ނަމީރާއިން ޖައުސާއަށް ދޭންޖެހޭ ގެއްލުމުގެ ބަދަލުގެ ފައިސާގެ އަދަދު ކަނޑައަޅަން ހައިކޯޓުން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުން ޖައުސާ ކޮންސްޓްރަކްޝަނަށް ދައްކަންޖެހޭ 12.7 މިލިއަން އަށް ވުރެ ގިނަ ރުފިޔާގެ ތެރޭގައި ހިމެނޭ ލިކުއިޑޭޓަޑް ޑެމޭޖަސްގެ ފައިސާ އަލުން ކަނޑައެޅުމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ. ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި، ސިވިލް ކޯޓުން ކުރި ހުކުމްގައި ނަމީރާގެ ފަރާތުން ޖައުސާއަށް ދައްކަންޖެހޭ ކަމަށް ސިވިލް ކޯޓުން ކަނޑައެޅި 12.7 މިލިއަން ރުފިޔާގެ ތެރޭގައި ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި 8,332,054.22 ރުފިޔާ ދެއްކުމަށް ކަނޑައަޅާފައިވާ ކަނޑައެޅުން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލްކުރާ ކަމަށް ބުނެފައި ވެއެވެ. ސަބަބަކީ އެފައިސާގެ އަދަދު ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައި ނުވާތީ ކަމަށް ހުކުމްގައި ވެއެވެ. އެހެންކަމުން ލިކުއިޑޭޓަޑް ޑެމެޖަސް ނެގޭނެ މުއްދަތު ކަނޑައެޅުއްވުމަށްފަހު، އެ ފައިސާއިން ނަމީރާ އިން ޖައުސާ ގައި ބަހައްޓާފައިވާ ރިޓެންޝަން ފައިސާއަށްވާ އަދަދު އުނިކުރެއްވުމަށްފަހު، އެ ފައިސާގެ އަދަދު ކަނޑައެޅުމަށް ސިވިލް ކޯޓަށް ހައިކޯޓުން ވަނީ އަންގާފައެވެ. ހައިކޯޓުން މިގޮތަށް ހުކުމް އިއްވުމާއެކު ނަމީރާއިން ދެންޖެހޭނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާށެވެ. ނަމީރާގެ މައްޗަށް ޖައުސާއިން ދައުވާކުރީ ޑިފެންސް މިނިސްޓްރީގެ ނުވަ ބުރީގެ އިމާރާތް އެޅުމަށް ޖައުސާއާ ހަވާލުކޮށްފައި ވަނިކޮށް އެ އިމާރާތުގެ ކަރަންޓުގެ މަސައްކަތްތައް ބޭނުންވާ ތަކެތި ޖައުސާއަށް ސަޕްލައިކޮށް ދިނުމަށް ދެ ފަރާތުގެ ދެމެދުގައިވި އެއްބަސްވުމާ ނަމީރާއިން ޚިލާފްވި ކަމަށް ބުނެ ލިބެންޖެހޭ ފައިސާ އާއި ގެއްލުމުގެ ބަދަލުމުގެ ބަދަލުގެ ގޮތުގައި ލިބުނު ފައިސާ ހޯދުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ