ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނަވަނިކޮށް އުމަރު ނަސީރު ވަކިކުރި މައްސަލަ ޕާޓީގެ އިސްތިއުނާފް ކޮމެޓީއަށް ހުށަހަޅައިގެން ބެލެން އޮތް ކަމަށް ޕާޓީން ބުނި ނަމަވެސް އެ ފުރުސަތު އަސާސީ ގަވާއިދުގައި ނެތް ކަމަށް އުމަރުގެ ވަކީލް މިއަދު ސިވިލް ކޯޓުގައި ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީން ވަކިކުރުމާ ގުޅިގެން އުމަރު ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ޖަވާބުދާރީވަމުން ވަކީލު މުހައްމަދު އިބްރާހީމް ވިދާޅުވީ މައްސަލަ އިސްތިއުނާފް ކުރުމަށް ފުރުސަތު އޮތް ކަމަށް ޑީއާރުޕީން ބުނި ނަމަވެސް މުޅި އަސާސީ ގަވާއިދަށް ބެލުމުން އެ ފުރުސަތު ނެތް ކަން އެނގޭ ކަމަށެވެ. އެހެންކަމުން އިސްތިއުނާފަށް ހުށަހަޅައިގެން އަމިއްލައަށް ހައްގެއް ގެއްލެން ބޭނުން ނުވީ ކަމަށް ވަކީލު ވިދާޅުވި އެވެ.
ވަކީލު ވިދާޅުވީ އުމަރު ޕާޓީން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށެވެ. އެއީ ޒާތީ ގޮތުން އޭނާއާ މެދު ޕާޓީން އަޅާފައިވާ ފިޔަވަޅެއް ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި ޑެޕިއުޓީ ލީޑަރުގެ މަގާމެއްގައި ހުރި ބޭފުޅަކާ މެދު ޑިސިޕްލިނަރީ ކޮމިޓީން އެފަދަ ފިޔަވަޅެއް ނޭޅޭނެ ކަމަށާއި ޑެޕއިޓީ ލީޑަރަކާ މެދު އެފަދަ ފިޔަވަޅެއް އެޅޭނީ ޕާޓީގެ ގައުމީ މަޖުލީހަށް ކަމަށް ވިދާޅުވި އެވެ.
އުމަރު ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނާ އިޖުރާއަތުތައް ފުރިހަމަނުކޮށް ކަމަށް ޑީއާރުޕީން ބުނެފައި ވާތީ އުމަރުގެ ވަކީލު ވިދާޅުވި ކޯޓަށް މައްސަލަ ހުށަހަޅާ އިރު ހުރިހާ ކަމެއް ފުރިހަމަވެފައި ނެތުމަކީ މައްސަލަ ހުށަނޭޅޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި އެކަން އެނގޭ ހައި ކޯޓުގެ ދެ ނިންމުމެއް އެބަ އޮތް ކަމަށް ވަކީލު ވިދާޅުވި އެވެ.
އުމަރުގެ ވަކީލު މިއަދު މި މޭރުމުން ރައްދު ދެއްވާފައި ވަނީ އެންމެ ފަހުން އޮތް އަޑުއެހުމުގައި، އުމަރުގެ މައްސަލަ އެންމެ ފުރަތަމަ ޕާޓީގެ ތެރެއިން ހައްލުކުރަން އުޅުމަށް ފަހު، ހައްލުނުވެއްޖެ ނަމަ ކޯޓަށް މައްސަލަ ހުށަހެޅުމަށް އަމުރުކޮށްދެއްވުމަށް ޑީއާރުޕީގެ ވަކީލު ހުސުނުއް ސުއޫދު އެދިވަޑައިގެންފައި ވަނިކޮށެވެ.
މައްސަލައަށް އިޖުރާއީ ގޮތުން ޖާވާބުދާރީވުމަށް ޑީއާރުޕީގެ ވަކީލު ހުސްނުއް ސުއޫދު ފުރުސަތަކަށް އެދިވަޑައިގަތުމުން ގާޒީ އަލީ ރަޝީދު މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ އެ ފުރުސަތު ދެއްވާފަ އެވެ. އަދި މައްސަލައަށް މައުލޫއީ ގޮތުން ޖަވާބުދެއްވަން ވާނެ ކަމަށް ވެސް ގާޒީ އަލީ ރަޝީދު އެންގެވި އެވެ.
އުމަރު ޕާޓީން ވަކިކުރި މައްސަލަ އިސްތިއުނާފެއް ނުކުރެވޭނެ: ވަކީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ