ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގާނޫނާ ހިލާފަށް ހައްޔަރުކޮށް، ގިރިފުށީގައި ބެހެއްޓި މައްސަލައާ ގުޅިގެން އެޗްއާރުސީމުން ބަލަމުންގެންދާ މައްސަލައިގައި އެކޮމިޝަނަށް ރައީސް ނަޝީދު ބަޔާނެއް ދެއްވައިފި އެވެ.
އެޗްއާރުސީއެމުން ބަލަމުން ގެންދާ އަބްދުﷲ ގާޒީގެ މައްސަލައާ ގުޅިގެން ރައީސް ނަޝީދު މިއަދު އެކޮމިޝަނަށް ހާޒިރުވެވަޑައިގެންނެވުމަށްފަހު، މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެޗްއާރުސީއެމުން ބޭނުންވީ އެކޮމިޝަނުން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން ގ. ކެނެރީގޭ މުހައްމަދު ނަޝީދާ ސުވާލުކުރެއްވުމަށް ކަމަށެވެ. ނަމަވެސް އަބްދުﷲ ގާޒީގެ މައްސަލައިގައި ކެނެރީގޭ ނަޝީދާ އެއްވެސް ގުޅުމެއް އަދި މުއާމަލާތެއް ވެސް ކުރެވިފައިނެތް ކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމައްސަލާގައި އެޗްއާރުސީއެމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތެއް ހާމަކޮށްދެއްވައި ބަޔާނެއް ދެއްވާފައިވާ ކަމަށެވެ. އެގޮތުން އަބްދުﷲ ގާޒީއާ ގުޅުން ހުރި ކިތަންމެ މައްސަލައެއް ބަލައިދިނުމަށް އެދި ޖުޑިޝަލް ސާވިސް ކޮމިޝަނަށާއި ފުލުހުންނަށް ރައީސް އޮފީހުން ހުށަހެޅިފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ. އަދި އެމައްސަލަ ތަހުގީގުކުރުމަށްޓަކައި އަބްދުﷲ ގާޒީ ހާޒިރުވެވަޑައިނުގެންނެވިކަން އެނގިވަޑައިގެންނެވި ކަމަށްވެސް ވިދާޅުވެފައިވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ހެކަހެރިކޮށްފައި ބެހެއްޓުމަށް ނިންމި ނިންމުމަކީ ޑިފެންސް މިނިސްޓްރީން އަޅާފައިވާ ފިޔަވަޅެއް ކަމަށާއި އެކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ނިންމުމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ހުރި އިރު ލާއިންސާނީ އެއްވެސް އަނިޔާއެއް އޭނާއަށް ލިބޭތޯ ބައްލަވަމުން ގެންދެވިއިރު އެޗްއާރުސީއެމުން އެދުނު ކޮންމެ ފަހަރެއްގައި އެކަންތައް ކޮށްދެއްވާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަބްދުﷲ ގާޒީއަށް ޗިޓެއް ފޮނުވުމުން ހާޒިރުވެވަޑައިނުގެންނެވުމުން، ހޯމް މިނިސްޓަރު ޑިފެންސް މިނިސްޓަރަށް ސިޓީއެއް ލިޔުއްވި، އެސިޓީގައި އަބްދުﷲ މުހައްމަދު ކޯޓްތަކަށް ވަދެވަޑައިގެން އުޅުއްވުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ލިޔުއްވި. އެހެންވެ އެމައްސަލާގައި އޭނާ އެކަހެރިކޮށްފައި ބެހެއްޓުމަކީ ޑިޕެންސް މިނިސްޓްރީން އަޅަން ފެނުނު ފިޔަވަޅެއް. އަޅުގަނޑު އޭގެފަހުން ބަލަމުން ދިޔައީ ލާއިންސާނީ އެއްވެސް ކަމެއް އަބްދުﷲ މުހައްމަދާ މެދު ހިނގާތޯ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދާއެކު އެކޮމިޝަނަށް މިއަދު ވަޑައިގެންނެވި ލީގަލް ޓީމުގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެޗްއާރުސީއެމުން ރައީސް ނަޝީދަށް ފޮނުއްވި ސީޓީގައި އެދިފައިވަނީ އެކޮމިޝަނުން ބަލަމުން ގެންދާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ މައްސަލައަކާ ގުޅިގެން ގ. ކެނެރީގޭ މުހައްމަދު ނަޝީދު ހާޒިރުކުރުމަށް ކަމަށެވެ. އަދި ކެނެރީގޭ މުހައްމަދު ނަޝީދަކީ އާއްމު ރައްޔިތަކަށްވާއިރު އެމައްސަލާގައި ސުވާލުކުރެވެނީ ރައީސް ނަޝީދުގެ މަގާމު ހައިސިއްޔަތުންތޯ ނުވަތަ އަބްދުﷲ މުހައްމަދުގެ އިންސާނީ ހައްގަކާ ބެހޭ ގޮތުންތޯ އެއީ ސުވާލުއުފެދޭ ކަމެއް ކަމަށް މާރިޔާ ވިދާޅުވި އެވެ.
"ކެރެނީގޭ މުހައްމަދު ނަޝީދަކީ އާއްމު ރައްޔިތެއް. އެހެންނަމަވެސް އަބްދުﷲ ގާޒީގެ މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަނުން ނަޝީދާ ސުވާލު ކުރައްވަނީ ނަޝީދުގެ މަގާމުގެ ހައިސިއްޔަތުން ކަމަކާމެދުތޯ ސުވާލު އުފެދޭ،" މާރިޔާ ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ލީގަލް ޓީމުގައި ހިމެނިވަޑައިގެންނަވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނަވަނީ މާރިޔާގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި އަބްދުﷲ ހަސީންގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ ލީގަލް ސެކްރެޓަރީ ހިސާން ހަސަން އަދި ހަސަން ލަތީފް އެވެ.
މާރިޔާ އަދި ވިދާޅުވީ އަބްދުﷲ ޣާޒީގެ މައްސަލާގައި އެޗްއާރުސީއެމަށް އެބޭފުޅުން މިއަދު ހާޒިރުވުމުން ފެބްރުއަރީ 7،8 ގައި ހިނގައި ދިޔަ ކަންތައްތަކާ މެދު އެއްޗެއް ވިދާޅުވާން ބޭނުންފުޅުތޯ ކޮމިޝަނުން ރައީސް ނަޝީދުއާ ސުވާލުކުރެއްވި ކަމަށެވެ. އަދި އެގޮތަށް ކަންތައްތައް ކުރެއްވުމުން 7،8 ގައި ހިނގައި ދިޔަ ކަންތައްތަކަކީ ވަރަށް ކުޑަކުޑަ ކަމެއްގެ ގޮތުގައި އެޗްއާރުސީއެމުން ދެކޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެކޮމިޝަނުން މިހާރު ކަންތައްތައް ކުރާ އުސޫލުތަކަށް ބަދަލު ގެނަން ފެނިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ލީގަލް ޓީމާއެކު އެކޮމިޝަނަށް މިއަދު ނަޝީދު ވަޑައިގެންނެވިއިރު އެކޮމިޝަންގެ މެންބަރު ފާތުމަތު ޖީހާން ނޫން އެހެން ހުރިހާ މެންބަރުން އުޅުއްވަނީ ރަށުން ބޭރުގަ އެވެ.
އަބްދުﷲ ގާޒީ އެކަހެރިކުރީ ޑިފެންސުން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ