ރިސޯޓުން ދިޔުމަށް މުވައްޒަފުންނަށް ނޭންގޭނެ: ސަރުކާރު

ރިސޯޓުން އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ވުމުގެ ކުރިން ރިސޯޓުން ފޭބުމަށް އެއްވެސް މުވައްޒަކަށް ނޭންގޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވީ މިހާތަނަށް ސަރުކާރުންވެސް އެޗްޕީއޭގެ ފަރާތުންވެސް ރިސޯޓުން މުވައްޒަފުން ފޮނުވާލަން މެނޭޖްމަންޓަށް އަންގާފައިނުވާނެ ކަމަށެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި ބަޔަކު ރާއްޖޭންވެސް ފެނުމާއެކު، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން އައުމާ ދިއުން ވަނީ މަނާކޮށްފަ އެވެ. އަދި ހުކުރު ދުވަހުން ފެށިގެން ރާއްޖެއަށް އަންނަ ބޭރު މީހުން އެތެރެނުވެވޭގޮތަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލާފައިވާއިރު ރިސޯޓުތަކުގައި މިވަގުތު ތިބި ފަތުރުވެރިން ރާއްޖޭން ފުރާތާ، 14 ދުވަސް ފަހުން އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ ރަށުން ފޭބުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ދީފަ އެވެ.
ސަރުކާރުން މިގޮތަށް އަންގާފައިވީނަމަވެސް ބައެއް ރިސޯޓުތަކުން މުވައްޒަފުން ދިޔުމަށް މެނޭޖްމަންޓުން އަންގާކަމުގެ ޝަކުވާ ވަނީ އިތުރުވެގެން ގޮސްފަ އެވެ. އަދި އެޗްޕީއޭ އިން އެ ރިސޯޓުތަކަށް އެކަމުގެ ހުއްދަދީ ލިޔުން ދީފައިވާ ކަމަށްވެސް ރިސޯޓުގެ މެނޭޖްމަންޓުން އަންގާފައިވާ ކަމަށް ރިސޯޓު މުވައްޒަފުން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން މަބްރޫކް ވިދާޅުވީ ސަރުކާރުން މިހާތަނަށް އެފަދަ އެއްވެސް ލިޔުމެއް ރިސޯޓުތަކަށް ދީފައިނުވާނެ ކަމަށާއި މިގޮތަށް މުވައްޒަފުންނަށް އަންގަމުންދަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި މިފަދަ ރިސޯޓުތަށް ބަލައި ތަހްގީގު ކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނޯންނާނެ އެއްވެސް ރިސޯޓަކަށް ރަސްމީކޮށްވެސް އަދި ނުރަސްމީކޮށްވެސް އަންގާފަ މުވައްޒަފުން ފޮނުވާލުމުގެ ހުއްދަ ދީފައެއް. މެނޭޖްމަންޓަކަށް ނުވެސް ބުނެވޭނެ މުވައްޒަފުންގާތު ރިސޯޓުން ފައިބައިގެން ދާށޭވެސް. މެނޭޖްމަންޓުން އެހެން ބުނާނަމަ އެކުރެވެނީ ގާނޫނީ ކުށެއް. އަޅުގަނޑުމެން އަންގާފަ އޮތް މުއްދަތު ހަމަކޮށްފަ ރިސޯޓުން މުވައްޒަފަކަށް ދެވޭނީ. އެކަމަކު އެވެސް އަޅުގަނޑުމެންގެ ހުއްދައާއެކު ދެވޭނީ." އޭނާ ވިދާޅުވި އެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ ރާއްޖެއަށް އައި ފަހުން، ބަލީގެ އަލާމާތެއް ނުފެނި، 14 ދުވަހަށް ވުރެ ދިގު މުއްދަތަކަށް ފަތުރުވެރިން ތިބި ވަކިވަކި ރިސޯޓުތަކުން އެކަން އެޗްޕީއޭއަށް އެންގުމުން އެއީ ވަކިވަކި ކޭސްތަކުގެ ގޮތުގައި ބަލައިގެން، އެ ރިސޯޓުތަކަށް ހާއްސަ ހުއްދައެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 17 އަށް އަރާފަ އެވެ. ނަމަވެސް އޭގެ ތެރެއިން 13 މީހަކުވަނީ މި ބައްޔަށް ފަރުވާކޮށް ރަނގަޅުވެފަ އެވެ. ބަލިން ރަނގަޅުނުވެ ތިބީ ދެ ދިވެހިންނެވެ. މި ދެ ދިވެހިންނަކީ އިނގިރޭސި ވިލާތުން ރާއްޖެ އައި ދެ މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ