އީރާން އޮޕަރޭޝަންގެ ނަމަކީ "ޝަހީދު ސުލައިމާނީ"!

އީރާނުން އެމެރިކާ އަށް ބަދަލު ހިފުމުގެ ގޮތުން ފަށާފައިވާ އޮޕަރޭޝަނުގެ ނަމަކީ "ޝަހީދު ސުލެއިމާނީ" ކަން އެ ގައުމުން ހާމަކޮށްފިއެވެ.
އެ ގައުމުގެ ރަސްމީ ޓީވީ އިން ބުނެފައި ވަނީ އީރާނުން ރަސްމީކޮށް އެ ގައުމުގެ މޭޖާ ޖެނެރަލް ޣައްސާމް ސުލެއިމާނީގެ މަރުގެ ބަދަލު ހިފަން ފަށައިފި ކަމަށާއި މި އޮޕަރޭޝަނުގެ ނަމަކީ "ޝަހީދު ސުލެއިމާނީ" ކަމަށެވެ.
އިރާނުން ބަދަލު ހަމަލާތައް ދޭން ފަށާފައި ވަނީ މިރޭ 01:20 ހާއިރުއެވެ. އެއީ އެމެރިކާ އިިން ސުލެއިމާނީ އަވަހާރަކޮށްލަން ޑްރޯން ހަމަލާވެސް ފޮނުވާލި ވަގުތެވެ.
ސުލެއިމާނީ ފަސްދާނުލުމުގެ ކަންކަން ނިމުމާއި އެކު އީރާނުން ބަދަލު ހަމަލާތައް އެންމެ ފުރަތަމަވެސް ފޮނުވާލާފައި ވަނީ އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒު އައިން އަލް އައްސަދު އަށެވެ. މިއީ އިރާގުގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒެވެ.
އެ މަރުކަޒަށް 10ށް ވުރެން ގިނަ ބަލިސްޓިކް މިސައިލް އީރާނުން ފޮނުވާލާފައި ވާއިރު، އީރާނުގެ ނޫސްތަކުން ބުނެފައި ވަނީ އެކަން ވައިޓް ހައުސްގެ ސަމާލުކަމަށްވެސް އައިސްފައިވާ ކަމަށާއި ވައިޓް ހައުސް އިން ޓްރަމްޕާއި ހަވާލާދީ މިކަން ގާތުން ބަލަމުން އަންނަ ކަމަށް ބުނެފައިވާ ކަމަށެވެ.
އައިން އަލް އައްސަދުގެ އިތުރުން އެމެރިކާގެ އެހެން ތަންތަނަށްވެސް އީރާނުން ހަމަލާތައް ދޭން ފަށާފައިވާ ކަމަށް އީރާނުގެ ރަސްމީ ޓީވީ އިން ބުނެފައެވެ.
އީރާނުން ދިން ހަމަލާތަކުގައި އެމެރިކާ އަށް ވި ގެއްލުންތަކުގެ ތަފްސީލެއް އަދި ލިބިފައި ނުވާއިރު، އެމެރިކާ އިން އަދި ރައްދު ހަމަލާއެއް ދީފައިވާ ކަމެއް އެނގިފައެއް ނުވެއެވެ.
އީރާނުން ވަނީ އެގައުމުން އެއްބަސްވި ގޮތަށް ސުލެއިމާނީގެ މަރުގެ ބަދަލަށް ވަރުގަދަ ހަމަލާތަކެއް އެމެރިކާގެ މަސްލަޙަތު އޮންނަ ތަންތަނަށް ފޮނުވާލާފައެވެ. މިކަމުގެ ރައްދެއްގެ ގޮތުން އެމެރިކާ އިން ކުވެއިތުގައި ތިބި އެގައުމުގެ ސިފައިންތަކުގެ ބޭނުން ހިފާނެ ކަމަށް ބެލެވެއެވެ.
ކުވެއިތަށް 3500 ސިފައިން ދާދި ފަހުން އެމެރިކާ އިން ފޮނުވާފައި ވާއިރު އެ ސިފައިންނަކީ "82 އެއާބޯން ޑިވިޝަން"ގެ ސިފައިންނެވެ. މި ސިފައިންނަކީ ހުއްދަ ނުހޯދައި ސަރަހައްދުތަކަށް ވައިކުޑާގައި ފުންމާލުމަށްފަހު ހަމަލާ ދޭން ޙާއްސަ ވެފައިވާ ސިފައިންގެ ޑިވިޝަނެކެވެ. މިއީ އެމެރިކާ ސިފައިންގެ ތެރޭގައި އޮންނަ ޑިވިޝަންތަކުގެ ތެރެއިން އެންމެ އަވަހަށް އެއްތަނުން އަނެއްތަނަށް ބަދަލުވެ، ހަމަލާތައް ދޭންވެސް ތަމްރީން ހަދައި، އެކަމަށް ޙާއްސަވެފައި އޮންނަ ޑިވިޝަންކަން ފާހަގަކޮށްލެވެއެވެ.
އެމެރިކާ އިން އަދި ރައްދު ހަމަލާ އެއް ދީފައި ނުވާއިރު އެގައުމުން ވަނީ ރައްދު ހަމަލާ ނުދިނުމަށް އެމެރިކާ އަށް އިންޒާރުވެސް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ