ރައްޔިތުން ވޯޓް ދީފައިވާ ގޮތަށް ބަލާއިރު ގާނޫނުއަސާސީއަށް ބޮޑެތި އިސްލާހުތަކެއް ގެންނަންޖެހޭ: ނަޝީދު

ދިވެހިން މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ބޭއްވި އިންތިހާބުތަކުގައި ދިވެހި ރައްޔިތުން ވޯޓް ދީފައިވާ ގޮތަށް ބަލާއިރު ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބޮޑެތި ބަދަލުތަކެއް ހުރިކަން ފާހަގަވާ ކަމަށާއި އެހެންކަމުން އެ އިސްލާހުތައް ގެނެސް ރައްޔިތުންގެ ހިތްތަކަށް ފިނިކަން ހޯދައިދޭންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ހއ. ދިއްދޫގައި ރޭ ބޭއްވި އެމަނިކުފާނުގެ ކެމްޕޭން ޖަލްސާއަށް ފޮނުއްވި ވީޑިއޯ މެސެޖެއްގަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ތިން ބާރު ވަކިކުރެވިފައިވާ ރިޔާސީ ނިޒާމެއް ދިވެހިން ބޭނުންވީ އެއްވެސް ބާރަކުން އަނެއް ބާރެއްގެ މައްޗަށް ނުފޫޒު ނުހިންގާ ގޮތަށް ވެރިކަން ކުރަން ބޭނުންވާތީ ކަމަށެވެ. ނަމަވެސް މިއަދު މި ނިޒާމުގެ ތެރެއިން ފެންނަނީ ބާރުގަދަ ރައީސެއް ނަމަ ވެެރިކަމުގެ ނިޒާމު ގަޑުބަޑު ކުރާ މަންޒަރު ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކު ދިވެހި ރައްޔިތުން ތިން ބާރު ވަކިކުރެވިފައިވާ ވެރިކަމުގެ ނިޒާމެއް ހިޔާރުކުރީ އަދާވަތްތެރި ސިޔާސީ ނިޒާމެއް ބޭނުންވެގެން ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖޭގައި މިއަދު ބޮޑެތި މައްސަލަތައް ހުރިކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމައްސަލަތައް ހައްލުކޮށް ދިވެހިން ބޭނުންވާ ފަރުދީ މިނިވަންކަމާއި، ދިވެހިންނަށް ލިބެންޖެހޭ ހައްގުތަކާއި، އިނާޔަތްތަކާއި، ރައްކާތެރިކަން އެއްވެސް ތަފާތުކުރުމެއް ނެތި ދިވެހިން ބޭނުންވާ ކަމަށެވެ. ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކުގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ލިބޭ އާމްދަނީ ދަށްވެ ތަކެތީގެ އުފުލުމާއި، މަހުގެ އަގުދަށްވެ ޓޫރިސްޓުން އަންނަ އަދަދު މަދުވުމުން އިގްތިސޯދު މަޑުޖެހިފައިވުމާއި، ވެރިންގެ ވައްކަމާއި ހިޔާނާތުގެ މައްސަލަތައް އިތުރުވުމާއި، ހަނގުރާމަވެރި ޖަމާއަތްތަކާއި ދިވެހިން ގުޅޭ އަދަދު އިތުރުވުމުގެ މައްސަލަ އެވެ.
ރާއްޖޭގައި ހުރި މައްސަލަތަކާއި ވެެރިކަމުގެ ނިޒާމުގެ ތެރެއިން ކުރެވުނު ތަޖުރިބާއަށް ބައްލަވާލެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ ދިވެހިންނަށް މިއަދު ވެރިކަން ކުރަންޖެހިފައިވަނީ ދިވެހިންނާ ނުގުޅޭ ނިޒާމެއްގެ ތެރެއިން ކަން ޔަގީންކުރެވިފައިވާތީ މިނިޒާމަށް ބަދަލު ގެންނަންޖެހޭ ކަަމަށެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށްޓަކައި އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދާ، އެ ސަރުކާރަށް ހަ އަހަރުގެ ދައުރެއް ދިނުމަށްފަހު މިހާރު މިއޮތް މަޖިލީހުގެ ދައުރު އެއް އަހަރަށް ދިގުދަންލުމަށްފަހު ވެރިކަމުގެ ނިޒާމަށާއި، ޝަރުއީ ނިޒާމަށާއި، މިނިވަން މުއައްސަސާތަކަށާއި އަދި ސަލާމަތީ ހިދުމަތްތަކަށް ބަދަލު ގެންނަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދިވެހިން ނިންމާނީ ވަރަށް މުހިއްމު ނިންމުމެއް ކަމަށެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރެއްވުމަށް ރައީސް ނަޝީދު ގެންގުޅުއްވާ ވިސްނުންފުޅަށް ގުޅިފައިވާ ޕާޓީތަކުގެ ބައެއް އިސް ބޭފުޅުން ގެންދަވަނީ ފާޅުގައި ދެކޮޅު ހައްދަވަމުންނެވެ. އެގޮތުން ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ މަޖިލީހުގެ ތެރެއިން ވެރިކަން ކުރަން ހިފުމަކީ ހައްލެއް ނޫން ކަމަށާއި ހުރިހާ ޕާޓީތަކެއްގެ މެންބަރުން ހިމެނިގެން މިފަހުން ގާނޫނޫއަސާސީއަށް ގެނައި ބަދަލުތަކަކީ އެތައް ނުބައެއްގެ ފެށުން ކަމަށެވެ.
އެމަނިކުފާނު އެ އިޝާރާތް ކުރައްވަނީ 2015 ވަނަ އަހަރުގެ ތެރޭގައި ގާނޫނުއަސާސީއަށް ގެނެވުނު ދެ އިސްލާހަށެވެ. އެގޮތުން ގެނެސްފައިވާ އިސްލާހުތަކަކީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނާއިބުގެ މަގާމަށް ކުރިމަތިލެވޭނެ އެންމެ މަތީ އުމުރު ކަނޑައަޅާ ގެނެސްފައިވާ އިސްލާހާއި، ދިވެހިރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުކުރެވޭ ގޮތަށް ގެނެސްފައިވާ އިސްލާހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ