ދިވެހި ރައްޔިތުން މިއަދު އިންތިޒާރު ކުރަމުންދަނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓާއި ރަނިންމޭޓަށް ވޯޓުލާން ދެވޭނެ ދުވަހަކަށް ކަމަށް ޖޭޕީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް 10 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ޖަލްސާގައި ސްކައިޕްމެދުވެރިކޮށް ވާހަކަފުޅުދައްކަވަމުންނެވެ.
އަލީ ވަހީދު ވިދާޅުވީ ރައީސް ޔާމީންގެ މި އަނިޔާވެރި ވެރިކަން ނިންމޭނެ ދުވަހަކަށް ރައްޔިތުން އިންތިޒާރު ކުރަމުންދާ ކަމަށެވެ.
އަދި އިންތިޚާބުގައި ދިވެހިން އިބޫ އާއި ފައިސަލްއަށް ވޯޓުލާނީ ލޯބިން ކަމަށްވެސް އަލީ ވިދާޅުވި އެވެ.
މީގެ އިތުރަށް ޖޭޕީއާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ޖުމްހޫރީ ޕާޓީއަށް 11 ވަނަ އަހަރަކަށް ފެށިގެންދާއިރު އެޕާޓީ އަކީ ހަސަބާއި ނަސަބުގެ ތަފާތުތައް ނައްތާލައި އެންމެހާ ދިވެހި ރައްޔިތުންނަށް ހަމަހަމަ ފުރުސަތަކާއިއެކު ހުޅުވާލެވިގެން އުފައްދާފައިވާ ޕާޓީއެއް ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ ރައްޔިތުންނާއި ޤައުމައްޓަކައި ޤާސިމް އިބްރާހިމް ކުރައްވަމުންގެންދަވާ މަސައްކަތުގައި މިއަދުވެސް އެންމެ ތަންފުކެއްވެސް ދޫނުދެއްވައި ހުންނެވި ކަމަށެވެ.
މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޖޭޕީގެ ނާއިބުރައީސް ޑރ.އަބްދުﷲ މައުސޫމް ވިދާޅުވީ، ދިވެހިން ތަހައްމަލްކުރަމުންދާ އަނިޔާވެރިކަން ނިމެން ވަރަށް ގާތްވެއްޖެ ކަމަށެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖޭޕީގެ ޕީޖީ މެންބަރު އަދި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ، ދިވެހިރާއްޖޭގައި އޯގާތެރި އުފާވެރި ދިރިއުޅުމެއް ހޯދަން ބޭނުންނަމަ އިބޫ އާއި ފައިސަލް އަށް ވޯޓު ދެއްވުމަށް ރާއްޖެއަށް ހެޔޮއެދޭ ހުރިހާ ލީޑަރުންވެސް މިއަދު ގޮވާލަމުންދާ ކަމަށެވެ.
އަދި ނޫ އިޤްތިސޯދެއްގައި ޖަޒީރާ ރާއްޖޭގައި ފަހުރުވެރި އާއިލާއަކަށް އުފާވެރި ދިރިއުޅުމެއް އުޅެވޭނީވެސް ޕާޓީތަކުގެ ކެންޑިޑޭޓަށް ވޯޓުދެއްވައިގެން ކަމަށެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޖޭޕީގެ ހިންގުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި އަދި އެޕާޓީގެ ޑެޕިއުޓީ ލީޑަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވީ، ޖޭޕީ އަކީ މި ޤައުމަށް އިސްލާހުގެނައުމަށް ވަރަށްބޮޑެތި ޤުރުބާނީތައް ވެފައިވާ ޕާޓީއެއް ކަމަށެވެ.
ޑރ. ހުސައިން ވިދާޅުވީ ކޮންމެ އިންތިޚާބެއްގައިވެސް ޖޭޕީގެ ދައުރު ވަރަށްބޮޑުކަމަށާއި، އަދި 2018ގެ އިންތިޚާބު ކާމިޔާބުކުރުމަށްވެސް ޖޭޕީއަށް ކުރެވެންހުރި ހުރިހާކަމެއް ކުރަން އެޕާޓީއޮތީ ތައްޔާރަށް ކަމަށް ވިދާޅުވި އެވެ.
ޖޭޕީގެ ނައިބު ލީޑަރު އަބުދުﷲ އަމީން ވިދާޅުވީ، ޑިމޮކްރަސީގެ އަސާސްތައް ހަނދާން ނައްތާލައިފިނަމަ ކޮންމެ ސަރުކާރަކަށްވެސް ޖެހޭނީ ކޮރަޕްޝަންގެ ތެރެއިން ކަންކަން ކުރަން ކަމަށެވެ. އެހެންކަމުން ޑިމޮކްރަސީގެ ރިވެތި އުސޫލުން ކަންކަން ކުރަންޖެހޭކަމަށާއި، ރާއްޖެ ދެކެން ބޭނުންވާ ތަރަށްޤީވެސް ގެނެވޭނީ ޕާޓީތަކަށްވެސް ޑިމޮކްރަސީގެ ތެރެއިން ހަރަކާތްތެރިވެވޭނެ ފުރުސަތުވެސް ފަހިކޮށްދެވިގެން ކަމަށެވެ.
ޖުމްހޫރީ ޕާޓީއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް މ.ކުނޫޒުގައި ހުންނަ ޖޭޕީގެ މައި ހެޑްކުއާޓާޒްގައި ރޭ ބޭއްވި މިޖަލްސާގައި ޖޭޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ބައެއް ބޭފުޅުންގެ އިތުރަށް ޕާޓީތަކަށް ތާއީދުކުރާ ގިނަ އަަދަދެއްގެ އާއްމުންވަނީ ބައިވެރިވެފަ އެވެ.
ރައްޔިތުން ތިބީ ވޯޓުލާން ދެވޭނެ ދުވަހެއްގެ އިންތިޒާރުގައި: އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ