ގައުމުގެ މިސްރާބް ބަދަލު ކުރަން ޖެހޭ: ރައީސް މައުމޫން

މިވަގުތު ޤައުމު މިދާ މިސްރާބާ މެދު ޤައުމުގެ ރައްޔިތުން އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހޭ ކަމަށާއި އެހެންކަމުން، ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ޤައުމު މިދާ މިސްރާބު ބަދަލުކުރުމަށް މަސައްކަތްކުރުމަކީ، މިވަގުތު އެންމެންގެ މައްޗަށް ލާޒިމު ވެފައިވާ ކަމެއް ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ 73 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫނު ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ ރާއްޖޭގައި މާތްވެގެންވާ އިސްލާމްދީން ރައްކާތެރިކޮށް، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓައި، ދިވެހީންގެ އަތްމަތީގައި ދިވެހިރާއްޖޭގެ ޤުދްރަތީ މުއްސަނދިކަން ހިފަހައްޓައި، ރާއްޖޭގައި ހަރުދަނާ ޑިމޮކްރެޓިކް ވެއްޓެއް ޤާއިމްކޮށް، ރައްޔިތުންގެ އަސާސީ ޙައްޤުތައް ޙިމާޔަތްކޮށް، މިނިވަން މުއައްސަސާތަކުގެ މުސްތަޤިއްލުކަން ހަރުދަނާކޮށް، ޢަދުލު އިންސާފު ކަށަވަރު ކުރުމަކީ، އެންމެންގެ ޤައުމީ ވާޖިބެއް ކަމަށެވެ. އެހެން ކަމުން މިހާރު ގައުމުގެ މިސްރާބް ބަދަލު ކުރުމަކީ އެންމެ ކުރަންޖެހޭ ކަމެއް ކަމަށް އެ މަނިކުފާން ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫން ވިދާޅުވީ ޤައުމުގެ ކަންތައްތައް މިހުރީ އެންމެ އެދެވޭ ގޮތަށް ނޫންކަން ޤައުމަށް ހެޔޮއެދޭ ކޮންމެ ރައްޔިތަކުވެސް ޤަބޫލުކުރާނެ ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ އެންމެހާ ރައްޔިތުންނާއި، ރާއްޖެގެ ހުރިހާ ސިޔާސީ ޕާޓީތައް ގުޅިގެން، ޤައުމުގެ މިހާރާއި މުސްތަޤްބަލަށް ޓަކައި އިތުރު އަޒުމަކާއެކު މިމަސައްކަތް ކުރުމަށް، ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ގޮވާލައްވާ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ޤައުމީ ދުވަހަކީ ތާރީޚުން ޢިބުރަތް ލިބިގަންނަން ޖެހޭ ދުވަހެއް ކަމަށެވެ. އެގޮތުން ޤައުމުގެ ކަންކަމާމެދު ވިސްނާ ފިކުރު ކުރަންޖެހޭ ދުވަހެއް ކަމަށާއި. ބޮޑުތަކުރުފާނުގެ މި މަތިވެރި ޖިހާދާ މެދު ދިވެއްސަކަށްވީތީ ފަޚުރުވެރިވެ، ދިވެހި ކޮންމެ ދަރިއަކީވެސް އެ މަނިކުފާނު ފަދައިން ޤައުމަށްޓަކައި، ޤައުމުގެ ކޮންމެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށް ތިބި ބަޔަކަށް ވާން ޖެހޭ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ދިވެހީންގެ ހިތްތަކުގައި ޤައުމީ ރޫޙު އިތުރުކުރުވައި ޤައުމީ ލޯބި ޖެއްސުވުމުގެ ގޮތުން ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރެވުނީ ހިޖުރައިން 1365 ވަނަ އަހަރު އޭރު ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ހުންނެވި އަލްއަމީރު މުޙައްމަދު އަމީނުގެ އިސްނެގެވުމަށްކަން ރައީސް މައުމޫން ފާހަގަ ކުރެއްވިއެވެ. އެގޮތުން ޤައުމީ ދުވަހަކީ ޕޯޗުގީޒުންގެ ކިބައިން ރާއްޖެ މިނިވަން ކުރެވުނު ދުވަސްކަމަށްވާ 1 ރަބީޢުލްއައްވަލް ކަމުގައި ކަނޑައެޅުއްވީ ވެސް އެމަނިކުފާން ކަމަށާއި އެހެންކަމުން މިދުވަސް ފާހަގަ ކުރަމުން ދާއިރު އެމަނިކުފާނުގެ ޒިކުރާ އައު ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ޤައުމީ ދުވަހަކީ، ދިވެހިރާއްޖެ ޕޯޗުގީޒުން ގެ އަޅުވެތިކަމުގައި 15 އަހަރާއި 6 މަސްދުވަސް އޮތުމަށްފަހު، މާތް ﷲ ގެ ރަޙުމަތާއި މިންވަރުފުޅުން، އެ އަޅުވެތިކަމުން ސަލާމަތްވި ދުވަހެވެ. އެއީ 1 ރަބީޢުލް ޢައްވަލް 981 ހ. (2 ޖުލައި 1573 މ.) ވަނަ ދުވަހެވެ. ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ދިވެހީން ސަލާމަތް ވުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ، އުތީމު ހުސެއިން ޚަތީބު ތަކުރުފާނުގެ ތިން ދަރިކަލުންގެ ހިތްވަރު ފުޅެވެ. ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށުން ސަލާމަތްވީ މުޙައްމަދު ތަކުރުފަނާއި، ޙަސަން ތަކުރުފާނާއި، ޢަލީ ތަކުރުފާނު ދެހާޖީންނާއި ދަންޑަހެލާއެކު "ކަޅުއޮފުންމި" ކިޔާ އަނގަމަތީ މަސް ދޯންޔެއްގައި ކުރެއްވި ހިތްވަރުގަދަ ޖިހާދުގެ ސަބަބުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ