ޕޯސްޓު އޮފީހާ ބާސެލޯ އާ ދެމެދުގައިވާ ޖެޓީ ސަރަހައްދަށް ފެރީ ކައިރިކުރުމަށާ ފަސިންޖަރުން އަރުވާ ބޭލުމަށް ވަގުތީ ހުއްދައެއް އެމްޓީސީސީން ދީފިއެވެ.
މިކަން އިއުލާނުކޮށް ނެރުނު ބަޔާނެއްގައި އެމްޓީސީސީން ބުނީ ކަނޑައެޅިފައިވާ ސަރަހައްދުގައި ފެރީތައް އޮޕަރޭޓުކުރި ނަމަވެސް ބޮޑުތަކުރުފާނު މަގު މިވަގުތު ވެސް ހަދަމުން ދާތީ އެ މަގުގައި އެއްވެސް ދުއްވަ އުޅަނދަކަަށް ހަރަކާތްތެރިވެ ނޫޅެވޭނެކަމަށެވެ.
އަދި އެ މަގު ހުރިހާ ފަރާތްތަކަށް ބަންދުވާނެކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެެވެ. އެމްޓީސީސީން ވަނީ މި ސަރަހައްދު ބޭނުންކުރާއިރު އެ ކުންފުނީީގެ މުވައްޒަފުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
ބޮޑުތަކުރުފާނު މަގުގައި ކުރަމުންދާ މަރާމާތުގެ މަސައްކަތްތަކަކާ ގުޅިގެން، އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް (ޓްރެފިކް ފްލޯ) އަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
ފުލުހުން ބުނި ގޮތުގައި މި ބަދަލު ގެނެސްފައި ވަނީ އެ ސަރަހައްދުގައި ކުރިއަށްދާ މަސައްކަތްތަކުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ފަސޭހައެއް ގޮތުގައެވެ. ޓްރެފިކް ފްލޯއަށް ގެނައި ބަދަލުގެ ތެރޭގައި ބޮޑުތަކުރުފާނުމަގާއި ޗާންދަނީމަގު ގުޅުނު ހިސާބުން ފެށިގެން، ޗާންދަނީމަގު އޯކިޑްމަގާއި އަމީރު އަހުމަދު މަގު ގުޅުނު ކަންމައްޗާ ހަމައަށް މިހާރު ދެކޮޅަށް ދުއްވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
މި ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނައި ބަދަލަކީ މަގުގެ މަސައްކަތް ނިމެންދެން ވަގުތީ ގޮތުން ގެނައި ބަދަލެކެވެ.
ޕޯސްޓު އޮފީސް ކައިރި ޖެޓީއަށް ފެރީ ކައިރިކުރުމުގެ ވަގުތީ ހުއްދައެއް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ