ފޮނަދޫ ދާއިރާއަށް މެމްބަރު އަބްދުއްރަހީމް ބޮޑެތި އެހީތަކެއް ދެއްވައިފި
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ، އޭނާގެ ދާއިރާއަށް ދޮޅު ލައްކައަށް ވުރެ ގިނަ ރުފިޔާގެ އެހީތަކެއް ދެއްވައިފި އެވެ. ފޮނަދޫ ދާއިރާގެ ރައްޔިތުންނަށް އެހީވުމަށް އުފައްދާފައިވާ "އަބްދުއްރަހީމް ފައުންޑޭޝަން"އިން ބުނީ ސިއްހީ މައްސަލައެއްގައި ފައި ބުރިކޮށްލާފައިވާ ލ. ފޮނަދޫ މީހަކަށް މަސްނުވީ ފައެއް ޖެހުމަށް 40،000 ރުފިޔާ އަބްދުއްރަހީމް ހަދިޔާ ކުރައްވާފައިވާ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ލ. މާމެންދޫ މީހަކަށް ތިން ފުރޮޅުލީ ސައިކަލެއް ވެސް އަބްދުއްރަހީމް ހަދިޔާ ކުރައްވާފައިވާ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ. މަސްނުވީ ފައެއް ޖެހުމަށް 40،000 ރުފިޔާގެ އެހީ އަބްދުއްރަހީމް ހަވާލުކޮށްދެއްވަނީ-- ފޮޓޯ/ އަޒުމީ އަލީ ލ. މާމެންދޫގެ އެންމެ ބޮޑު މިސްކިތް، "މަސްޖިދުލް ސަބީލް" އެއާކޯން ކުރުމަށް 18،000 ބީޓީޔޫގެ ފަސް އެއާކޯން ވެސް އަބްދުއްރަހީމް ވަނީ ހަދިޔާ ކުރައްވާފަ އެވެ. އެ މިސްކިތް އޭސީ ކުރުމަށް 70،000 ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް އަބްދުއްރަހީމް ފައުންޑޭޝަނުން ބުންޏެވެ. މާމެންދޫ ފެންނަ ކޯޕަރޭޝަންގެ މެނޭޖަރު އަހުމަދު ފައިސަލް ވިދާޅުވީ މިސްކިތް އޭސީ ކުރުމަށް އަބްދުއްރަހީމް ހަދިޔާ ކުރެއްވި ތަކެތި، ހިލޭ ސާބަހަށް ހަރުކޮށްކޮށްދެއްވާނެ ކަމަށެވެ. އަދި އެ މަސައްކަތަށް ފެނަކައިގެ މުވައްޒަފުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. މާމެންދޫ ސްކޫލުގެ ލައިބްލަރީ އެއާކޯން ކުރުމަށް 30،000 ރުފިޔާ އަބްދުއްރަހީމް ހަދިޔާ ކުރައްވާފައިވާ ކަމަށް ވެސް އަބްދުއްރަހީމް ފައުންޑޭޝަނުން ބުންޏެވެ. ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ އަބްދުއްރަހީމް "ސަން"އަށް މިރޭ ވިދާޅުވީ އެ ދާއިރާއަށް އެހީތެރިވުމަށް އުފައްދާފައިވާ ފައުންޑޭޝަންގެ ބޭނުމަކީ ދީނީ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވައި އިޖުތިމާއީ ގޮތުންނާއި އުމްރާނީ ގޮތުން ރައްޔިތުން ކުރިއަރުވަން މަސައްކަތް ކުރުން ކަމަށެވެ. އަދި ހަރުދަނާ ޒުވާނުން ބިނާކޮށް، ދާއިރާގެ ރައްޔިތުން ތައުލީމީ ގޮތުން ކުރިއެރުވުމަކީ އެ ފައުންޑޭޝަންގެ އެންމެ ބޮޑު މަގުސަތު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަބްދުއްރަހީމްގެ ހަރަދުގައި ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ތިން ފުރޮޅުލީ ސައިކަލެއް ހަދިޔާކޮށްފައި-- އަބްދުއްރަހީމަކީ 2009 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާ ބޭފުޅެކެވެ. އޭނާ އެންމެ ފުރަތަމަ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ ޓިކެޓުގަ އެވެ. މިދިޔަ އަހަރު އޭނާ ވަނީ ސަރުކާރު ހިންގާ ޕީޕީއެމް ޓިކެޓުގައި މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވައި ފޮނަދޫ ގޮނޑި ދިފާއު ކުރައްވާފަ އެވެ. އަބްދުއްރަހީމް މަޖިލީހުގައި ތަމްސީލު ކުރައްވާ ފޮނަދޫ ދާއިރާގައި ހިމެނެނީ ލ. ފޮނަދޫ އާއި ލ. ގާދޫ އާއި ލ. މާމެންދޫ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ