ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފަސް ރިސޯޓަކަށް މިރޭ ކަސްޓަމްސްގެ އޮފިސަރުން އަރާ އެރިސޯޓްތައް ފާސްކުރަން އޮޕަރޭޝަނެއް ކުރިއަށް ގެންދާތީ އިދިކޮޅު ފަރާތްތަކުން އެކަން ކުށްވެރި ކުރަމުން ގެންދެވި ނަމަވެސް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އެކަން ކުށްވެރިނުކުރައްވާ ސުވާލެއް ކުރިމަތި ކުރައްވައިފިއެވެ.
ރައީސް މައުމޫން ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ރާއްޖޭގައި 127 ޓްއަރިސްޓް ރިސޯޓް، 14 ޓްއަރިސްޓް ހޮޓެލް، 450 ޓްއަރިސްޓް ގެސްޓް ހައުސް، 130 ޓްއަރިސްޓް ސަފާރީ އުޅަނދު އޮތް އިރު އެންމެ މީހެއްގެ ފަސް ރިސޯޓް ކުއްލިއަކަށް ފުލުހުންނާއި ކަސްޓަމް މީހުން ގޮސް ޗެކް ކުރުމަކީ ކޮން ކަހަލަ ކަމެއް؟" ތޯ އެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ "ދެން ބުނާނެ ހުރިހާ ކަމެއް ވެސް ކުރަނީ އިންސާފުނޭ!" އެވެ.
ވިލާ ކުންފުނިން މިރޭ ބުނެފައި ވަނީ އެ ކުންފުނިން ހިންގާ ފަސް ރިސޯޓަށް މިރޭ ކޯޓު އަމުރާއެކު ކަސްޓަމްސްގެ ހަތަރު މީހަކާއި ދެ ފުލުހުންނާއި މީރާގެ މީހަކު އަރާފައިވާ ކަމަށެވެ.
ކޯޓު އަމުރާ އެއްގޮތަށް އެ ރިސޯޓުތަކުގެ ސްޓޯރޭޖްގައި ރަލާއި އޫރުމަސް ހުރިވަރު ބަލަން ފުރުސަތު ދީފައިވާނެ ކަމަށާއި އެތަނުގައި ރަލާއި އޫރުމަސް ވިއްކަނީ ހުއްދަ އޮވެގެން ކަމަށް ވެސް ވިލާ އިން ވަނީ ބުނެފައެވެ.
ގާސިމްގެ ޕެރެޑައިސް އައިލޭންޑް ރިސޯޓު ފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވަނީ އާންމު ވެފައެވެ. އެއަމުރުގައި ވަނީ އެރިސޯޓް ފާސްކުރަނީ ބޮންޑެޑް ވެއާހައުސް އިން އެ ރިސޯޓަށް ދޫކުރި ބަނގުރާތަކެއް އެހެން ތަންތަނަށް ގެންގޮސްފައިވާ ކަމަށް ތުހުމަތުކުރެވޭތީ ކަމަށެވެ. ބެލެވޭ ގޮތުގައި އެހެން ރިސޯޓްތައް ވެސް ފާސްކުރަމުން ގެންދަނީ މިތުހުމަތާއި ގުޅިގެންނެވެ. ނަމަވެސް ރަސްމީ ފަރާތަކުން އެކަން ކަށަވަރު ކޮށެއް ނުދެއެވެ.
ގާސިމްގެ ރިސޯޓްތައް ފާސްކުރުން މައުމޫނު ކުށްވެރިއެއް ނުކުރެއްވި، ކުރެއްވީ ސުވާލެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ