ފިލަޑެލްފިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 24) - ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްގެ މަންމަ މަރުވުމާ ގުޅިގެން، ޓީމުގެ ކޭމްޕް ދޫކޮށް އެނބުރި ގައުމަށް ގޮސްފި އެވެ.
ފްރާންސް ފުޓްބޯލް ފެޑެރޭޝަން (އެފްއެފްއެފް)ގެ ރައީސް، ފިލީޕޭ ޑިއާލޯ، މީޑިއާ އަށް ވިދާޅުވީ، އުމުރުން 57 އަހަރުގެ ޑެޝޯމްޕްސްގެ މަންމަ، އަންގާރަ ދުވަހު ހެނދުނު މަރުވެފައިވާ ކަމަށެވެ. އަދި، މަންމަގެ ޖަނާޒާގެ ކަންކަމުގައި ބައިވެރިވުމަށް، ފްރާންސްގެ ކޭމްޕް ދޫކޮށް، އެނބުރި ގައުމަށް ދިއުމަށް ޑެޝޯމްޕްސް އަށް ހުއްދަދީފައިވާ ކަމަށެވެ.
އެހެންކަމުން، ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ފްރާންސް އިން ކުޅޭ ފަހު މެޗުގައި، ނޯވޭއާ ދެކޮޅަށް ޑެޝޯމްޕްސް ޓީމަށް އިރުޝާދުދޭން. ބެންޗުގައި ނުުހުންނާނެ އެވެ. އެ މެޗުގައި ފްރާންސްގެ ޓީމު ލީޑުކުރާނީ ޓީމުގެ އެސިސްޓަންޓް ކޯޗު، ގައި ސްޓެފަން ކަމަށް ވެސް ފްރާންސް ފުޓްބޯލް ފެޑެރޭޝަނުން ވަނީ ނިންމައިފަ އެވެ.
ފްރާންސް އިން މި ފަހަރުގެ ވޯލްޑް ކަޕް ފެށީ 3-1 އިން ސެނެގާލް އަތުން މޮޅުވެގެންނެވެ. ދެ ވަނަ މެޗުގައި 3-0 އިން އިރާގު ބަލިކޮށް ބާކީ މެޗެއް އޮއްވައި ފްރާންސް އިން ވަނީ ގަދަ 32 ޓީމު ވާދަކުރާ ނޮކައުޓް ބުރަށް ދަތުުރުކޮށްފަ އެވެ. އެކަމަކު، ކުރިއަށް އޮތް ނޯވޭ މެޗަކީ ގްރޫޕްގެ އެއް ވަނަ ހޯދަން ފްރާންސަށް މުހިންމު މެޗެކެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ފްރާންސަށް އެއް ވަނަ ހޯދޭނެ އެވެ.
ފްރާންސަށް 1998 ވަަނަ އަހަރު އެ ގައުމުގައި ހޯސްޓްކުރި ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިދިން ކެޕްޓަން، ޑެޝޯމްޕްސް އަކީ، 2018 ވަަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސުން ހޯދިއިރު، އެ ޓީމުގެ ކޯޗެވެ. އަދި، ޑެޝޯމްޕްސް ވަނީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ފައިނަލަށް ވެސް ފްރާންސް ގެންގޮސްދީފަ އެވެ.
ޑެޝޯމްޕްސް، 2012 ވަނަ އަހަރު ފްރާންސްގެ ކޯޗުކަމާ ހަވާލުވިއިރު، މި ފަހަރުގެ ވޯލްޑް ކަޕަކީ އޭނާ ފްރާންސާ އެކު ކުރިމަތިލާ ފަހު މުބާރާތެވެ. ދެން، ފްރާންސާ ހަވާލުވާނެ ކަމަށް ބެލެވެނީ ޒިނެދިން ޒިދާން އެވެ. ޒިދާން އަކީ 1998 ވަނަ އަހަރު ޑެޝޯމްޕްސްގެ ކެޕްޓަންކަމުގައި ފްރާންސްގައި ކުޅުނު ކުޅުންތެރިއެކެވެ.
މަންމަ މަރުވުމުން ފްރާންސްގެ ކޯޗު ޑެޝޯމްޕްސް އެނބުރި ގައުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ