ކަރަންޓް ކެނޑުމުން ކުށްވެރިވީ މުގޮށި މީދަލެއް!

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޕެންސީލްވެނިއާގައި މުގޮށި މީދަލެއްގެ ސަބަބުން ކަރަންޓް ކެނޑިއްޖެއެވެ.
އެ ސްޓޭޓަށް ކަރަންޓް ފޯރުކޮށްދެމުން އަންނަ ފަރާތުން ބުނެފައިވަނީ އެ ހިސާބުން ކަރަންޓް ކެނޑެން މެދުވެރިވެފައިވަނީ މުގޮށި މީދަލެއް ކަރަންޓް ފޯރުކޮށްދޭ ވަޔަރު ކާލުމުން ކަމަށެވެ. އެގޮތުން 765 ވަރަކަށް ފަރާތްތަކުން ދިރިއުޅެމުން އަންނަ ގެތަކުން ކަރަންޓް ކަނޑައިގެން ގޮސްފައިވާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
އެފަރާތުން ބުނެފައިވަނީ ކަރަންޓް ކެނޑިގެން ޓްރާންސްފޯމަރުތައް ބަލަމުން ދަނިކޮށް ފެނިފައިވަނީ މުގޮށި މީދަލެއް ފިހިފައި އޮއްވާ ކަމަށެވެ. ޕެންސީލްވެނިއާ އަކީ މުގޮށި މީދާތައް އާދަޔާ ހިލާފަތް ގިނަ ސްޓޭޓެކެވެ.
މި ހާދިސާއާއި ގުޅިގެން ބައެއް ފަރާތްތަކުން ބުނެފައިވަނީ އެފަދަ ތަކެތި ހުންނަން ޖެހޭނީ ދިރޭ ތަކެއްޗަށް ނުކެވޭ ގޮތަށް ރައްކާތެރި ކަމާއި އެކީ ކަމަށެވެ. އެހެން ކަމުން އަނބުރާ އެ ސަރަހައްދަށް ކަރަންޓް ފޯރުކޮށްދިނުމުގެ ކުރިން އެފަރާތުން ވަނީ ޖަނަވާރު ފަދަ ތަކެއްޗަށް އެ ވަޔަރުތައް ނުކެވޭ ގޮތަށް ހަދާފައެވެ.
އެ ސަރަހައްދުން ކަރަންޓް ކެނޑިގެން އަނބުރާ ކަރަންޓް ލިބިފައިވަނީ ގަޑިއެއްހާ އިރު ފަހުންނެވެ.
މި އީ މިގޮތަށް ކަރަންޓް ފޮރު ކޮށްދޭ ގައުމުތަކުގައި އަލަށް ދިމާވެފައިވާ ހާދިސާއެއް ނޫނެވެ. މީގެ ކުރިން 2019 ވަނަ އަހަރު މީޑް ކައުންޓީގައިވެސް ވަނީ ހަރުފައެއްގެ ސަބަބުން ކަރަންޓް ދިނުން މެދު ކެނޑިގެން ގޮސްފައެވެ.
އެ ހާދިސާގައި ގިނަ ވަގުތަށް އެހިސާބުން ކަރަންޓް ކެނޑިގެން ގޮސްފައިވާއިރު ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވަނީ ކަރަންޓް ކެނޑިގެން ޓްރާންސްފޯމަރު ބެލި އިރު ހަރުފަ ވަނީ ފިހިފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ