ކަރަންޓު ބިލު އާދަޔާ ޚިލާފަށް ބޮޑުވެފައިވާތީ ސްޓެލްކޯ ޖަވާބުދާރީ ކުރުވަނީ

މާލީގޮތުން އިންތިހާއަށް ދަތިވެފައިވާ މިދަނޑިވަޅުގައި ޖޫން މަހުގެ ކަރަންޓު ބިލު އާދަޔާ ޚިލާފަށް ބޮޑުވި ސަބަބު، މަޖިލީހުގެ ކަމާއި ބެހޭ ކޮމެޓީ މެދުވެރިކޮށް އޮޅުން ފިލުއްވައިދެއްވައި ސްޓެލްކޯ ޖަވާބުދާރީ ކޮށްދެއްވުމަށް މެމްބަރަކު ހުށައަޅުއްވައިފިއެވެ.
ސްޓެލްކޯ ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް މިމައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްއެވެ. މީކާއިލް ހުށަހެޅި މި މައްސަލާގައި ބުނެފައި ވަނީ މާލޭގެ ގޭގެއަށް މިދިޔަ މަހުގެ ކަރަންޓު ބިލު އައިއިރު އެބިލުތައް އާދަޔާއި ޚިލާފަށް ބޮޑުވެފައިވާ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ޝަކުވާ ލިބެމުންދާކަމަށެވެ. އަދި އެބިލުތައް ބޮޑުވެފައިވާ ކަމަށް ފެންނަނީ މާލެ ފުރަބަންދު ކުރުމާއި ގުޅިގެން ސަރުކާރުން ދިން ސަބްސިޑީ ކަނޑާލުމާއި ގުޅިގެންކަމަށް ސްޓެލްކޯއިން ބުނެފައިވީ ނަމަވެސް، ފުރަބަންދު އައުމުގެ ކުރީ މަސްތަކުގެ ކަރަންޓު ބިލާއި އަޅާކިޔާ އިރުވެސް ޖޫން މަހުގެ ބިލު އެތައްގުނައެއް ބޮޑުވެފައި ހުރިކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން ރައްޔިތުންނަށް މާލީގޮތުން އިންތިޙާއަށް ދަތިވެފައިވާ މިދަނޑިވަޅުގައި ޖޫން މަހުގެ ކަރަންޓު ބިލު އާދަޔާ ޚިލާފަށް ބޮޑުކޮށްފައިވާ ސަބަބު އޮޅުންފިލުވައި މިކަމުގައި ސްޓެލްކޯ ޖަވާބުދާރީ ކުރުވުމަށް މީކާއިލް ވަނީ ހުށަހަޅާފައެވެ.
ފުރަބަންދާއި އެކު ސަރުކާރުން ކަނޑައަޅާފައިވާ ޕެކޭޖްތަކުގެ ތެރޭގައި ޔުޓިލިޓީސް ބިލްތަކުން ޑިސްކައުންޓް ދޭން ހަމަޖެއްސުމާއި ގުޅިގެން ސްޓެލްކޯއިން ވަނީ މިދިޔަ އެޕްރީލް މަހާއި މެއި މަހުގެ ކަރަންޓް ބިލުން ވަނީ 40 ޕަސެންޓް އުނިކޮށްދީފައެވެ. އެ ޑިސްކައުންޓާ އެކު އާންމުން ދައްކަން ޖެހުނު ބައި އޮތީ ކުޑަވެފަ އެވެ. ސަރުކާރުން ވަނީ އެޕްރީލް މަހާއި މޭ މަހު، ކަރަންޓް ސަބްސިޑީ އަށް 27 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
ކަރަންޓްބިލްތައް ބޮޑުވި މައްސަލައިގައި ސްޓެލްކޯއިން ކޮށްފައިވާ ޓްވޓެއްގައި ބުނެފައި ވަނީ މިދިޔަމަހުގެ ކަރަންޓްބިލްތައް ބޮޑުވުމާއި ގުޅިގެން އާންމު ރައްޔިތުންގެ ޝަކުވާ އެކުންފުންޏަށް ލިބެމުންދާކަމަށެވެ. އަދި އެކަން ބަލަމުންދާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ