އެސްއެމްއެސް މެދުވެރިކޮށް "ހަވީރު"ގެ ޚަބަރުތައް ފޮނުވަން ފަށައިފި

"ހަވީރު"ގެ ޚަބަރުތައް އެސްއެމްއެސް މެދުވެރިކޮށް މޮބައިލް ފޯނަށް ފޮނުވުމުގެ ޚިދުމަތް މިއަދު ތައާރަފްކޮށްފި އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ނޫހާއި އެންމެ މަގްބޫލް ވެބްސައިޓް ހިންގާ "ހަވީރު"ން ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގާ ގުޅިގެން ފެށި މި ޚިދުމަތް މިމަހު 29 އާ ހަމައަށް ލިބޭނީ ހިލެ އެވެ. އެކަމަކު އޭގެ ފަހުން ސަބްސްކްރައިބްކުރާ ފަރާތްތަކަށް ދުވަހުގެ ޚަބަރުތައް ކުރުކޮށް، ތާޒާކޮށް އަޕްޑޭޓްވަމުންދާނެ ކަމަށް ހަވީރުން ބުންޏެވެ.
"ހަވީރު"ގެ އެސްއެމްއެސް ޚަބަރު ހޯދުމަށް 'ސަބް ހަވީރު' ޖަހާފައި 2323 އަށް އެސްއެމްއެސް ފޮނުވުމުން ދުވަހުގެ މުހިއްމު ހުރިހާ ޚަބަރުތަކެއް ލިބޭނެ އެވެ. އަދި މި މަސް ނިމުމުން ސެޕްޓެމްބަރު 1 އިން ފެށިގެން ޚިދުމަތް ބޭނުން ފަރާތްތަކަށް ޗާޖުކުރާނީ ދުވާލަކަށް ރުފިޔާއެކެވެ.
"ހަވީރު"ގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު ރަހުމަތުﷲ ވިދާޅުވިގޮތުގައި ދިރާގާ އެކު މިއަދު ޚިދުމަތް ފަށާފައި ވާއިރު ވަތަނިއްޔާގެ ކަސްޓަމަރުންނަށް ވެސް މި ޚިދުމަތް ލިބޭނެ ގޮތް ވަރަށް އަވަހަށް ހަމަޖެއްސުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.
ދިވެހި ލެޓިން އާއި އިނގިރޭސި ބަހުން ޚަބަރުތައް ފޮނުވާ އިރު ކޮންމެވެސް އެއް ބަހެއް އިޚްތިޔާރުކުރުމުގެ ފުރުސަތު ކިޔުންތެރިންނަށް އޮންނާނެ އެވެ. ހަވީރުން ބުނިގޮތުގައި އިނގިރޭސި ބަހުން އެސްއެމްއެސް ޚަބަރު ފޮނުވުމުގެ ޚިދުމަތް ތައާރަފްކުރުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
އެސްއެމްއެސް ޚަބަރުގެ ޚިދުމަތް ތައާރަފްކުރުމަށް ދިރާގުގައި މިއަދު ބޭއްވި ހަފްލާއެއްގައި އެ ކުންފުނީގެ ހެޑް އޮފް މާކެޓިން އަހުމަދު މައުމޫން (މާނު) ވިދާޅުވީ "ހަވީރު"ގެ ޚަބަރުތައް އެސްއެމްއެސް މެދުވެރިކޮށް ލިބެން ފެށުމަކީ އާއްމުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"ހަވީރު ކަހަލަ، މީޑިއާގެ އެންމެ ކުރީ ސަފުގައި އުޅޭ ފަރާތަކާ އެކު މި ޚިދުމަތް ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ހަވީރުގެ ކޮންމެ ޚަބަރަކީ ހޫނު ޚަބަރަކަށް ވާއިރު މޮބައިލް ފޯން ބޭނުންކުރާ ފަރާތްތަކަށް މި ޚިދުމަތުގެ ސަބަބުން ވަރަށް ބޮޑު އެޑްވާންޓޭޖެއް ލިބިގެންދާނެ. މަހަކު ތިރީހަކަށް ރުފިޔާ އަށް، ހެނދުނުން ފެށިގެން ރޭގަނޑު ވެސް އަޕްޑޭޓްތައް ލިބެމުން ދިއުމުގެ އިތުރުން ބްރޭކިން ނިއުސް ވެސް ދާނީ ލިބެމުން،" މާނު ވިދާޅުވި އެވެ. "އަދި ދިރާގުން ދެކޭ ގޮތުގައި ރާއްޖޭގައި އެސްއެމްއެސްގެ ޚިދުމަތް ވަރަށް ބޮޑަށް މަގްބޫލު އިރު މި ޚިދުމަތުން ތަފާތު ގޮފިތައް ފަޅައިގެން ކުރިމަގުގައި އިތުރަށް ފުޅާވެގެންދާނެ."
ހަވީރުގެ އެޑިޓަރު މޫސާ ލަތީފް ވިދާޅުވީ ދިރާގާ އެކު މިފަދަ ޚިދުމަތެއް ފެށުމަކީ "ހަވީރަ"ށް ލިބުނު އުފަލެއް ކަމަށާއި އަދި މޮބައިލް ބޭނުންކުރާ ފަރާތްތަކަށް ޚަބަރު ވާސިލްކޮށްދިނުމަށް ހުޅުވުނު ވަރަށް މުހިންމު ދޮރެއް ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ތާޒާކަމާ އެކު ޚަބަރުތައް ފޯރުކޮށްދޭނަން. މިއީ ހަވީރަށް އެޅުނު ވަރަށް ރަނގަޅު ބިންގަލެއް ކަމަށް ދެކެން،" މޫސަ ވިދާޅުވި އެވެ.
ހަވީރުގެ ޚަބަރުތައް އެސްއެމްއެސް މެދުވެރިކޮށް ހޯދުމަށް ފަހު ޚިދުމަތް ކަނޑާލަން ބޭނުން ނަމަ 'އަންސަބް ހަވީރު' ޖަހާފައި 2323 އަށް އެސްއެމްއެސް ފޮނުވުމުން އެކަން ހަމަޖެހޭނެ ކަމަށް ހަވީރުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ