ގުޅިފައިވާ ޕާޓީތަކުން މިކުރާ މަސައްކަތަކީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލް ދިފާއު ކުރުން- ގާސިމް

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ދިފާއު ކުރުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖަރުމަނުގައި ހުންނެވި ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކުލައަކީވެސް ފެއްސާއި ރަތާއި ހުދު ކަމަށާއި، އެކަން ދުވަހަކުވެސް ހަނދާން ނައްތާނުލައްވާނެ ކަމަށެވެ. އަދި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރަމުން އަންނަ މަސައްކަތަކީ ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލް ދިފާއުކޮށް ލޯ އެންޑް އޯޑަރ ނެގެހެއްޓުން ކަމަށްވެސް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ އެއްވެސް މީހަކަށް ގާނޫނަށްވުރެ މަތީގައި ނުހުރެވޭނެ ކަމަށެވެ.
މި ޓްވީޓަށް ފަހު ދެން ގާސިމް ކުރެއްވި ޓްވީޓުގައި ވަނީ ރައީސް އަބްދުﷲ ޔާމީނަށް ގިނަ ސުވާލުތަކެއް ކުރިމަތި ކުރައްވާފައެވެ. ރައީސަށް ގާސިމް އަމާޒު ކުރެއްވި ފުރަތަމަ ސުވާލަކީ ”ރައީސުލްޖުމްހޫރިއްޔާ އާއި ޑިފެންސް މިނިސްޓަރު، ގާނޫނާއި ޚިލާފު އަމަލުތައް ބަހާއި އަމަލުން ފާޅުގައި ކުރައްވަމުން ނުގެންދަވާތޯ” ކުރެއްވި ސުވާލެވެ. ދެވަނައަށް ކުރެއްވީ ”ދުނިޔެއިން އެކަހެރިވެ، ސަރުކާރު ތެރޭގައި ޚިޔާނާތާއި ފަސާދަ އާންމުވެގެން ދާއިރު ކަމާބެހޭ ފަރާތްތަކުން ބަލަހައްޓައިގެން ތިބުމަކީ ލޯ އެންޑް އޯޑަރ ތޯ” ކުރެއްވި ސުވާލެކެވެ.
މި ދެސުވާލަށް ފަހު ދެން ގާސިމް ކުރެއްވި ތިންވަނަ ޓްވީޓުގައި ފުރަތަމަ ވަނީ ރައީސް މީގެކުރިން ދެއްކެވި ބަޔެއް ވާހަކަފުޅުގެ ސުރުޚީ ޖެއްސެވުމަށް ފަހު ސުވާލެއް ކުރައްވަމުން ހިނފުޅުވަޑުވާލައްވާފައެވެ. އެގޮތުން ”ރައީސް ޔާމީން ފާޅުގައި ވިދާޅުވީ” ކަމަށް ލިޔުއްވައި ގާސިމްގެ ޖެއްސެވި ފުރަތަމަ ސުރުޚީއަކީ ”ދޫވެއްސަށް ފޮށިގަނޑު ގަނޑުގައި އަދީބު ވެއްދި ފައިސާ ޙަލާލެއްނޫން” މި ސުރުޚީއެވެ. ދެން ލިޔުއްވީ ”އަދީބު މަޖިލިސް މެމްބަރުންނަށް ބެއްސެވީ އަހަރެންގެ ފައިސާ” ކަމަށް އޮތް ސުރުޚީއެވެ.
މި ދެވާހަކަ ލިޔުއްވުމަށް ފަހު ގާސިމް ރައީސް ޔާމީނަށް އަމާޒު ކުރައްވާފައިވާ ސުވާލަކީ ”މިއީ ރިޝްވަތު ނޫން ކޮންއެއްޗެއްތޯ، އެ ތަހްގީގުތައް ނިމި، ޝަރީއަތްވެސް ނިމުނީތޯ، މަނިކުފާނު އިނޮސެންޓްތޯ” މި ސުވާލެވެ. މި ސުވާލަށް ފަހު ގާސިމްގެ ޓްވީޓް ނިންމާލައްވާފައި ވަނީ ހިފުޅުވަޑުވާލެއްވުމަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ