ސެޕްޓެމްބަރަށް ސްމާޓް މީޓަރު ހަރުކޮށް ނިމޭނެ: ސްޓެލްކޯ

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުންގެ ކަރަންޓު މީޓަރުތައް ސްމާޓް މީޓަރަށް ބަދަލުކޮށް ނިމޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފަހުމީ މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ކުރަމުން އަންނަނީ ހުޅުމާލެ ފޭސް ދޭއްގައި ސްމާޓް މީޓަރު ހަރުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތްތައް ކަމަށެވެ.
ތަފްސީލް - ފަހުމީ ވިދާޅުވީ ސްޓެލްކޯ އިން މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ޒަމާނީ ހިދުމަތްތައް ފޯރުކޮށްދީ، ކުންފުންޏާ މެދު އޮންނަ އިތުބާރު އިތުރުކުރަން ކަމަށެވެ.
ސްމާޓް މީޓަރާ އެކު ސްމާޓް އެޕްލިކޭޝަން ތައާރަފު ކުރުމުން ކަސްޓަމަރުންނަށް މީޓަރުގެ މައުލޫމާތު ފެނި، ކޮންމެ ގަޑިއިރަކަށް އަދި ކޮންމެ ދުވަކަށް އަދި ހަފްތާއަކަށް ކަރަންޓު ބޭނުންކުރާ މިންވަރު ފެންނާނެ އެވެ.
ފަހުމީ ވިދާޅުވީ މި ހިދުމަތާ އެކު ކަރަންޓު ބޭނުންކުރެވޭ މިންވަރު ބަލައި ކަރަންޓު އިގްތިސޯދު ކުރުމަށް ސަމާލުކަން ދެވޭނެ ކަމަށެވެ.
މީގެ އިތުރުން:
ކަރަންޓަށް ކުރާ މާލީ ހަރަދު ކުޑަކުރަން އެހީއަކަށް ވާނެ
އެއް ބިލަށް ވުރެ ގިނަ ބިލަށް އެއްފަހަރާ ފައިސާ ދެއްކުމުގެ ފުރުސަތު ލިބޭނެ
ސްޓެލްކޯ ކެއާ މެދުވެރިކޮށް ކަސްޓަމާ ސާވިސް މުވައްޒަފުންނާ މުއާމަލާތް ކުރެވޭނެ
ފަހުމީ ވިދާޅުވީ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ހައިސިއްޔަތުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ސްޓެލްކޯއާ މެދު އެ ކުންފުނީގެ ކަސްޓަމަރުންގެ އިތުބާރު ދަމަހައްޓައި ޒަމާނީ ޓެކްނޮލޮޖީއާ އެކު ލިބޭ ފަސޭހަތަކާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފުރިހަމަ ހިދުމަތެއް ދިނުމަކީ ސްޓެލްކޯގެ އަމާޒު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ