ހަތަރުވަނަ ފަހަރަށް ސުވާލު ކުރެއްވުމުންވެސް މައުމޫން އެއްބާރުލުން ނުދެއްވި

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމާ ފުލުހުން ހޯމަ ދުވަހުގެ ރޭ ސުވާލުކުރުމުންވެސް ތަހުގީގަށް އެއްބާރުލުން ނުދެއްވިކަމަށް ރައީސް މައުމޫނުގެ ވަކީލު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނުގެ ޤާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ފައިސަލް ކުރެއްވި ޓްވިޓްގައި ވިދާޅުވީ ރައީސް މައުމޫނާއި ފުލުހުން މިރޭ ސުވާލު ކުރައްވާފައިވާކަމަށާއި އަދި މިއީ ފުލުހުން ރައީސް މައުމޫނާއި ސުވާލުކުރެއްވި ހަތަރު ވަނަ ފަހަރު ކަމަށެވެ.
ނަމަވެސް ރައީސް މައުމޫނު ކުރިންވެސް ނިންމަވާފައިވާގޮތަށް މިރޭވެސް ފުލުހުނަށް އެއްބާރުލުން ނުދެއްވިކަމަށް ފައިސަލް ވިދާޅުވިއެވެ.
ރައީސް މައުމޫނު ހައްޔަރުކުރިތާ 33 ދުވަސް ފަހުން ފުރަތަމަވެސް ރައީސް މައުމޫނާއި ސުވާލުކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.
ފުލުހުންގެ ތުހުމަތު ތަކަށް އިންކާރު ކުރި ނަމަވެސް ފުލުހުން ހިންގާ ތަހުގީގަކީ ޤާނޫނާއި ހިލާފު ތަހުގީގެއްކަމަށް ވިދާޅުވެ ތަހުގީގަށް އެއްބާރުލުން ނުދެއްވާނެކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިކަމަށް ފައިސަލް ކުރިން ވިދާޅުވިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރައީސް މައުމޫނު ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ.
ރައީސް މައުމޫނުގެ މައްޗަށް ރިޝްވަތުގެ ތުހުމަތާއި ޤާނޫނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުގެ އިތުރު ސަލާމަތީ ބާރުތަކުގެ މެދުގައި ބައިބައިވުން އުފެއްދުމުގެ ތުހުމަތުވަނީ ކޮށްފައެވެ.
މީގެ އިތުރުން ހެކި ނައްތާލުމުގެ ތުހުމަތު ރައީސް މައުމޫނުގެ މައްޗަށްކޮށް ދައުވާ ކުރުމަށް ފުލުހުންވަނީ ޕީޖީ އޮފީހަށް މިހާރު ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ