އަޅުގަނޑު ވެސް ބޭސްފަރުވާއަށް ބެންކޮކަށް ދާން ބޭނުން - މައުމޫން

ބޭސްފަރުވާއަށް ބެންކޮކަށް ވަޑައިގަންނަވަން ބޭނުންވާ ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މައުމޫން އަބްދުއްސަމަދު ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ ގޮތްނޭނގޭ ބައްޔެއްގެ ވޭން ތަހަންމަލް ކުރަމުންދާ 17 އަހަރުގެ ކުއްޖެއް ކަމަށްވާ އިބްރާހިމް ޒާހިލް އަށް ބެންކޮކް އިން ކުރާ ފަރުވާއަށް އެހީއެއް ދެވެން ނެތް ކަމަށް އާސަންދަ އިން ޒާހިލްގެ އާއިލާ އަށް އެންގުމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުންނެވެ.
މައުމޫން ރޭ "ވަގުތަށް" ވިދާޅުވީ "ބޭސްފަރުވާ އަށް ބެންކޮކަށް ދާން އަޅުގަނޑު ވެސް ބޭނުން. ނަމަވެސް ފައިސާ ނެތީމަ ނުދެވޭނެ ނޫންތޯ." އެވެ.
އޭނާ އިތުރަށް ވިދާޅުވީ ދުނިޔޭގައި ބޭސްފަރުވާ އަށް އެންމެ ރަނގަޅު ގައުމަކީ އިންޑިއާ ކަމަށެވެ.
އާސަންދަ އިން އެހީ ލިބެނީ ހަމައެކަނި އިންޑިއާ އާއި ސްރީލަންކާ އިން ފަރުވާ ކުރުމަށް ކަމަށްވާތީ ބެންކޮކް އިން ފަރުވާ ކުރަން ޒާހިލް އަށް އެހީ ދެވެން ނެތް ކަމަށް އާސަންދަ އިން ވަނީ އަންގާފައެވެ. ޒާހިލްގެ އާއިލާ އިން މީގެ ކުރިން އިންޑިއާ އިން ޒާހިލް އަށް ފަރުވާ ކޮށްފައި ވާއިރު އިންޑިއާ އިން ވަނީ ޒާހިލް އަށް ޖެހިފައި ވަނީ ކޮން ބައްޔެއްކަން ނޭންގޭ ކަމަށް ބުނެފައެވެ.
"ޒާހިލް އަށް އެހީދެވެން ނެތް ކަމަށް އާސަންދަ އިން އަންގައިފި" މިސުރުހީގެ ދަށުން ގެނެސްދިން ޚަބަރާއި ގުޅިގެން "ވަގުތު" އާއި ދެކޮޅަށް އާސަންދަ ކުންފުނިން ދައުވާ ކުރަން ނިންމާ އެމަސައްކަތް މިހާރު ލޯ ފާމަކާއި ހަވާލުކޮށްފައިވާ ކަމަށް ވެސް މައުމޫން ރޭ ވަނީ ވިދާޅުވެފައެވެ.
ބަލި މީހާ އަށް އެހީވުމުގެ ބަދަލުގައި ހަޤީޤަތް ހާމަކުރި ނޫހާއި ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށް ޒިންމާދާރު މަގާމެއްގައި ހުންނަވާ މައުމޫން ވިދާޅުވުމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ވަނީ އޭނާ އަށް އަމާޒުވެފައެވެ. ލޯ ފާމަށް ޚަރަދު ކުރާ ފައިސާ ބަލި މީހާ އަށް އެހީވުމަށް ޚަރަދު ކުރުމަށް ވެސް ބައެއް މީހުން މިއަދު ވަނީ ސޯޝަލް މީޑިއާގައި ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ