ސުޕްރީމް ކޯޓުގެ ފޯނަކުން އަލީ ހަމީދު ވަނީ ރުފިޔާ ޓްރާންސްފާ ކޮށްފައި: ދައުލަތް

ސުޕްރީމު ކޯޓުގައި ބޭނުންކުރާ ފޯން ނަންބަރަކުން ފަނޑިޔާރު އަލީ ހަމީދު އެމަނިކުފާނުގެ ދެ ބޭފުޅަކަށް 2200 ރުފިޔާ ޓްރާންސްފާ ކުރައްވާފައިވާ ކަމަށް ދައުލަތުން ބުނެފި އެވެ.
ދައުލަތުން މިހެން ބުނެފައިވަނީ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ސަރުކާރުގެ އެއްޗެއް އަމިއްލަ ފައިދާއަށް ބޭނުންކުރުމުގެ ދައުވާއާއި ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގަ އެވެ.
ދައުލަތުން މިއަދު އިއްވި ދައުވާގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގައި ބޭނުންކުރާ މޮބައިލް ފޯން ނަންބަރަކުން އަލީ ހަމީދު އެމަނިކުފާނުގެ ދެ ބޭފުޅަކަށް 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2011 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 2200 ރުފިޔާ ޓްރާންސްފާ ކޮށްފައިވާ ކަމަށެވެ.
ދައުލަތުން ދައުވާ އިއްވުމުން މައްސަލަ ބައްލަވާ ގާޒީ އަހްމަދު ހައިލަމް ވަނީ މައްސަލައާއި ގުޅޭ ލިޔުންތައް ލިބިވަޑައިގެންފައިވޭތޯއާއި ދައުވާ ސާފުވެވަޑައިގެންފައިވޭތޯ ފަނޑިޔާރު އަލީ ހަމީދާ ސުވާލު ކުރައްވާފަ އެވެ. ޖަވާބުގައި އަލީ ހަމީދު ވިދާޅުވީ ދައުވާ ވަރަށް ސާފު ކަމަށާއި މައްސަލައިގެ ލިޔުންތައްވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ފަނޑިޔާރު އަލީ ހަމީދު ވިދާޅުވީ މައްސަލާގައި ކުރިއަށް ވަޑައިގަތުމަށް ވަކީލަކު އައްޔަންކުރަން 10 ދުވަސް ބޭނުންވާ ކަމަށެވެ. ނަމަވެސް ދައުލަތުން ބުނީ މިމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބެލިއިރު ވަކީލަކު ބޭނުން ނުވާ ކަމަށް އަލީ ހަމީދު ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ގާޒީ ވަނީ ވަކީލަކު އައްޔަންކުރަން އަލީ ހަމީދަށް ފުރުސަތު ދެއްވާފަ އެވެ.
މިމައްސަލާގައި ދެން ބާއްވާ އަޑުއެހުމަށް ވަކީލަކާ އެކު ހާޒިރުވެވަޑައިގެން ދައުވާއަށް ޖަވާބުދާރީވެ ވަޑައިގަތުމަށްވެސް ގާޒީ ހައިލަމް މިއަދު ވަނީ ފަނޑިޔާރު އަލީ ހަމީދަށް އަންގަވާފަ އެވެ.
ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އެހެން ބައެއް ދައުވާތައް ވެސް އުފުލި ޝަރީއަތްތައް ހިނގަމުންދާއިރު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލަ އަލީ ހަމީދުގެ މައްޗަށް ސާބިތުވެ އެމަނިކުފާނު އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށްވެސް ކްރިމިނަލް ކޯޓުން ވަނީ މިމަހުގެ 10 ވަނަ ދުވަހު ހުކުމްކޮށްފަ އެވެ. މިމައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުގައި މިހާރު ވަނީ ފަށާފަ އެވެ.
ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ސަރުކާރުގެ އެއްޗެއް އަމިއްލަ ފައިދާއަށް ބޭނުންކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރަށް ޖަލަށް ލުމަށް ނުވަތަ ގޭބަންދަށް ނުވަތަ އަރުވާލުމަށް ހުކުމްކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ