ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭސްފަރުވާގެ ފުރުސަތު ދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސަރުކާރަށް ގޮވާލައްވައިފި އެވެ.
ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބަލިވެއްޖެނަމަ ސިފާ ހޯދަން މަސައްކަތް ކުރުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ. ދައުލަތުގެ ބެލުމުގެ ދަށުގައިވާ މީހުންނަށް ބޭސް ފަރުވާ ކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. އިންސާނިއްޔަތަށްޓަކައި ކޮށްދޭން ޖެހޭ ކަމެއް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫންގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ އަދީބުގެ ދިފާއުގައި ޓްވީޓެއް ކުރައްވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ، އެކަށީގެންވާ ބޭސްފަރުވާ އަދީބަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. އެކަން ލަސްކުރުމަކީ ލާއިންސާނީ އަމަލެއް ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް ވަނީ އެކަމާ ގުޅޭ ގޮތުން ޓްވީޓް ކުރައްވާފަ އެވެ. ހަސަން ލަތީފް ވިދާޅުވީ، އަދީބަށް ބޭސްފަރުވާ ނުދީ ހިންގަނީ ޖަރީމާއެއް ކަމަށާއި އެކަމުގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީކުރުވޭނެ ދުވަހެއް އަންނާނެ ކަމަށެވެ.
ބޭސްފަރުވާ ނުލިބިގެން އަދީބު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ޑިސްޕިއުޓް މަރުހަލާގައި ހައްލުނުވުމުން ޝަރީއަތަށް ފޮނުވާފައިވާއިރު މައްސަލާގެ ލިޔެކިޔުންތައް ބަދަލުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު އަޑުއެހުމެއް ބޭއްވި އެވެ. އެ އަޑުއެހުމުގައި ދައުލަތުން ވަނީ އިޖުރާއީ ނުކުތާއެއް ނަގާފަ އެވެ. އަދީބުގެ ދައުވާއަށް ޖަވާބުދާރީނުވެ، ދައުލަތުން އެދުނީ އެ މައްސަލައަކީ ކުރިއަށް ނުގެންދެވޭނެ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށެވެ.
އެކަމާ ގުޅިގެން ޖަވާބުދާރީވުމަށް އަދީބަށް ފުރުސަތު ދިނުމުގެ ގޮތުން އެ އަޑުއެހުން ނިންމާލައި އެހެން އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ.
އެ ދުވަހު އަދީބު މާލެ ގެންނެވިއިރު އެމަނިކުފާނުގެ ބޯ ހުރީ ވަރަށް ތުނިކޮށް ކޮށާފަ އެވެ. މީގެކުރިން ދިގު އިސްތަށިގަނޑެއް އޮތް އަދީބު ބޯ ބާލާފައިވަނީ ސިއްހީ ހާލު ގޯސްވެ، އުނދަގޫތަކެއް ވާތީ ކަމަށް އޭނާގެ ވަކީލް މޫސާ ސިރާޖު ވިދާޅުވެފައިވެ އެވެ.
ތިރީސް ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ އަދީބަށް ލޮލުގެ ބައްޔެއް ކަމަށްވާ ގުލައުކޯމާ ޖެހިފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ސިއްހީ މައްސަލައެއް ކަމަށްވާ "ކެޓެރެކްޓް" އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީގެއިތުރުން އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފަ އެވެ.
އަދީބުގެ ވަކީލް ކުރިން ވިދާޅުވެފައިވާ ގޮތުގައި، ކޯޓަށް ހުށަހެޅި މައްސަލާގައި އަދީބަށް ރާއްޖެއިން ކުރެވެން ނެތް ފަރުވާތަކަށް ބޭރަށް ފޮނުވައިދިނުމުގެ އަމުރަކަށް ވަނީ އެދިފަ އެވެ.
އަދީބު ބޭސްފަރުވާއަށް ބޭރަށް ދިޔުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދާފަ އެވެ. ސަރުކާރުން ބުނަނީ އަދީބަށް ބޭރަށް ވަޑައިގެންނެވީ ދައުލަތަށް ދައްކަންޖެހޭ ފައިސާތައް ދެއްކުމަށްފަހު ކަމަށެވެ. ނަމަވެސް މިހާތަނަށް އަދީބުގެ މައްޗަށް ފައިސާތަކެއް ދެއްކުމަށް އެއްވެސް ހުކުމެއް ކޮށްފައެއް ނުވެ އެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި އަދީބުގެ މައްޗަށް ޖިނާއީ ދައުވާތަކެއް ސާބިތުވެ މިހާރު ވެސް އިތުރު ދައުވާތަކެއް ހިންގަ އެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއްގައި މަދަނީ ދައުވާއެއް ނުކުރެ އެވެ. މިހާރު ގާނޫނު އޮތް ގޮތުން ހިޔާނާތުގެ ފައިސާ ހޯދާނީ ވަކިން މަދަނީ ދައުވާކޮށްގެންނެވެ.
އަދީބަށް ފަރުވާ ފޯރުކޮށްދޭން މައުމޫން ވެސް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ