މައުމޫން ބޭނުންފުޅު ވަނީ މަޖިލީހުގެ ރައީސްކަން އިބޫއަށް ދޭން - ރިޔާޒް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބޭނުންފުޅު ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ދޭން ކަމަށް، ވިލިފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
ރިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް މައުމޫން ބޭނުންފުޅު ވަނީ މަޖިލީހުގެ ރައީސްކަން އިބޫއަށް އަދި، ނައިބު ރައީސްކަން ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން، ފާރިސް މައުމޫންއަށް ދެއްވަން ކަމަށެވެ.
އަދި ކިތަންމެ ޑީލެއް ހެދި ނަމަވެސް، އެކަން ކާމިޔާބުނުވާނެ ކަމަށް ރިޔާޒް ވިދާޅުވެފައިވެއެވެ.
ރިޔާޒް މިހެން ވިދާޅުވެފައިވާއިރު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓެއް, ނެގުމަށް މަޖިލީހަށް މިހާރު ވަނީ ވައްދާފައެވެ. މި މައްސަލަ މަޖިލީހަށް ވެއްދުމުގައި އެންމެ އިސްކޮށް ހުންނެވީ ފާރިސްއެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު މި މަހުގެ 27 ވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު، މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މަސީހުގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްވާނީ އިދިކޮޅު ފަރާތްތަކަށް 42 ވޯޓު ލިބިގެންނެވެ.
މިހާތަނަށް މަޖިލީހުގައި ނަގާފައިވާ މުހިއްމު ބޮޑެތި ވޯޓުތަކުގައި އިިދިކޮޅު ފަރާތްތައް ގުޅިގެން ހޯދިފައި ވަނީ އެންމެ ގިނަ އަދަދަކަށް ވެސް ތިރީހަކަށް ވޯޓެވެ. އެކަމަކު ސަރުކާރު ކޯލިޝަނަށް 50 އަށް ވުރެ ގިނަ މެންބަރުންގެ ވޯޓް ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ