ވަކީލު މާލޭގައި ނެތުމުން މިއަދުގެ ޝަރީއަތް ފަސްކޮށްދޭން މައުމޫން އެދިވަޑައިގެންފި
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މައުމޫން ހަމީދު މާލެއިން ބޭރުގައި މިވަގުތު ހުންނެވުމާ ގުޅިގެން، މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޝަރީއަތް އަންނަ ބުރާސްފަތި ދުވަހަށް ފަސްކޮށްދެއްވުމަށް އެދި މައުމޫން ކްރިމިނަލް ކޯޓުގައި އެދިވަޑައިގަންނަވައިފި އެވެ. ރައީސް މައުމޫންގެ މައްޗަށް މިއަދު ތާވަލުކޮށްފައިވާ ޝަރީއަތަކީ އެމަނިކުފާނުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބާއްވާ ޝަރީއަތެވެ. ރައީސް މައުމޫންގެ ފަރާތުން ކްރިމިނަލް ކޯޓް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އިސް ގާޒީ އާދަމް އާރިފަށް މިއަދު ފޮނުއްވި ސިޓީގައި ބުނެފައި ވަނީ 5 ފެބްރުއަރީން ފަށައިގެން އެމަނިކުފާނު ހުންނެވީ ގާނޫނާ ހިލާފަށް ބަންދުކޮށްފައި ކަމަށެވެ. ރައީސް މައުމޫންގެ ސިޓީގައި ބުނެފައި ވަނީ އެ މަނިކުފާނުގެ ވަކީލު މައުމޫން ހަމީދު މާލެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައި ކަމަށާއި އެހެން ކަމުން މުއްދަތުގެ މަޖިލިސް ވަކީލަކާ އެކު ކުރިއަށް ގެންދިޔުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ ޖަލުގައި ހުންނަވާތާ 40 ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި އިތުރު ދެ ދުވަސް ވަންދެން ޖަލުގައި ހުންނެވުމަކީ މިއަދާ ހިސާބަށް "އެމަނިކުފާނާއި މެދު ގާނޫނާ ގަވައިދާ ހިލާފަށް ކުރިކަންކަން ރަނގަޅުވުން ކަމަށް ނުވާނެ" ކަމަށެވެ. ރައީސް މައުމޫންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު އެމަނިކުފާނު މާލޭ ގެނައުމަށް ހަމަޖެހިފައިވާ އިރު ކޯޓަށް ހާޒިރު ކުރާނެ ވަކި ވަގުތެއް އަދި ފުލުހުން ނާންގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ