މެޗުގެ ހަ ވަނަ މިނެޓުގައި އުޒްބަކިސްތާނުގެ ގޯލަށް ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ބާރުގަދަ ހަމަލާގެ އަސަރު، ޖެހިގެން ހުރި އެކުވެރިޔާގެ ހިތަށް ވެސް ފޯރި އެވެ. ގޯލުގެ ދާގަނޑުގައި ބޯޅަ ޖެހި، މެޗު ބަލަން ތިބި ސަޕޯޓަރުން ލަވައިގަތް ހަޅޭކާ އެކު ސިއްސައިގެން ގޮސް އޭނާ އިށީނދެ އިން ގޮނޑިން ނުވެއްޓުނީ ކިރިޔާ އެވެ.
އޭނާއަށް އެވަރު ނުވާންވީ ސަބަބެއް ނެތެވެ. މެޗު ބަލަން ދިޔުމުގެ ކުރިން ރޮނާލްޑޯގެ "ތަރި އޮއްސިއްޖެ" ކަމަށާއި އިތުރަށް އެންމެ ލަނޑެއް ވެސް ނުޖެހޭނެ ކަމަށް ބުނެ ފާޑުކީ މީހުންގެ ތެރޭގައި އޭނާ ވެސް ހިމެނެ އެވެ.
ރޭގެ މެޗަށް ޕޯޗުގަލް އާއި ރޮނާލްޑޯ ނުކުތީ ފާޑުކިޔުންތައް އަޑުއަހައި، އެއަށް ޖަވާބުދޭ ކަހަލަ މޫޑެއްގަ އެވެ. މެޗުގެ ހަ ވަނަ މިނެޓުގައި ރޮނާލްޑޯ ޖެހި ލަނޑާ އެކު އިއުލާންކުރީ އެކަމެވެ. އެ ގޯލާ އެކު ރޮނާލްޑޯ ވަނީ ހަ ވޯލްޑް ކަޕްގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ގޮތުގައި ދުނިޔޭގެ ރިކޯޑު ފޮތަށް ވެސް އަރާފަ އެވެ.
އެވަރަކުން އަދި ނުނިމެ އެވެ. މެޗުގެ 17 ވަނަ މިނެޓުގައި ޕޯޗުގަލްއަށް، އުޒްބަކިސްތާނުގެ ޕެނަލްޓީ އޭރިއާގެ ރޮނގު ކައިރިން ހިލޭ ޖެހުމެއް ލިބުނެވެ. ރެފްރީ އުޅުނީ ޝޮޓު ޖަހަން ވާއިރަށް ދެ ޓީމުގެ ކުޅުންތެރިން ހަމައަކަށް އެޅުވޭތޯ އެވެ. ފްރީ ކިކު ޖަހަން ބޯޅަ ކައިރީގައި ހުއްޓިގެން ތިބީ ރޮނާލްޑޯ އާއި ނޫނޯ މެންޑޭޒް އެވެ. ދަނޑުގައި ތިބި ހުރިހާ ސަޕޯޓަރުން ކޮޅަށް ތެދުވެ، ފޯނު ނަގައި ރިކޯޑަށް ޖެއްސި އެވެ. މުޅި ދަނޑު އޮތީ ނޭވާ ހިފަހައްޓައިގެންނެވެ.
ޖެހިގެން އިން އެކުވެރިޔާގެ ޕްރެޝަރު ވެސް ވަކި ކުޑައެއް ނޫނެވެ. އޭނާ ބިރުގަތީ އެ ހިސާބުން ފްރީ ކިކެއް ލިބުމަކީ ރޮނާލްޑޯއަށް ޕެނަލްޓީއެއް ދިނުން ފަދަ ކަމެއް ކަމަށް ހީކޮށް އެ ބިރު އޮވެގެންނެވެ.
ރޮނާލްޑޯ އެ ފްރީ ކިކު ޖަހަން މަޑުމަޑުން ދުއްވައިގަތީ އެކުވެރިޔާ އާއި އުޒްބަކިސްތާން ޑިފެންޑަރުން އަދި ދުރާއި ގާތުން މެޗު ބަލަން ތިބި އެންމެންގެ ސަމާލުކަން ޖަހައިގަނެގެންނެވެ. އެކަމަކު އޭނާ އެ އެންމެންނަށް "ޑަމީ"އެއް ޖެއްސުމަށްފަހު ފްރީ ކިކު ޖަހަން ދޫކޮށްލީ މެންޑޭޒް އަށެވެ. އޭނާ ޖެހި ބާރު ޝޮޓު އުޒްބަކިސްތާނު ކީޕަރަށް މަތައެއް ނުކުރެވުނެވެ.
އެވަރުން ވެސް އަދި ނުނިމެ އެވެ. ހާފު ނިމުމުގެ ކުރިން ރޮނާލްޑޯ އިތުރު އެއް ގޯލު ޖެހި އެވެ. އަދި ދެ ވަނަ ހާފުގައި އުޒްބަކިސްތާން ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލާ އެކު ޕޯޗުގަލްގެ ލީޑު އިތުރަށް ފުޅާވި އެވެ.
ރޮނާލްޑޯއަށް ހެޓްރިކެއް ހަދާނެ ރަނުގެ ފުރުސަތުތަކެއް ދެ ހާފުގައި ވެސް ލިބުނެވެ. އެކަމާ ވެސް ޖެހިގެން އިން އެކުވެރިޔާ އިނީ ކަންބޮޑުވެފަ އެވެ. ދެން މިހާރު އެއީ ކޮން ކުޅުންތެރިއަކަށް މަރު ދޭ ސަޕޯޓަރެއްކަން ކިޔުންތެރިންނަށް ވެސް އެނގޭނެ އެވެ.
ގޯލެއް ޖަހަން އުޅުމުގެ ތެރޭގައި ރޮނާލްޑޯގެ ފަޔަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބުމަކީ އެކަމަށް އެޅުނު ހުރަހެކޭ ބުނެވިދާނެ އެވެ. އެކުވެރިޔާގެ ބަހުން ނަމަ 'ގޯޓު' (ގްރޭޓަސްޓް އޮފް އޯލް ޓައިމް)ގެ ފައި ބިނދުނު ފަދަ އެވެ. އޭގެ ފަހުން އޭނާ ފެނުނީ ތަންކޮޅެއް މަޑުމައިތިރިކޮށެވެ.
މެޗު ނިމުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ރަފާ ލެއާއޯގެ ގޯލަކާ އެކު 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ޕޯޗުގަލް މޮޅުވެގެންނެވެ. މި ނަތީޖާއާ އެކު ޕޯޗުގަލް ވަނީ ގްރޫޕް ކޭގެ އެއްވަނައަށް ޖެހިލާފަ އެވެ. އެ ޓީމުން ދެން ނުކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ.
ބުދެކޭ؟ ރޮނާލްޑޯ އާއި ޕޯޗުގަލްގެ ރައްދު 5 ތަރީގެ މޮޅަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ