މެޖިސްޓްރޭޓް ރަޝީދު ހައްޔަރުކުރި ހިސާބުން ފެނުނު ރަބަރު ޕެކެޓުން އިނގިލީގެ ނިޝާން ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފި

މަސްތުވެގެން ހުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ގދ. ތިނަދޫ ކޯޓްގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު ހައްޔަރުކުރި އިރު އޭނާ ހުންނެވި ހިސާބުން ފެނުނު މަސްތުވާތަކެތި އަޅާފައިހުރި ރަބަރު ޕެކެޓުން އޭނާގެ އިނގިލީގެ ނިޝާން ފެނިފައި ނުވާ ކަމަށް ފުލުހުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފިއެވެ.
އިބްރާހިމް ރަޝީދު ހައްޔަރުކޮށް ހައިކޯޓަށް ހާޒިރުކުރުމުން އެކޯޓުން ވަނީ އޭނާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި އިޖުރާތްތަށް ރަނގަޅު ނޫން ކަމަށްބުނެ ވަނީ އޭނާ ދޫކޮށްލާފައެވެ.
އެ މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އޭނާ ހައްޔަރުކުރި ވަގުތު އޭނާ ރަބަރު ޕެކެޓެއް އެއްލާލިތަން ސީން އަށް ދިޔަ ބައެއް ފުލުހުންނަށް ފެނިފައިވާ ކަމަށެވެ.
އެހެންކަމުން އޭނާ ހައްޔަރުކޮށްފައި ވަނީ ފަނޑިޔާރުންގެ ގާނޫނުގައި ބުނެފައިވާ ގޮތަށް ކުށުގެ ވެށިން ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި އިބްރާހިމް ރަޝީދު ވިދާޅުވީ އޭނާ މަގުމަތިން ހިނގާފައި ދަނިކޮށް ފުލުހުން ފިލާފައި ތިބެ ކުއްލިއަކަށް އޭނާގެ ބޯމައްޗަށް ފުންމާލީ ބަނޑުހައިވެފައި އޮތް ސިންގާއެއް ކުޑަ ކުޑަ މީދާތަކަކާ ދިމާއަށް ދާގޮތަށް ކަމަށް. އަދި އެވަގުތު އޭނާ ބޮލުގައި އަތް އެޅުން ފިޔަވައި އިތުރު ހަރަކާތެއް ނުކުރާކަމަށެވެ.
އަދި ފުލުހުން އޭނާ ހައްޔަރުކުރިތާ 11 މިނިޓް ފަހުން އޭނާއާ 11 ފޫޓު ދުރުން ރަބަރު ޕެކެޓެއް ހޯދި ކަމަށާއި އެއްލާލި ވަގުތު އެ ޕެކެޓް ނުހޯދީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.
ފުލުހުން ބުނީ އޭނާގެ މައްޗަށް މަސްތުވާތަކެތީގެ ތުހުމަތު ކުރެވި އިންޓަލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށާއި ލިބުނު މައުލޫމާތާއި ގުޅިގެން އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް ޕީޖީ މެދުވެރިކޮށް އެދުމަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށެވެ.
އެގޮތަށް ބުނުމާއި ގުޅިގެން މެޖިސްޓްރޭޓްގެ ވަކީލު ވިދާޅުވީ ފުލުހުން އޭނާ ހައިކޯޓަށް ގެންދިއުމާހަމަޔަށްވެސް ޕީޖީއާއި މަޝްވަރާކޮށްފައި ނުވާ ކަމަށާއި، ފުލުހުންގެ މަސައްކަތުން ދޭހަވަނީ އެބޭފުޅުން ފަނޑިޔާރުންގެ ގާނޫނުގެ ބާރުކަނޑުވާލަން މަސައްކަތްކޮށްފައިވާކަން ކަމަށެވެ.
އެ މައްސަލައާއި ގުޅިގެން މެޖިސްޓެރޭޓްގެ ފަރާތުން އެދުނީ ހައިކޯޓުގެ ނިންމެވުމަށް ތާއީދުކޮށްދެއްވުމަށެވެ.
އަދި ދައުލަތުގެ ފަރާތުން އެދުނީ ހައިކޯޓުން އިބްރާހިމް ރަޝީދު ދޫކޮށްލަން ނިންމި ނިންމުން ބާތިލުކޮށްދެއްވާ އޭނާ 15 ދުވަހަށް ބަނދުގައި ބެހެއްޓުމަށް އަމުރުކޮށްދެއްވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ