ހަމަލާތަކާ ހެދި ގަތަރުގެ ގޭސް އުފައްދާ މިންވަރު 5 އަހަރަށް %17 މަދުވެއްޖެ

އީރާނުން ދިން ހަމަލާތަކުގެ ސަބަބުން ގަތަރުން އެކްސްޕޯޓްކުރާ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ)ގެ %17 ހަލާކުވެފައިވާ ކަމަށާއި، މީގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ދުނިޔޭގެ ހަކަތައިގެ ސަޕްލައިއާ މެދު ކަންބޮޑުވުން އުފެދިފައިވާ ކަމަށް ގަތަރު އެނާޖީގެ ސީއީއޯ ސާދު އަލް-ކާބީ މިއަދު ވިދާޅުވެއްޖެ އެވެ.
ގަތަރުގެ އެލްއެންޖީ އުފައްދާ 14 ލައިނުގެ ތެރެއިން ދެ ލައިނަކަށާއި ގޭސް-ޓު-ލިކުއިޑް ފެސިލިޓީއަކަށް ގެއްލުން ލިބިފައިވާ ކަމަށާއި، މީގެ ސަބަބުން އަހަރަކު 12.8 މިލިއަން ޓަނުގެ އެލްއެންޖީ އުފެއްދުން ފަސް އަހަރާ ހަމައަށް މެދުކެނޑޭނެ ކަމަށް ކާބީ ރޮއިޓާސްއަށް ވިދާޅުވި އެވެ.
މީގެ ސަބަބުން ޔޫރަޕާއި އޭޝިއާ ހިމެނޭ ގޮތަށް މުހިންމު މާކެޓްތަކަށް ދިގު މުއްދަތަށް ގޭސް ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުންތަކަށް ކޮންޓްރޯލުން ބޭރު ހާލަތެއް ކުރިމަތިވެފައިވާކަން ކަނޑައަޅަން ގަތަރު އެނާޖީއަށް ވަނީ މަޖުބޫރުވެފަ އެވެ.
"ހުވަފެނަކުން ވެސް ގަތަރަށް މިފަދަ ހަމަލާއެއް އަތުވެދާނެ ކަމަކަށް އަޅުގަނޑު ދުވަހަކު ވެސް ހިއެއް ނުކުރަން،" ކާބީ ވިދާޅުވި އެވެ.
އިޒްރޭލުން އީރާނުގެ ގޭސް އިންފްރާސްޓްރަކްޗާއަށް އިއްޔެ ދިން ހަމަލާތަކާ ގުޅިގެން އީރާނުން ގަތަރަށް ދިން މި ހަމަލާތަކުގެ ސަބަބުން، ގެއްލުން ލިބުނު ތަންތަނުގައި އުފެއްދުންތެރިކަން ވަނީ ހުއްޓިފަ އެވެ. ކާބީ ވިދާޅުވީ އުފެއްދުންތެރިކަން އަލުން ފެށުމަށްޓަކައި، އެންމެ ފުރަތަމަ ހަނގުރާމަވެރި އަމަލުތައް ހުއްޓާލަންޖެހޭ ކަމަށެވެ.
މި ގެއްލުމުގެ ސަބަބުން އެލްއެންޖީގެ އިތުރުން އެހެނިހެން ދާއިރާތަކަށް ވެސް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެ އެވެ. އެގޮތުން، ކޮންޑެންސޭޓް އެކްސްޕޯޓް %24 އަދި އެލްޕީޖީ %13 ދަށްވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން އިންޑިއާގެ ގޭބިސީތަކުގެ ހަކަތައިން ފެށިގެން ދެކުނު ކޮރެއާގެ ސެމީކޮންޑަކްޓާ އުފައްދާ ސިނާއަތްތަކަށް ވެސް އަސަރުކުރާނެ އެވެ.
މި ހަމަލާތަކުގެ ސަބަބުން ސަރަހައްދުގެ ހަކަތައިގެ ދާއިރާ 10 ނުވަތަ 20 އަހަރު ފަހަތަށް ހިނގައިދާނެކަމުގެ އިންޒާރު ކާބީ ދެއްވި އެވެ. އަދި މުހިންމު އިންފްރާސްޓްރަކްޗާތަކަށް ހަމަލާ ނުދިނުމަށް ހުރިހާ ފަރާތްތަކަކަށް އޭނާ ގޮވާލެއްވި އެވެ.
"ކޮންމެ ބަޔަކު ވެސް ތެލާއި ގޭހުގެ ވަސީލަތްތަކާ ދުރުގައި ތިބެންޖެހޭ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ