ފަހުމީގެ ބަދަލުގައި މީހަކު އައްޔަން ނުކުރުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފި

ރައްޔިތުންގެ މަޖިލިސްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައިވާ ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު މުހައްމަދު ފަހުމީ، މަގާމުން ވަކިކޮށްފައިވުމާއި ގުޅިގެން އެމައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅިފައިވާތީ އެ މައްސަލަ އާއި މެދު ގޮތެއް ނިމެންދެން ސިވިލް ސާވިސް ކޮމިޝަންއަށް މެމްބަރަކު އައްޔަން ނުކުރުމަށް ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކަށް ސުޕްރީމް ކޯޓަށް އަމުރުކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ ފަހުމީ ހުށަހަޅާފައިވާ އެ މައްސަލައާ މެދު އެ ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން ސިވިލް ސާވިސް ކޮމިޝަނުން މިހާރު ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް މީހަކު އައްޔަން ކުރުމުގެ ގޮތުން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައި އަމުރު ކުރާ ކަމަށެވެ.
އަދި އެ އަމުރު ކޮށްފައި ވަނީ ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް ކަމަށް ވެސް ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައިވެ އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް އަމުރުކޮށްފައި ވަނީ މަގާމުން ވަކިކުރުމާ ގުޅިގެން ފަހުމީ އެ ކޯޓަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރަކަށް އެދުމާ ގުޅިގެންނެވެ.
ފަހުމީ މަގާމުން ވަކިކޮށްފައިވަނީ ސިވިލް ސާވިސް ކޮމިޝަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި ކަމަށް މިނިވަން މުއައްސަސާތަކައި ބެހޭ ކޮމިޓީން ނިންމުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓަށްފަހު އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފޮނުވި ރިޕޯޓް ފާސް ކުރަން ވޯޓް ދިނީ އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވި 72 މެންބަރުންގެ 38 މެންބަރުންނެވެ. އަދި ރިޕޯޓް ފާސް ކުރުމާ ދެކޮޅަށް 32 މެންބަރުން ވޯޓް ދެއްވި އެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ ދެ މެންބަރުން ތިއްބެވި އެވެ. ފަހުމީ މަގާމުން ވަކިކުރުމަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި އެމްޑީޕީ އާއި ޑީއާރްޕީގެ ބައެއް މެންބަރުން ހިމެނެ އެވެ.
އިތުރު ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ