ސްކޫލް ވެށި ސިޔާސީ އޮއިވަރުގެ ތެރޭގައި!

މިދިޔަ ހަފުތާގައި ދަރުމަވަންތަ ސްކޫލަށް އެޑިއުކޭޝަން މިނިސްޓަރު ވަޑައިގަތުމާ އެކު ބައެއް ކުދިން މިނިސްޓަރަށް މަރުހަބާ ކީ "ބާޣީ" އޭ ގޮވަމުންނެވެ. އަދި ކަލާފާނު ސްކޫލްގެ ގުރުއާން ޓީޗަރަކު ވަނީ ކްލާސްތެރޭގައި "މަނީ މަނީ" އޭ ގޮވާފަ އެވެ. އޭގެ ފަހަތުން ދަރިވަރުން ގޮވީ "ޔެސް ސާ" އެވެ. އޭގެ ކުރިން ސިޔާސީ ޕޯޑިއަމެއްގައި ސަރުކާރަށް ފާޑު ކީ ސްކޫލެއްގެ ކެޕްޓަނެކެވެ. މުޅި މުޖުތަމައު ސިޔާސީވެ ހުރިހާ ދިމާއެއް ވެސް ވަނީ ސިޔާސީ ވިސްނުމެއްގަ އެވެ. އޭގެ ޝިކާރަޔަކަށްވަނީ ސްކޫލްގެ ތަކުގެ ދަރިވަރުންނެވެ.
"އެކަމުން ސްކޫލްތަކުގެ ދަރިވަރުންނަށް އެ ދަނީ ވަރަށް ބޮޑަށް އަސަރުކުރަމުން ބައެއް ސްކޫލުތަކުން އެކަމުގެ ޝަކުވާތައް އެބަހުރި އަޅުގަނޑުމެންނަށް އައިސްފައި. އެގޮތުން ބައެއް ފަހަރު ކިޔެވުން ހުއްޓާލަން ޖެހޭކަމުގެ ޝަކުވާވެސް އެބަހުރި ލިބިފައި،" އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި އެކަން އެގޮތަށް ހުރުމުން ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފަ އެވެ. އަދި މިއީ ބެލެނިވެރިން ދަރިވަރުންނަށް ވިސްނައިދޭން ޖެހިފައިވާ ވަގުތެކެވެ.
"މުޒާހަރާތަކުގެ ސަބަބުން ދަރިވަރުންނަށް ނޭދެވޭ އަސަރުތަކެއް ކުރާނެ. އެކަމާއި މެދު ވަރަށް ކަންބޮޑުވޭ. އެކަމަކު އަޅުނގަޑުމެންނަކަށް ނެތް އެކަމުގެ އެޅޭނެ މާބޮޑު ފިޔަވަޅެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ދަރުމަވަންތަ ސްކޫލްގެ ލީޑިން ޓީޗަރަކު ވިދާޅުވީ ސްކޫލްގެ ވެށި ސިޔާސީ ވަނީ ބެލެނިވެރިންވެސް ސިޔާސީ ވަމުން ދިއުމުން ކަމަށެވެ. އޭނާގެ ނަޒަރުގައި އެއީ މައްސަލައެއް ވެސް ނޫނެވެ. މައްސައަކީ ބައެއް ބެލެނިވެރިން ދަރިވަރުން އެކަމުގެ ތެރެއަށް ވެއްދުމަށް ބާރު އަޅައި މުޒާހަރާތަކަށް ނުކުތުމަށް ބާރުއަޅަމުން ދިއުމެވެ.
"ބައެއް ކުދިން އަޅުގަނޑުމެން ކައިރީ ބުނޭ މަންމަ ނޫނީ ބައްޕަ ބުނާތީ މުޒާހަރާއަށް ދަމޭ. ވަރަށް މަޖަލޭ ކިޔައިގެން ބައެއް ކުދިން އެއީ ފަހުރަކަށް ހަދައިގެން އެވާހަކަ ދައްކާ" އެ ޓީޗަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަރިވަރުންގެ ހިޔާލު ސިޔާސީ ވުމުން އެ ކުދިންނަށް އެހެން އެއްޗެއް ބުނެދިނުން އޮންނަނީ ދަތިވެފަ އެވެ. ކުދިން ސްކޫލަށް ދިޔަ ނަމަވެސް ވިސްނުމާ ހިޔާލު ގެންގުޅެނީ ސިޔާސީ ކަންކަމުގަ އެވެ.
"ކިޔަވައިދިނުމުގައި ޑިސްޓްރެކްޓްވެ ކުދިންގެ ޝައުގުވެރިކަން ގެއްލޭ ގޮތްތައް މެދުވެރިވޭ. އެކުދިންވެސް ބޭނުންވަނީ އެކުދިންގެ ބެލެނިވެރިން ފަދައިން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަން. އެކުދިންގެ ބަސްމަގު ވެސް ހުންނަނީ އެހެން،" އެ ޓީޗަރު ވިދާޅުވި އެވެ.
މުޒާހަރާތައް ބައެއް ފަހަރަށް ސްކޫލްތަކުގެ ކުރިމަތީގައިވެސް ކުރިއަށް ގެންދެ އެވެ. މިކަމުގެ ޝަކުވާ އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ ދަރުމަވަންތައަށާއި މަޖީދިއްޔާ ސުކޫލަށެވެ. އެ ކުދިން ޝަކުވާ ކުރަނީ މުޒާހަރާގެ އަޑު ޓީޗަރުގެ އަޑަށް ވުރެ ގަދަވާތީ އެވެ. ސްކޫލަށް ދިއުމުގެ މަގުސަދު ގެއްލޭތީ އެވެ.
"ބައެއް ފަހަރު ދައްކާލެވިދާނެ ސިޔާސީ ވާހަކައެއް. މީހަކާ ދިމާއަށް ބާޣީއޭވެސް ގޮވާފާނެ. ބައެއް ފަހަރު މުޒާހަރާގައި ވާހަކަދައްކާ މީހުން ބޭނުންކުރާ ބައެއް ބަސްތައް ވެސް ބޭނުން ކޮށްފާނެ، މީހުން ބުނެފާނެ އެއީ އަހަރެމެން އުޅޭ ގޮތުންނޭ،" ކަލާފާނު ސުކޫލަށް ތިން ކުދިން ކިޔަވަން ފޮނުވާ ބެލެނިވެރިއަކު ބުންޏެވެ. "އެކަމަކު އަހަންނަކީ ދުވަހަކު މުޒާހަރާއަކަށް ދާ މީހެއްވެސް ނޫން. ޓީވީން ސިޔާސީ ކަންކަން މި އެނގެނީ. އަސްލު މިހާރު ބިރުގަނޭ ސުކޫލަށްވެސް ފޮނުވަން،"
ރާއްޖޭގެ ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި ސްކޫލްގެ ވެށިވެސް ވަނީ ސިޔާސީ ވެފައެވެ. އެއީ ބިރުވެރި ކަމެވެ. ދަރިވަރުން ސިޔާސީ މައިދާނަށް ޅަ ކަމުގައި ނެރުމަކީ ވަރަށް ބޮޑު އިހުމާލުވުމެކެވެ. ފަހަކަށް އައިސް މުޒާހަރާތަކުން ދަރިވަރުންނަށާއި ސްކޫލްތަކަށް އުނދަގޫތައް ދިމާވަމުން އައިސް މިހާރު ވަނީ ސީދާ ހަރަކާތުގައި ދަރިވަރުން ބައިވެރި ކުރަން ފަށާފަ އެވެ.
މި މައްސަލަ ބޮޑުވުމުގެ ސަބަބުން ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ސުޕަވައިޒަރުންނާއި، ޓީޗަރުން ސިޔާސީ ކަންކަމުގެ ތެރެއަށް ނުވަނުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ އެކަމަށް އިލްތިމާސް ކުރައްވާފަ އެވެ.
މިދިއަ ހަފުތާގައި ރައީސް ވަހީދު ވިދާޅުވީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ސުޕަވައިޒަރުންނާއި، ޓީޗަރުންނާއި ދަރިވަރުން ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. ސްކޫލްތަކުގެ ވެރިން މަސައްކަތް ކުރައްވަންޖެހޭނީ، ދަރިވަރުންގެ މެދުގައި އިސްލާމްދީނަށާއި ގައުމިއްޔަތުގެ ލޯބި އިތުރުކުރަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް އަދި ވިދާޅުވީ ތަޢުލީމީ ދާއިރާގެ އިސްބޭފުޅުންގެ ޢަމަލުތައް އެމަނިކުފާނު ވަރަށް ގާތުން ބައްލަވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ޅަދަރިން ބޮޑެތިވަމުން އަންނައިރު، އެކުދިންނަށް ނޭދެވޭ ކަންކަން ފެނުމަކީ، ވަރަށްދެރަ ކަމެއް. ތަޢުލީމު ޙާޞިލު ކުރަމުންދާ ސްކޫލްގެ ތެރެއިންވެސް މިފަދަ ކަންކަން އެކުދިންނަށް ފެނިގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.
ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ ބައެއް ޖަމިއްޔާތަކާއި އެޗްއާރްސީއެމް އިން ވަނީ މުޒާހަރާ ތަކުގެ ސަބަބުން ކުޑަކުދިންގެ ކިޔެވުމުގެ ހައްގުން އެ ކުދިން މަހުރޫމްވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"މުޒާހަރާ ކުރާ ސަރަހައްދުގައި ދިރިއުޅޭ ކިޔަވާ ކުދިންނަށް އެކުދިންގެ ކިޔެވުން ކުރިއަށް ގެންދިއުމުގައި ތަފާތު ހުރަސްތައް އެޅެމުންދާ ކަމުގެ ޝަކުވާ ވަރަށް ގިނަ ފަރާތްތަކުން ކުރަމުންދޭ،" ޗައިލްޑް އެބިއުސިން ޕްރިވެންޝަން ސޮސައިޓީ (ކެޕްސް) އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ