ފުލުހަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހޯދާ މީހާ އަދިވެސް ނުފެނޭ

ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ފުލުހުން ހޯދަމުންދާ އއ. އުކުޅަސް އުމުރުން ސައުވީސް އަހަރުގެ ކާމިލް އިބްރާހިމް އަދިވެސް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
އޭނާ ހޯދުމަށްޓަކައި ފުލުހުން ވަނީ، ޗާންދަނީމަގުގެ ކަންމަތީގައި ފުލުހުން ހަރުކޮށްފައިވާ ސީ.ސީ.ޓީ.ވީ ކެމެރާއެއް އޭނާ ހަލާކުކޮށްލާ، ފުލުހަކަށް ބިރުދައްކާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްވެސް އާއްމުކޮށްފައެވެ.
ފުލުހުން ބުނިގޮތުގައި މިވީޑިއޯ އާއްމުކުރުމާ ގުޅިގެން ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ފުލުހުންނަށް ގުޅާ އޭނާއާ ބެހޭ މައުލޫމާތު ހިއްސާކޮށްފައިވާކަމަށެވެ.
އެހެން ނަމަވެސް މިހާތަނަށް އައިއިރު އޭނާ ދިރިއުޅޭ ވަކި ތަނެއް އެނގިފައިނުވާ ކަމަށާއި، އޭނާ އުޅޭ ތަނެއް އިނގޭނަމަ، ލަސްނުކޮށް މޯލްޑިވަސް ޕޮލިސް ސަރވިސްއަށް އެންގުމަށް އެފަރާތުން އެދިފައިވެއެވެ.
އަދި އޭނާއާ ގުޅޭ މައުލޫމާތު ހިއްސާކުރާ ފަރާތަކަށް ދޭންވާ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ދޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ.
 
އޭނާ ހޯދުމަށް ފުލުހުން އިއުލާންކޮށްފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުގެ ރޭ މާލެ ތެރޭގައި އެމް.ޑީ.ޕީއިން ކުރިއަށް ގެންދިއަށް މުޒާހަރާގައި  ފުލުހުން ބަހައްޓާފައިވާ ބެރިކޭޑްތައް ފަހަނައަޅައި ވަދެ ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދުގައި ޗާންދަނީމަގު-އޯކިޑުމަގު ގުޅުނު ކަންމަތީގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހަރުކޮށްފައި ހުރި ސީ.ސީ.ޓީ.ވީ ކެމެރާއަށް ގެއްލުންދީ ހަލާކުކޮށް، އެސަރަޙައްދުގައި އަމަން ބަލަހައްޓަން ޙަރަކާތްތެރިވި ފުލުހުންނަށް ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކާ މާރާމާރީ ހިންގާފައިވާ ކަމުގެ ތުހުމަތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ