ފްލައިން ސްކޫލް ކުދިންނާ ނައިބުރައީސް ބައްދަލުކޮށްފި

އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގަމުން އަންނަ އޭޝިއަން އެކެޑަމީ އޮފް އެރޯނޮޓިކްސް (އޭއޭއޭ)ގެ ދަރިވަރުންނާ ބައްދަލުކުރައްވައި އެކުދިންނަށް ދިމާވެފައިވާ މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ނައިބު ރައީސް ފައިސަލް ނަސީމް ދެއްވައިފިއެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި ނައިބު ރައީސް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި، އެ ސްކޫލުގެ ދަރިވަރުންނާއެކު ބޭއްވި ކުއްލި ބައްދަލުވުމުގައި ބައިވެރިކޮށްފައި ވަނީ ހަ ދަރިވަރެކެވެ. އެ ބައްދަލުވުމުގައި އެ ދަރިވަރުން ވަނީ، ކިޔެވުން ކުރިއަށް ގެންދިއުމުގައި ދިމާވެފައިވާ ދަތިތައް އެމަނިކުފާނާ ހިއްސާކުރައްވައިފައެވެ. އެގޮތުން ޑޮލަރުން ކޯސް ފީ ދައްކަން އެންގި މައްސަލަ ވަރަށް ސީރިއަސްކޮށް ބައްލަވަމުން ގެންދަވާކަމަށް ނައިބުރައީސް ވަނީ ވިދާޅުވެފައެވެ. އަދި ދަރިވަރުންގެ ކިޔެވުން މަޑުޖެހިފައިވާ މައްސަލަ ހައްލުކޮށްދެއްވުމަށް ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެ ބައްދަލުވުމުގައި ދަރިވަރުން ވަނީ ރާއްޖެއިން ބޭރުން ކޯހުގެ ބާކީ ބައި ފުރިހަމަ ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާ ގުޅޭގޮތުން ވެސް ނައިބު ރައީސް އާއެކު މަޝްވަރާކޮށްފައެވެ. އަދި އެކުދިންގެ ލޯނުތައް ދެއްކުން ފަސްކޮށްދިނުމަށް ވެސް އެދިފައިވެއެވެ. ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ނައިބު ރައީސް ވަނީ ވީ އެންމެ އަވަހަކަށް އެ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެތަނުގައި ކިޔަވާ ދަރިވަރުންނަށް ދިމާވެފައިވާ ކަންތައްތަކަށް ހައްލު ހޯދައިދިނުމެއްނެތި ދަރިވަރުން ވަކިކުރަމުންދާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އެންގުންތަކަށް ވެސް ނުބަލާ ކުދިން ވަކިކުރާ މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިނިސްޓަރު އާއިޝަތު ނަހުލާ ވަނީ ދެއްވައިފަ އެވެ. ފްލައިން ސްކޫލުގެ ދަރިވަރުންނާމެދު އިހުމާލުވެފައިވާތީ އެތަނާމެދު ފިޔަވާޅު އަޅަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ނިންމައިފަ އެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެ އެކަޑަމީ އޮޑިޓްކުރުމަށްފަހު 2019 ވަނަ އަހަރުގެ އޭޕްރިލް މަހު އަދި މިއަހަރުގެ އޮކްޓޯބަރު މަހުވެސް ފާހަގަކޮށްފައިވާ ކަންކަމަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. އަދި އެތަނުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް 22 އޮކްޓޯބަރުގައި 20 ދުވަހުގެ މުހުލަތެއްވެސް ވަނީ ދީފަ އެވެ. ނަމަވެސް އެކަންތައް ހައްލު ވެފައެއް ނުވެ އެވެ. އޭއޭއެ އިން ގަބޫލުކުރާ މިންގަނޑަށް ކޯސް ފުރިހަމަ ކޮށްފައި ނުވާކަމަށް ބުނެ އެތަނުގައި ކިޔަވާ ވިއްސަކަށް ދަރިވަރުން ވަނީ ކޯހުން ވަކިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ