މަޤާމުން ވަކި ކުރުމަށް މަސައްކަތް ނުކޮށް، ވެރިކަމުގައި ހުންނެވި ކޮއްކޯފުޅަށް މައުމޫން އެއްބާރުލުން ދެއްވަން ޖެހޭ- އައްސަދު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މަޤާމުން ދުރުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ބަދަލުގައި ކުރީގެ ރައީސް މައުމޫން މިއަދު ކުރެއްވުން އެންމެ އެދެވިގެންވާ ކަމަކީ، ވެރިކަމުގައި ހުންނެވި ކޮއްކޮ ކުރައްވާ ތަރައްގީގެ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުން ކަމަށް ދާންދޫ ދާއިރާގެ މެމްބަރު އަހްމަދު އައްސަދު ވިދާޅުވެއްޖެއެވެ. ޗެނަލް13ގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދާންދޫ ދާއިރާގެ މެމްބަރު އަޙްމަދު އައްސަދު ވިދާޅުވީ، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން މަސައްކަތް ކުރުމަކީ ދިވެހިން މިއަދު ލަދުވެތިވާ ކަމެއް ކަމަށެވެ. މައުމޫންގެ އަމަލުތަކަކީ ހަޑި މުޑުދާރު އަމަލުތަކެއް ކަމަށްވެސް އައްސަދު ވަނީ ވިދާޅުވެފައެވެ. އައްސަދު ވިދާޅުވީ މިއަދު އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީންގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުން އަންނަނީ އެމަނިކުފާނު ރާއްޖެއަށް ގެންނަމުންދާ ތަރައްޤީގެ ސަބަބުން ކަމަށެވެ. އަދި އަނިޔާވެރި ސަރުކާރެއް ކަމަށް ބުނެ، މި ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުން އަންނައިރު، ދިވެހިންނަށް "އަނިޔާވެރި" މި ލަފްޒު އެންމެ ފުރަތަމަ ކިޔަން އެނގުނީވެސް ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ފެނުނު އަނިޔާވެރިކަމުގެ ސަބަބުން ކަމަށްވެސް އައްސަދު ވިދާޅުވިއެވެ.ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އައްސަދު ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އައްސަދު ވިދާޅުވީ، ކުރީގެ ރައީސް ނަޝީދަކީ މައުމޫނަށް ފާޑު ވިދާޅުވެ، މައުމޫނަކީ ޤާނޫނާއި ޚިލާފަށް ވެރިކަން ކުރައްވާ ހުދްމުހްތާރު ވެރިއެއް ކަމަށް ވިދާޅުވަމުން ގެންދެވި ބޭފުޅެއް ކަމަށެވެ. އެހެންނަމަވެސް، މިއަދު ނަޝީދު މައުމޫންގެ ވެރިކަމަށް ފާޑު ނުކިޔަނީ، އަމިއްލަ މަންފާތަކެއް ހާސިލް ކުރައްވަން ބޭނުން ވެލައްވާތީ ކަމަށް އައްސަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޤާނޫނާއި ޚިލާފަށް މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބްގައި ވާދަ ކުރެއްވުމަށް 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ނަޝީދު މަސައްކަތް ކުރެއްވި ނަމަވެސް އެކަން ނުވާނެ ކަމަށެވެ. އަދި އެއީ ރައީސް ޔާމީނަށްވެސް ކޮށްދެވޭނެ ކަމެއް ނޫން ކަމަށް އައްސަދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ