ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ބިލް ބަލައިގަނެފި

ރައްޔިތުންނާ ގުޅޭ މުހިއްމު ކަންކަމާއި ގައުމީ އެކި މައްސަލަތަކުގައި ރައްޔިތުންގެ ވޯޓަށް އެހުމަށް ސަރުކާރުގެ ފަރާތުން އިނގުރައިދޫގެ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލިހަށް މިއަދު ބަަލައިގަނެ ދިރާސާ ކުރަން ކަމާ ގުޅޭ ކޮމިޓީ އަށް ފޮނުވައިފި އެވެ.ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް އެވެ.މި ބިލު މަޖިލީހަށް ބަލައިގެންފައިވަނީ 62 މެންބަރުންގެ ތާއީދާ އެކު އެވެ. އޭގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ހިމެނެ އެވެ. ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.އެ ވޯޓާ އެކު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ ބިލު ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރައްވާފަ އެވެ. މި ބިލު ދިރާސާ ކުރާނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނެވެ.އެ ބިލުގައިވާ ގޮތުން، ރައްޔިތުންގެ ވޯޓަށް އަހަންޖެހެނީ ގާނޫނުއަސާސީގައި އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބަޔަށް އިސްލާހު ގެނައުމާއި ރައްޔިތުންގެ މަޖިލީހުގެ އުމުރާ ގުޅޭ ބަދަލުތަކާއި ރިޔާސަތުގެ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތާއި ރައީސް ބިލްތައް ތަސްދީގުކުރުމާއި ރާއްޖޭގެ ސަރަަހައްދާ ގުޅޭ ކަންކަމުގަ އެވެ.ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީގުނުކޮށް ރައީސް އަނބުރާ ބިލު މަޖިލީހަށް ފޮނުވާލައިފި ހާލަތްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓެއް ނެގުމަށް މަޖިލީހުން ނިންމަން ޖެހޭ ކަމަށްވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ