ރައީސް މައުމޫން ފެކްޝަންގެ އޮފީހަށް ކަޅުތެޔޮ ޖަހައިފި

ހ ތެމާގައި ހުންނަ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ އޮފީހަށް މިއަދު ބަޔަކު ކަޅުތެޔޮ ޖަހައިފިއެވެ.
ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުގެ އޮފިޝަލަކު ވިދާޅުވީ އޮފީހަށް ކަޅުތެޔޮ ޖަހާފައިވަނީ މިއަދު ހެނދުނު 10:30 ގެ ފަހުން ކަމަށާއި، ހެނދުނު އޮފީސް ހުޅުވިއިރު އެފަދަކަމެއް ނެތްކަމަށެވެ.
އަދި ކަޅުތެޔޮޖެހީ އޮފީހަށް ބޭނުންވާ ބައެއްތަކެތި ގެންނަން މުވައްޒަފުން ބޭރަށް ނުކުމެ އުޅުނު ވަގުތެއްގައި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ޕީޕީއެމް އޮފީހަށް މިއަދު ކަޅުތެޔޮ ޖަހާފައިވާއިރު، ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރާ ހަވާލުކުރުމަށް ސިވިލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން، ފުލުހުންގެ ބެލުމުގެ ދަށުން އެ ޕާޓީގެ ފަރާތުން އެ ޕާޓީގެ އޮފީސް ސާފުކޮށްފައެވެ. އަދި ޕީޕީއެމް އޮފީހުގައި ހުރި ހުރިހާ ތަކެއްޗެއް ނެރެ ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފައެވެ.
އެކަމާބެހޭގޮތުން ރައީސް ޔާމީން ފެކްޝަނަށް ނިސްބަތްވާ ބޭފުޅުން ވިދާޅުވީ، ޕާޓީ ހިންގުމަށް ބޭނުންވާ ގިނަ ލިޔެކިޔުންތައް ޕާޓީ އޮފީހުގައި ނެތް ކަމަށެވެ. އޭގެ އިތުރުން، އޮފީސް ހިންގަމުން ދިޔަ އިމާރާތުގެ ވެރިފަރާތާއެކު ހަދާފައިވާ އެއްބަސްވުމުން މީގެ އަހަރު ދެއަހަރު ކުރިން މުއްދަތު ހަމަވެފައިވާއިރުވެސް އެ އެއްބަސްވުން އާކޮށްފައި ނުވާކަމަށްވެސް އެ ބޭފުޅުން ވިދާޅުވިއެވެ.
އަދި، ޕީޕީއެމްގެ އޮފީހުގައު ހުރި ކޮމްޕިއުޓަރުތައް ހުރީ ފޯމެޓްކޮށްލާފައި ކަމަށާއި، ގިނަ ކޮމްޕިއުޓަރުތަކުގެ ހާޑްޑިސްކުވެސް ނެތްކަމަށް އެބޭފުޅުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ