މީރާގެ ކުޑަކުދިންގެ ހަވީރު އަންނަ ހުކުރު ދުވަހަށް ފަސްކޮށްފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަފާތު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ހަވީރު އަންނަ ހުކުރު ދުވަހަށް ފަސްކޮށްފި އެވެ.
ކުޑަކުދިންގެ ހަވީރު ކުރިން ބާއްވާ ގޮތަށް ހަމަޖެހިފައި އޮތީ މިއަދު ހަވީރު ކުޑަކުދިންގެ ބަގީޗާގަ އެވެ.
މީރާ އިން ބުނީ ކުޑަކުދިންގެ ހަވީރު އަންނަ ހުކުރު ދުވަހަށް ފަސްކުރީ މޫސުން ގޯސްވެ މި އިވެންޓް ކުރިއަށް ގެންދަން ދަތިވާތީ ކަމަށެވެ.
މީރާގެ ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިންނަށް ހުނަރު ދައްކުވާލެވޭނެ ޝޯ އަކާއި، ފޭސް ޕެއިންޓިން، ސެލްފީ ނެގުން، މިއުޒިކަލް ޗެއާ، ފުޓްބޯޅަ އަދި ދަޅު ވެއްޓުން ފަދަ ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފަ އެވެ.
މީރާގެ އަހަރީ ދުވަސް ފާހަގަކުރުމަށް މުހިއްމު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު މީރާ އިން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށް ހާއްސަކޮށްގެން މިދިޔަ ހަފްތާގައި ވަނީ "އޯޕަން ޑޭ" އެއް ކުރިއަށް ގެންގޮސްފަ އެވެ.
އޯޕަންޑޭގައި މީރާއަށް ޒިޔާރަތްކުރި ފަރާތްތަކަށް މީރާގެ އެކި ޑިޕާޓްމަންޓްތަކުން ކުރާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ދިނުމުގެ އިތުރުން އެ ފަރާތެއް ކިޔަވަމުންދާ ނުވަތަ ކިޔަވާފައިވާ ދާއިރާއިން ކުރިއަށް ދިއުމަށް މީރާގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ދިނުމާއި އެކު ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރުމުގެ ފުރުސަތު ވެސް ވަނީ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ