މިހާރު ހައްޔަރުކޮށްފައި ހުރި ނައިބު ރައީސް އަހުމަދު އަދީބުގެ ޤާނޫނި ވަކީލު ޙުސައިން ޝަމީމް ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޤާނޫނި ވަކީލު ޙުސައިން ޝަމީމް ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ސުޕްރީމް ކޯޓުން ވަގުތީ ގޮތުން މަނާކުރައްވާފައި މިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރާ ވަކީލުން ޢަމަލުކުރަންޖެހޭ ޤަވާޢިދުތައް ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސަރކިއުލަރގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާ ބެހޭ ޤަވާޢިދު" ގެ 3.2 ގެ (ހ)، (ނ)، (ރ)، (ބ) އަދި (މ) އާ ޙުސައިން ޝަމީމް ޚިލާފުވެފައިވާކަމުގެ މައްސަލައެއް ސުޕްރީމް ކޯޓުން ބައްލަވަމުންދާތީ، އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ކަމަށެވެ.
"ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާ ބެހޭ ޤަވާޢިދު" ގެ 3.2 އަކީ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުން ކޮށްގެން ނުވާނެ ކަންތައްތައް ބަޔާންކޮށްފައިވާ މާއްދާއެވެ. އެމާއްދާގެ (ހ) ގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ އެއްވެސް ޤާނޫނީ ވަކީލަކު ކޯޓުގެ ތެރޭގައިވެސް އަދި ކޯޓުން ބޭރުގައިވިޔަސް ކޯޓުތަކާއި އެކޯޓުތަކުގެ ފަނޑިޔާރުންގެ ޙުރުމަތް ކެނޑޭފަދަ ގޮތަކަށް ޢަމަލުކުރުން އެއީ މަނާކަމެއް ކަމަށެވެ.
(ނ) ގައި ބުނެފައި ވަނީ ޤާނޫނީ ވަކީލުން ކޯޓުތަކުގައި ވަކާލާތުކުރުމުގައްޔާއި އަދި ކޯޓުން ބޭރުގައި ޤާނޫނީ ލަފާ ދިނުމުގައްޔާއި ޤާނޫނީ ރައުޔު ހާމަކުރުމުގައި ޤާނޫނީ ވަކީލުން ހިފަހައްޓަންޖެހޭ ޕްރޮފެޝަނަލިޒަމްއާއި މުސްތަޤިއްލުކަމާ ޚިލާފުވާފަދަ އެއްވެސް ކަމެއް ކުރުމަކީ މަނާކަމެއް ކަމަށެވެ.
(ރ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައި ކަނޑައެޅި ބަޔާންވެފައިވާ ކަމަކާ ޚިލާފަށް ނުވަތަ އިސްތިއުނާފީ އުޞޫލާއެއްގޮތަށް އިސްތިއުނާފީ ކޯޓެއްގައި ވަކާލާތުކުރާ ކުރުމެއް ފިޔަވައި، ދިވެހިރާއްޖޭގެ ކޯޓަކުން ކޮށްފައިވާ ޙުކުމަކާ ނުވަތަ އަމުރަކާ ޚިލާފަށް އެޙުކުމް ނުވަތަ އެ އަމުރުގެ ޙުރުމަތް ކެނޑޭގޮތަށް ޤާނޫނީ ރައުޔެއް ބަޔާންކުރުން އެއީ ވެސް މަނާކަމެއް ކަމަށެވެ.
(ބ) ގައި ބުނެފައި ވަނީ ވަކާލާތުކުރުމުގައި، ޝަރީޢަތުގެ މަޖިލީހަށް ދަތިކުރުން ނުވަތަ ޝަރީޢަތުގެ ޙުރުމަތް ކަނޑައި، އިހާނާތްތެރި ޢަމަލެއް ހިންގުމަކީ ވެސް ވަކީލަކު ކުރުން މަނާ ކަމެއް ކަމަށެވެ.
(މ)ގައި ބުނެފައި ވަނީ އެއްވެސް ކަމެއް ސާބިތުކުރުމަށްޓަކައި ނުވަތަ ނަފީ ކުރުމަށް ކަނޑައެޅިގެން ފެންނަން ހުންނަ ޙަޤީޤަތާ ޚިލާފުވާގޮތަށް ވަކާލާތުކުރުމަކީ ވެސް ވަކީލަކު ކުރުން މަނާ ކަމެއް ކަމަށެވެ.
ރާއްޖޭގެ ހުރިހާ ކޯޓެއްގައި ޝަމީމް ވަކާލާތު ކުރުން ސުޕްރީމް ކޯޓުން މަނާކޮށްފައި ވާއިރު އޭނާ މިއަދު ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އެކޯޓުން އެންގިއެވެ. ނަމަވެސް ރާއްޖޭގައި ވަޑައިގެންނޫޅުއްވާތީ ޝަމީމް ސުޕްރީމް ކޯޓަށް ހާޒިރުވެ ވަޑައެއް ނުގަންނަވައެވެ.
ޝަމީމް ކޯޓުތަކުގައި ވަކާލާތުކުރުން ސުޕްރީމް ކޯޓުން މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ