ކުނިން ކަރަންޓް އުފައްދަން އަބޫދާބީ ފަންްޑުން ހަމިލިއަން ޑޮލަރުގެ ލޯނެއް ދީފި

ކުނި އަންދައިގެން ކަރަންޓް އުފެއްދުމަށް ހިންގާ މަޝްރޫއަށް ލޯނު ދިނުމާ ގުޅޭ އެއްބަސްވުމުގައި ސަރުކާރާއި އަބޫދާބީ ފަންޑާ އެކު ސޮއިކޮށްފި އެވެ.
މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ސޮއިކުރެއްވިއިރު އަބޫދާބީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޑިރެކްޓަ ޖެެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ތިމާވެއްޓާ ރަށްޓެހި ގޮތަކަށް ކުނި އަންދައިގެން ކަރަންޓު އުފެއްދުމަށް ހިންގާ މަޝްރޫއަށް ގާތްގަނޑަކަށް ހަ މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް މި އެއްބަސްވުމުގެ ދަށުން، އަބޫދާބީ ފަންްޑް ފޯ ޑިވެލޮޕްމަންޓުން ވަނީ ނިންމާފަ އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއެއްބަސްވުމަކީ ހދ. އަތޮޅުގެ ރަށްތަކާއި، ރ. ވަންދޫގެ އިތުރަށް، އައްޑޫގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއަށް ލޯނު ދިނުމާ ގުޅޭ އެއްބަސްވުމެއް ކަމަށެވެ. މި ތަންތަނުގައި ގާއިމްކުރުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާ ރަށްޓެހި ގޮތަކަށް ކަރަންޓް އުފައްދާ ޕްލާންޓްތަކެކެވެ.
މި ޕްލާންޓުން ކަރަންޓް އުފައްދަން ބޭނުންކުރަނީ ކުނީގެ ގޮތުގައި އުކާލެވޭ ބާވަތްތައް އެންދުމުން އުފެދޭ ހޫނެވެ.
މަޝްރޫއު ފަަށާތާ ފަސް އަހަރު ދުވަސް ފަހުން ފައިސާ ދައްކަން ފަށަންޖެހޭ ގޮތަށް ދޫކޮށްފައިވާ މިލޯނަކީ ދެ ޕަސެންޓްގެ އިންޓަރެސްޓް ރޭޓެއް ހިމެނޭ ލޯނެކެވެ. 20 އަހަރު ދުވަހުގެ ތެރޭ ދައްކާ ނިންމަންޖެހޭ މިލޯނަށް އިންޓަރެސްޓުގެ އިތުރަށް ލޯނުގެ 0.5 އިންސައްތަ އިދާރީ ފީގެ ގޮތުގައި ދައްކަންޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
މި މަޝްރޫއު ފަށާނެ ވަކި ދުވަހެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ