ތިން އަހަރު ތެރޭގައި 140 މެގަވޯޓުގެ ކަރަންޓު ދެވިއްޖެ، މިއީ ބޮޑު ބަދަލެއް: ރައީސް

ފާއިތުވީ ތިން އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް، 140 މެގަވޮޓުގެ ކަރަންޓު ފޯރުކޮށް ދެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ނ. މަގޫދޫގައި އަލަށް އިމާރާތްކުރި އިންޖީނުގެއާ އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މިހާތަނަށް އައިއިރު 133 ރަށަކަށް އިންޖީނު ފޯރުކޮށްދީފައިވާ ކަމަށާއި އޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ޖުމުލަ 213 އިންޖީނު ބަހައްޓައި ދީފައިވާ ކަމަށެވެ. "ފެނަކައިން މިހާތަނަށް ކުރި މަސައްކަތުގައި ތިރީސް ރަށެއްގައި އިންޖީނުގެ ވަނީ ނިމިފަ. މިހާރުވެސް އެއްތިރީސް ރަށެއްގަ އަމަލީ މަސައްކަތް ކުރިއަށް އެބަދޭ. ޖުމްލަ ހަތްދިޔަ އައު އިންޖީނުގެ އެޅުމުގެ ޕްރޮޖެކްޓް އަދި ސާދަ ރަށެއްގައި އައު އިންޖީނުގެ އެޅުމުގެ ޕްރޮޖެކްޓްގެ ޕްލޭން ކުރިއަށް އެބަގެންދޭ،" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހަކީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުވާ އަހަރެއް ކަމަށެވެ. އަދި ވިދާޅުވީ ކަރަންޓު ބޭނުންކުރާ ނިސްބަތް މަތި ވުމުގެ ސަބަބުން އިންޖީނުތައް ނިވިގެން ބަދަލު ކުރަންޖެހޭ ކަމަށާއި ނަމަވެސް ވޭތުވެދިޔަ އަހަރު އެފަދަ ޝަކުވާއެއް ލިބިފައި ނެތް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ނ. މަގޫދުއަށް ޒިޔާރަތްކުރެއްވުން -- ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ރާއްޖެ ތަރައްގީ ކުރާނީ ލާމަރުކަޒީ ނިޒާމުން ކަމަށް ބުނެކަމަށެވެ. އެމަނިކުފާން ވިދާޅުވީ ރާއްޖެ އުފެދިފައި މި އޮތް ގޮތުންނާއި ރާއްޖެއަށް ލިބިފައިހުރި ގުދުރަތީ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނީ ލާމަރުކަޒީ ނިޒާމަކުން ރާއްޖެ ތަރައްގީ ކޮށްގެން ކަމުގައި ދެކެވަޑައިގަންވާ ކަމަށެވެ. އެމަނިކުފާން ވިދާޅުވީ ގައުމެއްގައި ވެރިކަމެއް ކުރަމުން އަންނައިރު ރައްޔިތުންނަށް ބޭނުންވާނޭ އެންމެ އަސާސީ ހިދުމަތްތައް ކަމުގައިވާ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކޮށްދިނުމަކީ އެ ވެރިއަކަށް ލާޒިމު ވާނޭ ކަންކަން ކަމަށެވެ. ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވިއިރު އޭގެން ބޮޑުބައެއް އަދި ވެސް ވަނީ ނުފުދި ކަމަށެވެ. އެގޮތުން ރާއްޖޭގައި ފެނާއި ނަރުދަމާގެ ގާއިމުކޮށްދީފައިވާ ރަށްރަށުގެ ނިސްބަތް ވިހި ޕަސެންޓްށް ވެސް ނާރާ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މަގޫދޫ ބަނދަރު އިތުރަށް ބޮޑުކޮށް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް މިވަގުތު އޮތީ ޓެންޑާ މަރުހަލާގައި ކަމަށާއި އެހެންކަމުން ކުރިއަށް އޮތް ދެތިން މަހެއް ތެރޭގައި އެކަން ނިމި އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. "ނިމިދިޔަ އަހަރުގެ ޑިސެމްބަރު ނިމުނުއިރު މިހާރު ރާއްޖޭގެ އެއްވެސް ރަށެއް ނޯންނާނެ އެ މަސައްކަތް ކުރުމަށް ޓަކައި ބަޔަކާ ހަވާލު ނުކުރާ. އަޅުގަނޑުގެ އަމާޒަކީ ބާކީ އޮތް ދެ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކޮށް ނިންމުން،" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މީހުން ދިރިއުޅޭ ހިސާބުގައި މަގޫދޫ އިންޖީނުގެ ހުރުމުގެ ސަބަބުން އެކަމުގެ ދަތިކަން ރައްޔިތުން ތަހައްމަލު ކުރަމުން ޖެހުނު ކަމަށެވެ. އޭގެ އިތުރުން ރަށަށް ބޭނުންވާ ވަރަށް ކަރަންޓު ނުލިބުމުގެ ދަތިކަން ވެސް އޮތް ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ