ބޮސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 24) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑުން ކުޅުނު ދެ ވަނަ މެޗުގައި ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވި ގާނާ އަތުން ޕޮއިންޓަކުން ފަރުޖައްސާލަން ޖެހިއްޖެ އެވެ.
ގްރޫޕް އެލްގައި ކުޅުނު ފުރަތަމަ މެޗުތަކުން އިންގްލެންޑާއި ގާނާ ވަނީ މޮޅުވެފަ އެވެ. އެ ގޮތުން، އިންގްލެންޑުން މޮޅުވީ ކްރޮއޭޝިއާ އަތަުން 4-2 އިންނެވެ. އަދި، ގާނާ އިން ފަހު ވަގުތު ލަނޑު ޖަހައި، 1-0 އިން ޕެނަމާ ބަލިކޮށްފަ އެވެ. އެހެންކަމުން، މިރޭގެ މެޗުގައި، އިންގްލެންޑާއި ގާނާގެ ތެެރެއިން ކޮންމެ ޓީމެއް މޮޅުވެގެން ވެސް ގަދަ 32 ޓީމުގެ ބުރުގެ ޖާގައެއް އޮތީ ލިބޭ ގޮތަށެވެ. އެކަމަކު، މެޗު އެއްވަރުވެގެން ނިމުނުއިރު، މި ނަތީޖާއާ އެކު ވެސް މި ދެ ޓީމަށް އަނެއް ބުރުން ޖާގަ ލިބުމުގެ ފުރުސަތު ބޮޑެވެ.
މި ވަގުތު އިންގްލެންޑުން ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތް ގާނާ އަށް ވެސް ދެ މެޗުން ހަތަރު ޕޮއިންޓް ވަނީ ލިބިފަ އެެވެ. އިންގްލެންޑަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. މި ގްރޫޕްގައި ދެން އޮތް ކްރޮއޭޝިއާ އާއި ޕެނަމާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ބޮސްޓަން ސްޓޭޑިއަމްގައި ކުޅުނު މިރޭގެ މެޗުގައި ގާނާ އާއި އިންްގްލެންޑުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ އެކި ވަގުތުތަކުގައި ދެ ޓީމުން ވެސް އެޓޭކަށް ބޯޅަ ހިފައިގެން ގޮސް އަވަހަށް ގޯލަށް ފޮނުވާލެވޭތޯ މަސައްކަތްކުރަމުން ދިޔަ ނަމަވެސް. ދެ ޓީމުގެ ކީޕަރުން ރަނގަޅަށް ޓެސްޓް ކޮށްލެވޭ ގޮތެއްނުވި އެވެ. އެ ގޮތުން، ފުރަތަމަ ހާފަށް ބަލާއިރު، އިންގްލެންޑްގެ ކީޕަރު، ޖޯޑަން ޕިކްފޯޑާއި ގާނާގެ ކީޕަރު، ބެންޖަމިން އަސާރޭ އަށް މާ ބޮޑު ކަމެއް ކުރަން ނުޖެހުނެވެ.
ދެ ވަަނަ ހާފުގައި އިންގްލެންޑުން ކުރިއަށް ޖެހިގެން ކުޅެ، ކޯނަރާއި ހިލޭޖެހުންތަކުގައި އޭރިއޭތެރެއަށް ރަނގަޅު ބޯޅަތަކެއް ކުޅުނު ނަަމަވެސް، އެންމެ ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. އިންގްލެންޑްގެ ކެޕްޓަން، ހެރީ ކޭން، އޭރިއާބޭރުން ފޮނުވާލި ބޯޅަ ކީޕަރު އަސާރޭ ވަނީ އަތަށް ނަގައިފަ އެވެ. އަނެއްކޮޅުން، ގާނާގެ އަންޓުއާން ސެމެންޔޯ ޖެހި ޝޮޓެއް ވަނީ ބްލޮކްވެފަ އެވެ.
މެޗުގެ 79 ވަނަ މިނިޓްގައި، އިންގްލެންޑުގެ ޑިފެންސް ފަހަތަށް ދިޔަ ބޯޅައަކަށް އަރަައި ގާނާގެ ޕްރިންސް އަޑޫ ފޮނުވާލި ބޯޅަ ބްލޮކްވީ އެ ޓީމުގެ ސެމެންޔޯ ގައިގައި ޖެހިފަ އެވެ. އޭގެ ފަހުން، މެޗުގެ 85 ވަނަ މިނިޓްގައި ގާތްގާތުގައި ދެ ފުރުސަތު އިންްގްލެންޑުން ނަގާލި އެވެ. އެ ގޮތުން، އިންގްލެންޑްގެ ބުކާޔޯ ސަކާ ޖެހި ބޯޅައެއް ކީޕަރު އަސާރޭ މަތަކުރިއިރު، އޭގެ އިރުކޮޅެއް ފަހުން، އިންގްލެންޑްގެ ނިކޯ އޯރައިލީ ބޮލުން ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސުން ކޭން ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެެވެ.
އިންގްލެންޑާއި ގާނާ އިން 2011 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗު ނިމިފައިވަނީ 1-1 އިން އެއްވަރުވެގެންނެވެ. މިއީ، އިންގްލެންޑުގެ ކޯޗުކަމާ ތޯމަސް ޓުޗެލް ހަވާލުވި ފަހުން އެ ޓީމުން ކުޅުނު 16 ވަނަ މެޗެވެ. އޭގެ ތެރެއިން 12 މެޗުން މޮޅުވިއިރު، ދެ މެޗުން ބަލިވެ، ދެ މެޗުން މި ވަނީ އެއްވަރުވެފަ އެވެ.
ގާނާ އަތުން އިންގްލެންޑަށް ހޯދުނީ އެންމެ ޕޮއިންޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ