަސާސީ ހައްގުތައް ގެއްލި އޭނާގެ މިނިވަން ކަމަށް ބުރޫ އަރާފައިވާ ކަމަށް އެޗްއާރްސީއެމް ފާހަގަ ކުރެއްވި އެވެ.
އެޗްއާރްސީއެމްގެ ރައީސާ މަރިޔަމް އަޒްރާ އަހުމަދު މިއަދު ވިދާޅުވީ ހައްޔަރު ކުރި ސަބަބެއް އަބްދުﷲ ގާޒީ އަށް އަދިވެސް އަންގާފައި ނުވާ ކަމަށާއި ގާނޫނީ ވަކީލެއްގެ އެހީތެރިކަމުން ވެސް އަބްދުﷲ ގާޒީ މަހުރޫމްކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރު ކުރިތާ 48 ގަޑިއިރު ވެގެން ދިޔަ އިރު، ހުރިތަނެއް އޭނާ އަށް އަންގާފައި ނުވާ ކަމަށާއި އަދި ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުން 24 ގަނޑިއިރު ތެރޭ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަންޖެހޭ އިރު، އަބްދުﷲ ގާޒީ އަދިވެސް ކޯޓަކަށް ހާޒިރުކޮށްފައިނުވާ ކަމަށް އަޒްރާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ހަނު ހުރުމުގެ ހައްގު އަބްދުﷲ ގާޒީގެ ކިބައިން ނިގުޅައިގެންފައިވާ ކަމަށެވެ.
އަޒްރާ ވިދާޅުވީ ކ. ގިރިފުއްޓަށް ގެންގޮސްފައިވާ އަބްދުﷲ ގާޒީގެ ކިބައިން ނިގުޅައިގެންފައިވާ ހައްގުތަކަކީ ގާނޫނު އަސާސީން ކޮންމެ ދިވެއްސަކަށް ވެސް ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް ކަމަށެވެ. އަދި އެ ހައްގުތަކުން އޭނާ މަހުރޫމްކޮށްފައި ވާތީ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ހުރި އަބްދުﷲ ގާޒީ މިނިވަން ކުރުމަށް އެމްއެންޑީއެފަށް އަންގާފައިވާނެ ކަމަށާއި ނަމަވެސް އެމްއެންޑީއެފުން އެ އެންގުމަށް ކިޔަމަންވެފައި ނުވާ ކަމަށް އަޒްރާ ވިދާޅުވި އެވެ.
އަޒްރާ ވިދާޅުވީ ރާއްޖެ އިން ބައިވެރިވެފައިވާ ބައިނަލް އަގުވާމީ މުއާހަދާތަކާއި ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފަށް އަބްދުﷲ ގާޒީ ބަންދުކޮށްގެން ގެންގުޅެމުންދާތީ އޭނާގެ ހައްގުތައް ގެއްލިފައިވާ މިންވަރު ބެލުމަށް ތަހުގީގުތަކެއް ހިންގަމުންދާ ކަމަށެވެ. އަދި ތަހުގީގުތައް ނިންމުމަށް ފަހު ދައުވާ ކުރަން ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަޒްރާ ވިދާޅުވީ ތަހުގީގުގައި ގާނޫނީ އެހީތެރިކަން ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ފަރާތްތަކުން ހޯދަމުންދާ ކަމަށާއި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އާއި ފުލުހުންނާ ވެސް އެ މައްސަލާގައި މަޝްވަރާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެ މަޝްވަރާތަކުގައި އެޓާނީޖެނަރަލް (އޭޖީ) އާއި އެމްއެންޑީއެފްއިން ބައިވެރިވެފައި ނުވާ ކަމަށް އަޒްރާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ޝަރުއީ ނިޒާމްގައި މައްސަލަތަކެއް އެބަހުރި ކަމަށާއި ކޮމިޝަނުން ބަލަން ޖެހޭ މިންގަނޑުގައި އެކަން ބަލަމުންދާ ކަމަށެވެ.
ކޮމެޓީގައި މެންބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އެޗްއާރްސީއެމްގެ މެންބަރު އަބްދުލް ކަރީމް ވިދާޅުވީ ގަދަކަމުން މީހުން ގެއްލުވާލުން ހުއްޓުވާލުމުގެ މުއާހަދާގެ އެއް ވަނަ މާއްދާގައި މީހަކު ގަސްތުގައި އެއްލުވާލުމުގެ އެއްވެސް "ހާއްސަ" ހާލަތެއް އޮވެގެން ނުވާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެއީ ހަނގުރާމައެއްގެ ހާލަތެއްގައި ގައުމުގައި އޮތަސް، އަދި ދާހިލީ، ސީޔާސީ ހަމަނުޖެހުމަކަށް ގައުމު ދިޔަސް މީހަކު ގެއްލުވާލުމުގެ އެއްވެސް އުޒުރެއް އޮވެގެން ނުވާނެ ކަމަށް އަބްދުލް ކަރީމް ވިދާޅުވި އެވެ. ވުމާއެކު ބައިނަލް އަގުވާމީ މުއާހަދާތަކާ ސަރުކާރުން ހިލާފުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކ. ގިރިފުއްޓަށް ގެންގޮސްފައިވާ އަބްދުﷲ ގާޒީ އެޗްއާރްސީއެމުން ހަތަރު ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުންޏެވެ. އަދި އޭނާ ހުންނެވީ ހެޔޮހާލުގައި ކަމަށާއި ގިރުފުށީގައި "މިނިވަންކަމާ އެކު އޭނާ އުޅެމުންދާ" ކަމަށް ވެސް އަޒްރާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ